އައިޝަތު ފައިނާން އަލީ
އައިޝަތު ފައިނާން އަލީ

އުމުރުގެ ދުވަސްތައް ހޮސްޕިޓަލުތަކުގައި އާއި ބަލި އެނދުގައި އަދި އައިވީ އާއި ސިރިންޖުތަކުގެ ތެރޭގައި ހޭދަކުރާކަށް އެއްވެސް ކުއްޖަކު ބޭނުމެއް ނުވާނެއެވެ. އެހެން ނަމަވެސް ހިތްއެދޭހައި އަދި ބޭނުންވާހައި ކަމެއް ބޭނުންގޮތަކަށް ނުވެދިއުން އެއީ ދުނިޔޭގެ ޤާނޫނެވެ. ދުނިޔޭގެ އިމްތިޙާނުން ފާސްވާނީ، މި ވަގުތީ ދިރިއުޅުމުގައި ދިމާވާ ދަތި ހުރަސްތަކުން ހިއްވަރާއި ހިއްމަތާއިއެކު އަރައިގަންނަން ދަސްވުމުންނެވެ.

ލ.ދަނބިދޫ އަށް އުފަން އުމުރުން އެއް އަހަރާއި ހަތަރު މަސް ވެފައި އައިޝަތު ފައިނާން އަލީ އަކީ އަލީ ރިޔާޒް އަށާއި އޭނާގެ އަނބިމީހާ އަށް ލިބިފައިވާ ދެވަނަ ދަރިފުޅެވެ. ފައިނާން އުފަންވި ދުވަހުން ފެށިގެން ވެސް އޭނާ އެދަނީ ނުރައްކާތެރި ބައްޔެއްގެ ޝިކާރައަކަށް ވެ މަރާއި ހަނގުރާމަ ކުރަމުންނެވެ.

ފައިނާން އަށް ދިމާވެފައިވާ ހާލަތާއި މެދު "ވަގުތު އެހީ" އަށް މައުލޫމާތު ދެމުން ކުއްޖާގެ ބައްޕަ ރިޔާޒް ބުނީ ފައިނާން އުފަންވިތާ އެއް ދުވަސް ފަހުން ކުއްލިއަކަށް ހޮޑުލެވެން ފެށީ ކަމަށާއި ލ.ގަން ރީޖަނަލް ހޮސްޕިޓަލުން ވާގޮތެއް ނޭނގުމުން އެމަޖެންސީގައި މާލެ ގެނެސް އައިޖީއެމްއެޗްގެ ބޭބީ ނާސަރީ ގައި ފަރުވާ ދޭން ފެށިކަމަށެވެ.

"ގާތްގަނޑަކަށް ހަފްތާއެއްހާ ދުވަހު އެތާ ބާއްވައި ފަރުވާ ދިނުމަށް ފަހު ވާގޮތެއް ނޭނގިގެން އަޅުގަނޑު އަހާލީ ކިހިނެތްތޯ ވަނީ، ދެން އެ މީހުން ބުނީ ވަރަށް ސަކަރާތޭ، ކުއްޖާގެ ގޮހޮރާއި އެއް ކިޑުނީ ނެތް ކަމަށް ބުނީ ވިހޭ އިރުވެސް، އޭގެ ކުރިން ނުބުނޭ އެއްވެސް އެއްޗެއް އެ މީހުން، ބުއް ދޭކަށް ހުއްދައެއް ނެތް، އަދި އޮންނަނީ އަބަދު އައިވީ ގުޅާފައި،" ރިޔާޒު ބުންޏެވެ.

