ޓެސްލާ މޯޓާސް ކުންފުނިން އުފެއްދުމަށް ނިންމާފައިވާ އިލެކްޓްރިކް ކާރު ކަމަށްވާ ރޯޑްސްޓަރ 2 ދައްކާލައި ދުނިޔެ ސިއްސުވާލައިފިއެވެ.

ޓެސްލާއަކީ އިލެކްޓްރިކް ނުވަތަ ބެޓްރީ ބޭނުންކޮށްގެން ދުއްވާ ކާރު އުފެއްދުމުގައި މަޝްހޫރުކަން ހޯދާފައިވާ ކުންފުންޏެކެވެ. އެގޮތުން އެންމެ ފަހުން އެ ކުންފުނިން ދައްކާލާފައިވަނީ  2008 ގައި އެ ކުންފުނިން ތައާރަފްކުރި ރޯޑްސްޓަރ ސްޕޯޓްސް ކާރުގެ 2 ވަނަ ވާޝަން އެވެ.

މި ކާރު އެންމެ 1.8 ސިކުންތު ތެރޭ 100 ކިލޯމީޓަރ ބާރުމިނުގައި ދަތުރުކުރެއެވެ. މާނައަކީ ކާރު ސްޓާޓް ކޮށްގެން 1.8 ސިކުންތު ތެރޭގައި ގަޑިއިރަކު 100 ކިލޯމީޓަރު ބާރުމިނުގައި ދުވުމުގެ ގާބިލްކަން ލިބިގެންވެއެވެ. މިއީ ދުނިޔޭގެ ރެކޯޑެކެވެ. ސަބަބަކީ މިހާތަނަށް ދުނިޔޭގެ އެއްވެސް ކާރަކަށް 2 ސިކުންތަށްވުރެ މަދު ވަގުތުކޮޅެއްގެ ތެރޭގައި މި ބާރުމިނުގައި ދުވުމުގެ ގާބިލްކަމެއް ލިބިފައެއް ނެތެވެ.

ގަޑިޔަކު 250 މޭލުގެ ބާރުމިނުގައި ދަތުރުކުރެވޭ މި ކާރުގައި ހިމެނޭ 200 ކިލޯވޮޓް އަވަރ ބޭޓެރީ ފުލް ޗާޖް އަކުން 620 މޭލަށް ދަތުރުކުރެވޭނެއެވެ. މި ކާރުގައި 4 ސީޓް ގެ އިތުރުން ކާރުގެ މަތީބައި ފަރުމާކޮށްފައިވަނީ ބިއްލޫރިން އަދި ހުޅުވާލެވޭގޮތަށެވެ.

މި ކާރު ދައްކާލުމަށް ބޭއްވި އިވެންޓުގައި ބައިވެރިން ސިއްސުވާލީ މި ރެކޯޑް ބްރޭކިން ކާރުގެ ފީޗާތަކަކުން ނޫނެވެ. އެހެންނަމަވެސް މި ހުރިހާ ފީޗާ ތަކަކީ ރޯޑްސްޓަރ 2 ގެ އެންމެ ދަށް ވާޝަންގެ ސްޕެސިފިކޭޝަންތަށް ކަން އެނގުމުންނެވެ. ޓެސްލާ ކުންފުނީގެ ސީއީއޯ އީލޯން މަސްކް ބުނާގޮތުގައި މިއީ އެ ކާރުގެ ބޭސް މޮޑެލްގެ ސްޕެކްސް އެވެ. މި ކާރުގެ ޕާފޯމަންސް މޮޑެލް އެއްވެސް ނެރުމަށް ހަމަޖެހިފައިވެއެވެ. ނަމަވެސް އޭގެ އެއްވެސް މައުލޫމާތެއް މަސްކް ދެއްވާފައެއް ނުވެއެވެ.

ޓެސްލާ ކުންފުނިން އިލެކްޓްރިކް ކާރުގެ ތެރެއިން ޓެސްލާ މޮޑެލް 3 ކިޔާ އަގުހެޔޮ ކާރެއްވެސް ވިއްކައެވެ. މި ހުސްވި ކުއާޓަރގައި ޓެސްލާއިންވަނީ މޮޑެލް ތްރީގެ 260 ކާރު ބާޒާރަށް ނެރެފައެވެ. މިއީ އެ ކުންފުނިން ކުރިން ލަފާކޮށްފައިވާ އަދަދު ކަމަށްވާ 1،500 އާއި އަޅާ ބަލާއިރު ވަރަށްވެސް މަދު އަދަދެކެވެ. ނަމަވެސް، އަންނަ އަހަރުގެ ފެށުމާއިއެކު، ހަފްތާއެއްގެ މައްޗަށް 5،000 ކާރު އުފެއްދޭނެ ޤާބިލްކަން ޓެސްލާއަށް ލިބިގެންދާނެ ކަމަށް މަސްކް ބުންޏެވެ. ޓެސްލާގެ މޮޑެލް ތްރީގެ ކާރެއްގެ ފަށާ އަގަކީ 35،000 އެމެރިކާ ޑޮލަރެވެ.

2020 ވަނަ އަހަރު ރޯޑްސްޓަރ 2 ނެރުމަށް ހަމަޖެހިފައިވާއިރު މިއީ ޓެސްލާ މޮޑެލް 3 ގެ އުފެއްދުމުގައި ދިމާވެފައިވާ ދަތިތަކުން އަރައިގަތުމަށް ޖެއްސި މާކެޓިންގ ސްޓަންޓެއް ކަމަށް ބައެއް އެނަލިސްޓުން ބުނެއެވެ.

ADS BY SHEESHA

ރޯޑްސްޓަރ 2 މިހާރު 50،000 ޑޮލަރު ގެ ޑެޕޮސިޓް ދެއްކުމަށްފަހު ޓެސްލާ ވެބްސައިޓުން ރިސާވް ކުރެވޭނެއެވެ. ކާރުގެ އަގަކީ 200،000 އެމެރިކާ ޑޮލަރެވެ.

Comments are closed.