ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލްގައި ރެއާލް މެޑްރިޑާއި ޗެލްސީ ބައްދަލުކޮށް 3-1 އިން ރެއާލް މޮޅުވި މެޗުގައި ގިނަ ބައެއްގެ ސަމާލު ކަން ލިބުނު ތަރިއަކީ ރެއާލްގެ ފޯވާޑް ކަރިމް ބެންޒެމާއެވެ. ބެންޒެމާ އަށް ސާމާލު ކަން ހުއްޓުނީ ހަމައެކަނި އެ މެޗުގައި އޭނާ ތިން ގޯލް ޖަހައި ހެޓްރިކެއް ހެދީމައެއް ނޫނެވެ.

ފްރާންސް އަށް އުފަން ބެންޒެމާ އެ މެޗަށް އެރީ މެޗު ފެށުމުގެ 15 މިނެޓު ކުރިން ރޯދަ ވީއްލައިގެންނެވެ. މުޅި ދުވަހު ހުސް ބަނޑާ ހުރެފައި ރޯދަ ވިއްލާއިރު، ކޮންމެ މީހަކަށް ވެސް ލޮޑު ކަމެއް އަންނާނެއެވެ. އެކަމަކު، ބެންޒެމާގެ ފަރާތުން އެ ލޮޑު ކަމެއް ނުފެނުނެވެ. އޭނާ ވަނީ ތަފާތު ދައްކައިފައެވެ.

ބެންޒެމާ 34, އެ މެޗުގައި ހެޓްރިކެއް ހަދައި ސެމީ ފައިނަލަށް ދިއުމުގެ އުންމީދު ރެއާލަށް އާކޮށް ދިން އިރު، ޗެލްސީ އާއި ރެއާލް މެޑްރިޑް ކުޅޭ ދެވަނަ ލެގްގެ މެޗު އަންނަ އަންގާރަ ދުވަހުގެރޭ އޮންނާނެއެވެ.

މެޗު ކުޅޭ ގަޑީގެ ގޮތުން ބެންޒެމާ ރޯދަ ވިއްލައިގެން އަނެއްކާ ވެސް ތަފާތު ދައްކަފާނެ ކަމަށް ބެލެވެއެވެ. ބެންޒެމާ ރޭ ދެއްކި މޮޅު ކުޅުމަށް ގިނަ ބަޔަކު އަންނަނީ އޭނާ އަށް ތައުރީފް ކުރަމުންނެވެ.

ޗެލްސީގެ ކުރީގެ ފޯވާޑް ސެނެގާލްގެ ޑެމްބާ ބާ ކުރި ޓުވީޓެއްގައި ބުނެފައި ވަނީ އީމާންކަމުގެ ބާރު އެހެން އެއްވެސް ބާރަކަށް ވުރެ ވަރުގަދަވާނެ ކަމަށެވެ.

ބެންޒެމާ ބުނެފައި ވަނީ ރޯދަ މަހު ރޯދައަށް ހުރެގެން އޭނާއަށް އެއްވެސް ނުރަނގަޅު އަސަރެއް ނުކުރާ ކަމަށެވެ.

ބެންޒެމާ.

"އެއްވެސް ބަދަލެއް ނާދެ، އެއީ އަހަރެންގެ ދިރިއުޅުމުގެ ބައެއް އަދި އަހަރެމެން ދީނުގައި މަޖުބޫރުކަމެއް." ބެންޒެމާ ބުނެފައިވެއެވެ.

"އެއީ (ރޯދަ ހިފުމަކީ) އަހަރެންނަށް ވަރަށް މުހިންމު ކަމެއް، ރޯދަހިފާއިރު އަހަންނަށް ވަރަށް އުފާވެރި އިހުސާސެއް ކުރެވޭ"

ބެންޒެމާ ބުނީ ރަނގަޅު ސިއްހަތެއްގައި ހުރުމުގެ ނަސީބު ލިބުމުން ވަރަށް އުފާވެރި އިހްސާސެއް ވެސް ކުރެވޭ ކަމަށެވެ.

