ދުނިޔޭގެ ޓެނިސް ރޭންކިންގެ އެއްވަނަ ގެއްލުނުތާ ހަފުތާއެއް ނުވަނީސް ސާބިއާގެ ނޮވަކް ޖޮކޮވިޗާއި އޭނާގެ ކޯޗިންގް ޓީމުގައި ހިމެނޭ އެގައުމުގެ މާރިއަން ވައެޑާ ދެވަނަ ފަހަރަށް ވަކިވެއްޖެއެވެ.

ޖޮކޮވިޗާއި އޭނާގެ ކޯޗު ވަކިވެފައިވާކަން އެ ދެމީހުން ވެސް ވަނީ ކަށަވަރުކޮށްދީފައެވެ. ޖޮކޮވިޗް ބުނީ އޭނާގެ ކެރިއަރުގައި ލިބިފައިވާ ބޮޑެތި ކާމިޔާބީތަކަކީ މާރިއަންގެ އެހީތެރިކަމާއެކު ހޯދިފައިވާ ކާމިޔާބީތައް ކަމަށެވެ.

އަދި ފާއިތުވެދިޔަ 15 ވަރަކަށް އަހަރު މާރިއަން ބެހެއްޓި ގާތް ރަހުމަތްތެރިކަމާއި ދިން އެހީތެރިކަމަށް ޝުކުރު އަދާކުރާ ކަމަށް ބުނެފައިވެއެވެ.

" ކެރިއަރުގައި ލިބިފައިވާ އެންމެ ބޮޑެތި ކާމިޔާބީތައް ހޯދިއިރު ކޯޗަކަށް ހުރީ މާރިއަން. މިދިޔަ 15 ވަރަކަށް އަހަރު އަހަރެމެން ވަނީ އެތަކެއް ކާމިޔާބީއެއް އެކީގައި ހޯދާފަ. މާރިއަންގެ ފަރާތުން އަހަންނަށް ލިބުނު އެހީތެރިކަމަށް ޝުކުރު އަދާކުރަން. ޕްރޮފެޝަނަލް ޓީމުން ވަކިވި ނަމަވެސް އޭނާ އާއި އަހަންނާ ދެމެދު އަބަދުވެސް ގުޅުން އޮންނާނެ. އަހަރެން އޭނާ ބަލައިގަންނަނީ އާއިލާ މެންބަރެއް ގޮތަށް، " ޖޮކޮވިޗް ބުންޏެވެ.

ޖޮކޮވިޗްގެ ކޯޗުކަމާ މާރިއަން އެންމެ ފުރަތަމަ ހަވާލުވީ 2006 ވަނަ އަހަރު އެވެ. އޭގެ ފަހުން 2017 ވަނަ އަހަރު އެ ދެމީހުން ވަކިވި ނަމަވެސް ޖެހިގެން އައި އަހަރު އަނެއްކާވެސް ޖޮކޮވިޗްގެ ކޯޗިންގް ޓިމާ މާރިއަން ގުޅުނެވެ.

ނަމަވެސް 2019 ވަނަ އަހަރު ޖޮކޮވިޗްގެ ކޯޗިންގް ޓީމަށް ގޮރާން އިވަނީސެވިޗް ގެނައިފަހުން މާރިއަން ދެން ފެނިގެންދިޔައީ ހެޑް ކޯޗަކަށް ވުރެ ބޮޑަށް އެސިސްޓެންޓެއްގެ ގޮތުގައެވެ.

ޖޮކޮވިޗްގެ ކޯޗިންގް ސްޓާފަށް ބަދަލުތަކެއް އައިއިރު އޭނާ އަށް މިސީޒަން ކުރިއަށްދަނީ އަދި އެހާ ކާމިޔާބު ގޮތަކަށް ނޫނެވެ. ޖެނުއަރީ މަހު އޮތް އަހަރުގެ ފުރަތަމަ ގްރޭންޑް ސްލޭމް މުބާރާތް ކަމަށްވާ އޮސްޓްރޭލިއަން އޯޕަންގައި ކުޅެން ޖޮކޮވިޗް އޮސްޓްރޭލިއާ އަށް ދިއުމުން ދެ ފަހަރެއްގެ މަތިން ކޯޓުގައި ކުރިއަށްދިޔަ ކޮވިޑް-19ގެ ވެކްސިން މައްސަލައެއްގައި އެ ގައުމުގެ އިމިގްރޭޝަނުން އޭނާ ޑީޕޯޓްކޮށްލިއެވެ. އޭގެ ފަހުން އޭނާ ވާދަކުރި ދުބާއީ މުބާރާތުގެ ކުއާޓާ އިން ބަލިވެ، މުބާރާތުން ކެޓުމުން އޭނާ އަށް ޓެނިހުގެ އެއްވަނަ ރޭންކު ވެސް ގެއްލިގެންދިޔަ އެވެ.