އައިޝަތު ފައިނާން އަލީ
އައިޝަތު ފައިނާން އަލީ

ފައިނާންގެ ހާލަތު ގޯސް ކަމަށް ބަލައި އާސަންދަގެ އެހީގައި އިންޑިއާގެ ކިމްސް ހޮސްޕިޓަލަށް ދިއުމަށް ރިޔާޒު ދަރިފުޅު ގޮވައިގެން ފުރިއެވެ. އަދި އެމަޖެންސީގައި ގެނައުމުން އަވަހަށް އޮޕަރޭޝަން ކުރުމަށް ކިމްސް ހޮސްޕިޓަލުން ބުންޏެވެ. ނަމަވެސް އެއްވެސް ޓެސްޓެއް ނުހަދައި އޮޕަރޭޝަން ކުރުމަށް ރިޔާޒު ދެކޮޅު ހެދުމުން އެކޮޅުން ޓެސްޓުތަކެއް ހެދުމަށް ނިންމިއެވެ. ޓެސްޓު ހެދުމުން އެނގުނީ ފައިނާންގެ ގޮހޮރު ހުރި ކަމަށެވެ. ނަމަވެސް އެއް ކިޑުނީ މަދު ކަމަށް އެމީހުން ބުންޏެވެ.

ބައެއް ކުދިން އުމުރުން ހަ މަސް ވުމުން ކިޑުނީ އުފެދޭނެ ކަމަށް ފައިނާންގެ ކިޑުނީ ނެތީ ކީއްވެތޯ ސުވާލު ކުރުމުން ކިމްސް ހޮސްޕިޓަލުން ރިޔާޒު ކައިރީ ބުންޏެވެ. އަދި ކުއްޖާއަށް ހޮޑުލެވޭ ސަބަބެއް ކަމަށް އެމީހުން ބުނީ އޭނާ އަށް ޕުއްޕު ނުލެވޭތީ ކަމަށް ވެސް ޑޮކްޓަރުން ބުންޏެވެ.

"ޕުއްޕު ނުލެވެނީ ބޮޑު ކަމުދާ ހޮޅި ތިން ތަނަކުން ބްލޮކް ވެފައި އިންނާތީ ކަމަށް ޑޮކްޓަރުން ބުނީ، ބޭސް ދީގެން އެކަން ރަނގަޅު ކުރެވޭތީ ފުރަތަމަ ބެލީ، ނަމަވެސް ބޭސް ދޭން ފެށުމުން ޕުއްޕު ލައި، އަދި ބޭސް ދިނުން ހުއްޓާލުމުން ޕުއްޕު ނުލެވޭ، އެގޮތުން ކުއްޖާގެ އުމުރުން 15 ދުވަހުން ފެށިގެން 22 ވަނަ ދުވަސް ވަންދެން ބޭއްވި ބޭސްދީގެން، އަދި އިތުރަށް ޓެސްޓު ކުރުމަށް 29 ވަނަ ދުވަހާއި ހަމައަށް ބޭއްވިދާނެ ކަމަށް ޑޮކްޓަރު ބުނި، ނަމަވެސް ފެހިކުލައިން ހޮޑުލައިފިނަމަ ޑޮކްޓަރަށް އެންގުމަށް ބުނި،" ރިޔާޒު ބުންޏެވެ.

އައިޝަތު ފައިނާން އަލީ

އޭނާ ބުނީ ފައިނާން ދުވާލެއްގެ މައްޗަށް 40 އަކަށް ފަހަރު ހޮޑުލާ ކަމަށާއި ނަމަވެސް އެއީ މައްސަލައެއް ނޫން ކަމަށާއި ފެހި ހޮޑުލެވިއްޖެ ނަމަ އަވަހަށް އެންގުމަށް ޑޮކްޓަރު ބުނި ކަމަށެވެ. ޑޮކްޓަރު ބުނިގޮތަށް ފެހި ހޮޑު ލެވުމުން ރިޔާޒު އެކަން ޑޮކްޓަރަށް އެންގިއެވެ. އަދި ބަނޑުގެ ބޭރުން ހޮޅިއެއް ނެރިގެން ޕުއްޕުލެވޭ ގޮތް ހެދުމަށް އޮޕަރޭޝަނެއް ކުރަން ޖެހޭ ކަމަށް ޑޮކްޓަރު ރިޔާޒަށް އެންގިއެވެ. އަދި އޮޕަރޭޝަން ކުރުމަށްފަހު ހަ މަސް ދުވަސް ފަހުން ދައްކަންދާ ގޮތަށް ރިޔާޒު ފައިނާން ގޮވައިގެން ރާއްޖެ އައެވެ.

