ފްރާންސް ލީގުގައި ސެއިންޓް އެޓިއެން އާއި ޕީއެސްޖީ ބައްދަލު ކުރި މެޗުގައި ބްރެޒިލްގެ ތަރި ނޭމާ އަށް ބޮޑު އަނިޔާއެއްވެއްޖެއެވެ.

ޕީއެސްޖީ 3-1 އިން މޮޅުވި މެޗުގައި ނޭމާ އަށް އަނިޔާވީ މެޗު ނިމެން ކައިރިވެފައި ވަނިކޮށް އެޓިއެން ކުޅުންތެރިއެއްގެ އަތުން ބޯޅަ ހޯދަން އުޅުމުގެ ތެރޭގައި ކުޑަހުޅު ނެއްޓިގެންނެވެ. ވީޑިއޯ އިން ފެންނަ ގޮތުގައި ނޭމާގެ ވާތު ފައިގެ ކުޑަ ހުޅު ވަރަށް ބޮޑަށް އެނބުރިފައިވެއެވެ.

މި އަނިޔާއާ ގުޅިގެން ޕީއެސްޖީގެ ފޯވާޑް ވަރަށް ގިނަ ދުވަސް ވަންދެން ކުޅުމާ ދުރުގައި ހުންނަން ޖެހޭނެ ކަމަށް ބެލެވެއެވެ. ނޭމާ ވަނީ ޕީއެސްޖީ އަށް ބަދަލުވި ފަހުން ކުޑަހުޅަށް އަނިޔާ ވެގެން މީގެ ކުރިން ދެ ފަހަރު ވެސް ކުޅުމާ ދުރުގައި ހުންނަން ޖެހިފައެވެ.

އެންމެ ފަހުން ރޭ ނޭމާ އަށް ލިބުނު އަނިޔާއާ ގުޅިގެން އޭނާ އިންސްޓަގްރަމްގައި ބުނެފައި ވަނީ މިއީ ކޮންމެ އެތުލީޓަކަށް ވެސް ކެރިއަރުގައި ދިމާވެދާނެ ކަމެއް ކަމަށެވެ. މީގައި ކުރެވެން އޮތް ހުރިހާ ކަމަކީ އެކަމާ ކުރިމަތިލައިގެން ކުރިއަށް ދިއުން ކަމަށް ވެސް ނޭމާ ބުންޏެވެ.

ނޭމާ އަށިގަނޑުގައި ދަނޑުން ބާލަނީ.

"އަހަރެން އެނބުރި އަންނާނީ މާ ރަނގަޅަށް އަދި ވަރުގަދަކޮށް،" ނޭމާ ހިއްސާ ކުރި ޕޯސްޓެއްގައި ބުނެފައިވެއެވެ.

ކުޑަހުޅު ނެއްޓިގެން އޮޕަރޭޝަން ކުރަން ޖެހިއްޖެ ނަމަ، ކުޅުމުގެ ތެރެއަށް އަންނަން ހަ މަސް ދުވަހަށް ވުރެ ގިނަ މުއްދަތު ނަގައެވެ. އެކަމަކު، އޮޕަރޭޝަން ކުރަން ނުޖެހިއްޖެ ނަމަ، ކުޅުމުގެ ތެރެއަށް އެއަށް ވުރެ ކުރިން އައުމުގެ ފުރުސަތު އޮވެއެވެ.

އުމުރުން 29 އަހަރުގެ ނޭމާ އޮޕަރޭޝަނެއް ކުރަން ޖެހޭ ކަން ނުވަތަ ނޫން ކަން އަދި ނޭނގެއެވެ. އޮޕަރޭޝަން ކުރަން ޖެހިއްޖެ ނަމަ، މި އަހަރުގެ ބާކީ ބައިގައި ނޭމާ ދެން ނުފެންނާނެއެވެ. އޮޕަރޭޝަން ކުރަން ޖެހޭތޯ ބެލުމަށް މިއަދު ސްކޭންތަކެއް ހަދާނެ ކަމަށްވެއެވެ.

މި ސިޒާން ފެށުނު ފަހުން، ނޭމާ ވަނީ ލީގުގައި ޕީއެސްޖީ އަށް ތިން ލަނޑު ޖަހައިދީ، ތިން އެސިސްޓްކޮށްފައެވެ. ނޭމާ އަށް އަނިޔާވުމަކީ ޕީއެސްޖީގެ ކޯޗު މޮރީޝިއޯ ޕޮޗެޓީނޯ އަށް ބޮޑު ބޮލުގެ ރިހުމަކަށް ވާނެއެވެ. އެއީ ޕީއެސްޖީގެ މެޗުތަކުގައި ޕޮޗެޓީނޯ ބޭނުން ކުރާ އެންމެ މުހިންމު އެއް ކުޅުންތެރިއަކީ ވެސް ނޭމާއެވެ.

ޕީއެސްޖީ ލީގުގެ އެއްވަނައިގައި 15 މެޗު ކުޅެގެން 40 ޕޮއިންޓާއެކު އޮތް އިރު، ދެވަނައިގައި އޮތީ 28 ޕޮއިންޓާ އެކު ރެނެސްއެވެ.ތިންވަނައިގައި އޮތް ނީސް އާއި ހަތަރުވަނައިގައި އޮތް މާސޭ އަށް ވެސް ލިބެނީ 26 ޕޮއިންޓެވެ.