ޗެލްސީގެ ދަނޑުގައި ރޭ ކުޅުނު މި މެޗުގައި ދެ ޓީމުގެ ފަރާތުންވެސް ފެނިގެންދިޔައީ ވަރަށް ވާދަވެރި ކުޅުމެކެވެ. މެޗުގައި ތަފާތަކަށްވީ ހެޓްރިކް ހެދި ބެންޒެމާއެވެ

މި ސީޒަނުގައި ތަފާތު މޮޅު ކުޅުމެއް ދައްކަމުން އަންނަ ބެންޒެމާ ރޭގެ މެޗުގައި އޭނާގެ ފުރަތަމަ ގޯލް ޖަހައި ރެއާލަށް ލީޑު ނަގައިދިނީ މެޗުގެ 21 ވަނަ މިނެޓުގައެވެ. އޭގެ ދެ މިނެޓު ފަހުން ލޫކާ މޮޑްރިޗް ދިން ބޯޅައެއްގައި އަނެއްކާވެސް ބޮލުން ގޯލް ޖަހައި ބެންޒެމާ ވަނީ ރެއާލްގެ ލީޑު ފުޅާކޮށްދީފައެވެ.

ރެއާލުން ވަނީ ދެވަނަ ހާފުގެ ވަރަށް ކުރީކޮޅު ތިންވަނަ ގޯލެއް ޖަހައި މެޗުގެ ކޮންޓްރޯލް އަލުން ނަގައިފައެވެ. މިފަހަރު ބެންޒެމާ އޭނާގެ ހެޓްރިކް ފުރިހަމަ ކުރީ ޗެލްސީގެ ކީޕަރު އެޑުއާޑް މެންޑީ އަށް ހެދުނު ގޯހެއްގެ ފައިދާ ނަގައި ހުސް ގޯލެއްގެ ތެރެއަށް ބޯޅަ ފޮނުވާލައިގެންނެވެ.

ބެންޒެމާ ވަނީ މި ސީޒަނުގައި މިހާތަނަށް ރެއާލަށް 36 މެޗުން 37 ގޯލް ޖަހައިދީފައެވެ. ބެންޒެމާ ވަނީ ޗެމްޕިއަންސް ލީގުގެ ދެވަނަ ބުރުގައި ޕީއެސްޖީއާ ދެކޮޅަށް ކުޅެ ވެސް ހެޓްރިކް ހަދައިފައެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. ޟަޒް

    ޔޫކޭގައި 16 ގަޑި އިރާއި 7 މިނިޓް ވަންދެން ރޯދަ ހިފަން ޖެހޭ. ބެންޒެމާ ގަދަ.

    87
    2
  2. Anonymous

    ﷲ އަކްބަރު. ވ އުފާވެއްޖެ މި ޙަބަރު ޖަހާލީމަ. ދުނިޔޭގެ ލެވެލްގައި މުސްލިމުން އެންމެ އުސް ހަރުފަތަށް އަދި އަންނާނެ. އިންޝާ ﷲ.

    34
  3. ގަން

    މާޝާﷲ...މުސްލިމް ކުޅުންތެރިން މިކަމުން ޢިބްރަތް ހާސިލް ކުރަން ޖެހޭ...ބެންޒެމާ އަށް ސާބިތުކަން ދެއްވާށި..

    31
    2
  4. ޢަހްމަދު

    މެންދަމު 2 ޖަހާ ކައިރު އިރުއަރާނެ ، އަދި ރޭގަނޑު 9 ގަޑި މިނިޓްކޮޅަކުން އިރު އޮއސޭނެ ޔޫކޭގެ ލަންޑަންގައި

  5. އިސްޢާފް ސަލީމް

    ރޯދައަކީ ( ޚާއްޞަކޮށް ރަމްޟާންމަހުގެ ރޯދައަކީ ) އޭގައި ރޫޙާނީ ވަރުގަދަ ބާރެއް އުފައްދައިދޭ ކަމެކެވެ. ޢަޤީދާ ވަރުގަދަކޮށްދޭ ކަމެކެވެ. 8 އަހަރު 9 އަހަރުގެ ޅަކުދިން ރޯދަހިފާ ނިންމާލަނީ އުފަލާއި ޝަވްޤާ އެކުގައެވެ. ކުރާ ހިތުންނެވެ. އެހެންވީމާ ތިޔަ ވާހަކައަކީ މީހަކު ޙައިރާންވާންޖެހޭ ވާހަކައެއް ނޫނެވެ.