"ކުއްޖާ ހެލިފެލިވެ އުޅޭ އުމުރަށް އެޅުމުން ގާތް ގަނޑަކަށް ތިން މަސް ފަހުން ދަރިފުޅު އެ ނެރެފައި އިންނަ ހޮޅީގައި ހިފާފައި ދަމައި ގަތީ، ދެން އަނެއްކާ ވެސް އެމަޖެންސީގައި ދިޔައީ ބޭރަށް، ގޮސް ފޫކޮޅުން ޕުއްޕުލެވޭ ގޮތް ހެދުމަށް އޮޕަރޭޝަނެއް ކުރީ، އަދި ހަ މަސް ފަހުން ދައްކަން އަންނަ ގޮތަށް އަނެއްކާވެސް ރާއްޖެ އައީ، އައިސް ތިން މަސްވެސް ނުވެ ފޫކޮޅުގެ އެހެން ދިމާއަކުން ލީކުވާން ފެށީ، ލީކުވާން ފެށުމުން އަނެއްކާ ބޭރަށް ދިޔައީ، ދިއުމުން އިތުރު އޮޕަރޭޝަނެއް ކޮށް ލީކުވާތަން ބައްދާލީ، އޭގެ ފަހުން ލީކު ނުވޭ، އެކަމް ޕުއްޕުލާއިރު ވަރަށް ރޮވޭ، އޭގެ ހަފްތާއެއް ފަހުން އަނެއްކާވެސް ލީކުވާން ފެށީ،" ރިޔާޒު ބުންޏެވެ.

ލީކުވާން ދިމާވާ ސަބަބެއް ކަމަށް ޑޮކްޓަރުން ބުނީ ޕިސްޓިއުލާ ކިޔާ އެއްޗެސް ފޫކޮޅުގައި އިނުމުން ކަމަށާއި އޭތި ނެނގީ އެއް އިންތި ފުންމިނަށް ކަފާލައިގެން ކަމަށް ރިޔާޒު ބުންޏެވެ. އަދި މަސްލައި ބައްދައިގެން އެތަން ބެއްދުމަށް ފަހު މާގިނަ ދުވަސްތަކެއް ނުވެ އެ ހިސާބުގައި ކުދި ބިހިތަކެއް ނަގަން ފެށިއެވެ. އަދި ފޫކޮޅު ހަންގަނޑުގައި ވެސް ބިހިނަގައި ތެޔޮ ހަން ގޮސްފައި ހުންނަ ކަމަށް ރިޔާޒު ބުންޏެވެ.

"ފައިގަ ވަރެއް ނުހުރޭ، ތަނެއްގައި އިށީދެގެން މާގިނަ އިރަކު ނީނދެވޭ ރޯން ފަށާ، މިހާރު އަނެއްކާ ވެސް ޕުއްޕުލެވޭ އިރު ތަނދުވަތި އުޅެނީ، ރަނގަޅެއް ނުވޭ، އަދި ވެސް ހަމަ އެހާލެއްގައި ފައިނާން އެ އުޅެނީ، ޑޮކްޓަރުން ބުނަނީ އެކޮޅުގައި މަޑުކޮށްގެން ރަނގަޅުވާނެ ކަމަށް، ނަމަވެސް އެންމެ ފަހުން ވެސް އަޅުގަނޑު އެކޮޅުގައި ހަތަރު މަހު މަޑުކުރީ މުސާރަ ނުހިނގާގޮތަށް ގޮސް، އަތުގަ ފައިސާ ނެތުމުން އައީ މިކޮޅަށް،" ރިޔާޒު ބުންޏެވެ.

އެކި މަރުހަލާތަކަށް ބަހާލައިގެން ފައިނާންގެ ހާލަތު ރަނގަޅު ކުރެވޭނެ ކަމަށް އިންޑިއާގެ ޑޮކްޓަރުން ބުނެފައިވީ ނަމަވެސް ރިޔާޒުގެ އެހާ ތަނަވަސްކަން ނެތުމުން އަދި ބޭރަށް ދެވޭގޮތް ވަނީ ނުވެފައެވެ. އަދި ފަރުވާއަށް ގިނަ ދުވަސް ވާނެ ކަމަށް ބެފައިވާތީ އެކޮޅުގައި ކެއުމާއި ބުއިމަށް އަދި ހުރުމަށް ގިނަ އަދަދެއްގެ ފައިސާ ބޭނުންވާ ކަމަށް ރިޔާޒު ބުންޏެވެ. އަދި އާސަންދަ ވެސް ހަމަނުޖެހޭނެ ކަމަށް އާސަންދަ އޮފީހުން ބުނެފައިވާ ކަމަށް ރިޔާޒު ބުންޏެވެ.

އައިޝަތު ފައިނާން އަލީ
އައިޝަތު ފައިނާން އަލީ

ފައިނާން އަށްވެދެވޭ ކިތަންމެ ކުޑަ އެހީއަކީވެސް އެފަރާތުން ބަލައިގަންނާނެ އެހީތެރިކަމަކަށް ވާއިރު، އަޅުގަނޑުމެން ދިވެހިންގެ ތެރޭގައި އަބަދުވެސް އެކަކު އަނެކަކަށް އެހީތެރިވުމުގެ ރަނގަޅު އާދަ އަށަގެންފައި ވާކަމީ ފައިނާން ފަދަ އެހީއަށް ބޭނުންވެފައިވާ ކުދިންނަށް އޮތް އުންމީދުކަން ޔަޤީނެވެ. އެފަދަ އާއިލާތަކަށް އަޅާލައި އެހީތެރިވުމަކީ މިއަދު އިންސާނިއްޔަތަށްޓަކައި ފުދުންތެރިކަން ލިބިފައިވާ ކޮންމެ ފަރާތެއްގެ އަތްމަތީގައިވެސް އޮތް އިޚްތިޔާރެކެވެ. ކޮންމެ ކިޔުންތެރިއަކުވެސް ވީވަރަކުން ފައިނާން އަށް އެހީވުމަކީ އަޅުގަނޑުމެންގެ ޓީމުގެ ވަރަށް ބޮޑު އެދުމެކެވެ.

ފައިނާން އަށް އެހީތެރިވެދެއްވަން ބޭނުންފުޅުވާ ފަރާތްތަކުން އޭނާގެ ބައްޕަ އަލީ ރިޔާޒުގެ ބީއެމްއެލް ރުފިޔާ އެކައުންޓް(7701160512101) ފައިސާ ޖަމާކޮށްދިނުމަށް އާއިލާއިން އެދެއެވެ. އަދި ފައިނާން އަށް ދިމާވެފައިވާ ބަލި ހާލަތާއި ގުޅޭ އިތުރު މައުލޫމާތު ހޯއްދެވުމަށް ބޭނުންފުޅުވާނަމަ، ރިޔާޒުގެ ނަމްބަރު 7696044 އަށް ގުޅުމަށް އޭނާ އެދެއެވެ.

މާތްﷲ ފައިނާން އަށް އަވަސް ޝިފާއެއް މިންވަރު ކުރައްވައި، އެ މަޢުސޫމް ދަރިފުޅަށް ބާއްޖަވެރި މުސްތަޤުބަލެއް މިންވަރު ކުރައްވާށިއެވެ. އަދި އަޅަމެންނީ އެކަކު އަނެކަކަށް އެހީތެރިވެދޭ ބަޔަކުކަމުގައި ލައްވައި، އަޅަމެންގެ މި މުޖުތަމަޢަކީ ބަލިމަޑުކަމާއި ނުރައްކާތެރި ރޯގާތަކުން ރައްކާތެރި، ދުޅަހެޔޮ މުޖުތަމައެއްކަމުގައި ލައްވާށިއެވެ. އާމީން!

ސްތަކުންނަށް އެހީވުމާއި ބެހޭގޮތުން ބައެއް އާޔަތްތަކާއި ޙަދީޘްތައް:

1. މީސްތަކުންނަށް އެހީތެރިވުމަކީ އަދި މީސްތަކުންގެ ޙާޖަތްތައް ފުއްދައިދިނުމަކީ އިޙުސާންތެރިކަމުގެ ތެރެއިން ހިމެނޭ ކަމެކެވެ.
ﷲ ސުބުޙާނަހޫ ވަތަޢާލާ ވަޙީކުރައްވާފައިވެއެވެ.

(وَأَحْسِنُوا ، إِنَّ اللَّـهَ يُحِبُّ الْمُحْسِنِينَ) سورة البقرة: 195

މާނައީ: "އަދި ތިޔަބައިމީޙުން އިޙުސާންތެރިވާށެވެ. ހަމަކަށަވަރުން ﷲ އިޙުސާންތެރިވާ މީސްތަކުންދެކެ ލޯބިވެވޮޑިގަންނަވައެވެ."

2. ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރައްވާފައިވެއެވެ.

(الْمُسْلِمُ أَخُو الْمُسْلِمِ لَا يَظْلِمُهُ وَلَا يُسْلِمُهُ وَمَنْ كَانَ فِي حَاجَةِ أَخِيهِ كَانَ اللَّهُ فِي حَاجَتِهِ) متفق عليه.
(رواه البخاري 6551 و مسلم 28500)

މާނައީ: އެއްމުސްލިމަކީ އަނެއްމުސްލިމްގެ އަޚާއެވެ. އޭނާ (އެމީހެއްގެ އަޚާގެ މައްޗަށް) އަނިޔާވެރިއެއްނުވާނެއެވެ. އަދި އަނިޔާ ލިބެން ދޫނުކުރާނެއެވެ. އެމީހެއްގެ އަޚާގެ ޙާޖަތް ފުއްދުމުގައި ދެމިހުރި މީހާގެ ޙާޖަތުގައި ﷲ ވޮޑިގެންވާނެއެވެ."

3. ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރައްވާފައިވެއެވެ.

(مَنْ نَفَّسَ عَنْ مُؤْمِنٍ كُرْبَةً مِنْ كُرَبِ الدُّنْيَا، نَفَّسَ اللهُ عَنْهُ كُرْبَةً مِنْ كُرَبِ يَوْمِ الْقِيَامَةِ، وَمَنْ يَسَّرَ عَلَى مُعْسِرٍ، يَسَّرَ اللهُ عَلَيْهِ فِي الدُّنْيَا وَالْآخِرَةِ، وَمَنْ سَتَرَ مُسْلِمًا، سَتَرَهُ اللهُ فِي الدُّنْيَا وَالْآخِرَةِ، وَاللهُ فِي عَوْنِ الْعَبْدِ مَا كَانَ الْعَبْدُ فِي عَوْنِ أَخِيهِ) رواه مسلم في صحيحه: 2699

މާނައީ: "އަދި އެމީހެއްގެ އަޚާގެ ކިބައިން ދުނިޔެ މަތީގައި ދަތިކަމެއް ފިލުވައިދީފި މީހަކަށް، އެމީހަކަށް ޤިޔާމަތްދުވަހުން ޖެހޭ މުޞީބާތްތަކުގެ ތެރޭން މުޞީބާތެއް ﷲ ފިލުއްވައިދެއްވާހުއްޓެވެ. އަދި އުނދަގުލެއް ޖެހިފައިވާ މީހާއަށް ފަސޭހަކޮށްދީފިމީހަކަށް، ﷲ އެމީހަކަށް ދުނިޔެމަތީގަޔާއި އާޚިރަތުގައި ފަސޭހަކޮށްދެއްވާނެއެވެ. އަދި މުސްލިމެއްގެ (ޢައިބު ފޮރުވައިދީފިމީހާ)ގެ ޢައިބު، ދުނިޔެއާއި އާޚިރަތުގައި ﷲ އެމީހެއްގެ ޢައިބުފޮރުވައިދެއްވާ ހުއްޓެވެ. އަދި ހަމަކަށަވަރުން އެމީހެއްގެ އަޚާއަށް އެހީވުމުގެ މަތީގައި ހުންނަމީހާއަށް އެހީތެރިވޮޑިގަތުން މަތީގައި ﷲ ވޮޑިގެންވެއެވެ."

4. އަދިވެސް ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ އެކަމަށް ބާރުއެޅުއްވުމުގެ ގޮތުން ޙަދީޘްކުރައްވާފައިވެއެވެ.

(أَحَبُّ النَّاسِ إِلَى اللَّهِ تَعَالَى أَنْفَعُهُمْ لِلنَّاسِ ، وَأَحَبُّ الْأَعْمَالِ إِلَى اللَّهِ تَعَالَى سُرُورٌ تُدْخِلُهُ عَلَى مُسْلِمٍ ، أَوْ تَكْشِفُ عَنْهُ كُرْبَةً ، أَوْ تَقْضِي عَنْهُ دَيْنًا ، أَوْ تَطْرُدُ عَنْهُ جُوعًا) رواه الطبراني في المعجم الكبي: 13646 و صححه الألباني.

ADS BY SHEESHA

މާނައީ: "ﷲތަޢާލާއަށް އެންމެ ލޮބުވެތިވެގެންވަނީ މީސްތަކުންނަށް އެންމެ މަންފާބޮޑު މީހެކެވެ. ﷲއަށް އެންމެ ލޮބުވެތިވެގެންވާ ޢަމަލަކީ މީހަކު މުސްލިމަކަށް ގެނެސްދޭ އުފާވެރިކަމެކެވެ ނުވަތަ މީހެއްގެ ކިބައިން މުޞީބާތް ފިލުވައިދޭ ފިލުވައިދިނުމެވެ. ނުވަތަ ދަރަނި އަދާކޮށްދޭ ކޮށްދިނުމެވެ. ނުވަތަ މީހެއްގެ ކިބައިން ބަނޑުހައިހޫނުކަން ފިލުވައިދޭ ފިލުވައިދިނުމެވެ."

ADS BY ASTERS

6 ކޮމެންޓް

  1. ޢަވަސ ޝިފާއަކައް އެދި ދުއާކިރަން

  2. ވާގޮތެއް ނޭގެ

    ކުޑަ ދަރިޔައް އަވަސް ޝިފާ އަކަށް އެދި ދުއާކުރަން.
    ހަދާންގަ ބަހައްޓަން ވާނެ ބޭސްފަރު ވާޔަކީ ބޮޑު ވިޔަފާރި އެއްކަން. 4 ވަރަކަށް ތަނުން އަނެއް ތަނުން ކުރި ޓެސްޓު ތަކުގެ ރިޕޯޓް ނުދައްކީ ކުރުން މުހިއްމު. ބޭސް ފަރުވާގެ ކަންކަމުން މީހުން ރަގަޅު ނުވެ އިތުރަށް ގޯސްވާ މިންވަރު މީ ސީރިޔަސް މައްސަލަ އެއް.

  3. މާތްﷲ މި ތުއްތު ކުއްޖާއަށް އަވަސް ޝިފާއެއް މިންވަރުކޮށްދެއްވާނދޭވެ. ޢާމީން!

  4. މި ލޯބި ލޯބި ދަރިފުޅަށް އަވަސް ޝިފާއެެއް ދެއްވާށި.

  5. ޔާމީނުގެ މަރުގެ ފަންޑަށް ފައިސާ އޮއްސާނެ ފިޔަފާރިވެރިން ތިއްބަސް ތިފަދަ ހެޔޮކަމަކަށް ވަރަށް އެއްޗެއް ދޭނެ މިހަކުނުވާނެ.

  6. ވަރަށް ދެރަވެއްޖެ. މާތްﷲ މިކުއްޖާއަށް އަވަސް ޝިފާއެއް ދެއްވާންދޭ.