ނީރާ ބިންތި މޫމިން ޔޫސުފް

ގދ.މަޑަވެއްޔަށް އުފަން އުމުރުން އެންމެ ހަ ދުވަހުގެ ނީރާ ބިންތި މޫމިން ޔޫސުފް އަކީ މޫމިން ޔޫސުފް އަދި އައިޝަތު ޝާހީ އަށް ލިބުނު ފުރަތަމަ ދަރިފުޅެވެ. އުފަންވި އިރު ހިތް ބޭރަށް ނިކުމެފައިވާ މި ތުއްތު ތުއްތު ފުރާނަ މިހާރު އެދަނީ މަރާއި ހަނގުރާމަ ކުރަމުންނެވެ.

އުފެދުމުގެ ތެރޭގައި ވަރަށް މަދުން ނޫނީ ނުފެންނަ ޖެނެޓިކް މައްސަލައެއް ދިމާވެފައިވާ ނީރާ އަކީ ބޮޑު އޮޕަރޭޝަނެއް ކުރަން ޖެހިފައިވާ މައުސޫމު ފުރާނައެކެވެ. މި އަޕޮރޭޝަން ކުރަން ރާއްޖެއި ބޭރަށް ދާން ޖެހިފައިވުމާއިކު، ރާއްޖެއިން ބޭރަށް ގޮސް ހުރުމުގެ ތަނަވަސްކަން އާއިލާގެ ނެތެވެ.

ނީރާ އަށް ދިމާވެފައިވާ ހާލަތާއި މެދު "ވަގުތު އެހީ" އަށް މައުލޫމާތު ދެމުން ކުއްޖާގެ މާމަ ޝަރީފާ މޫސާ ބުނީ ކުއްޖާ ވިހަން ކައިރި ވުމުން އައިޖީއެމްއެޗް އިން ވިހަން ނިންމައި ބަރާބަރަށް ޑޮކްޓަރަށް ދައްކަމުން ގެންދިޔަ ކަމަށާއި ސްކޭނުތައް ހަދައި ކުއްޖާގެ ހާލަތު ރަނގަޅު ކަމަށް ޑޮކްޓަރުން ބުނަމުން ދިޔަ ކަމަށެވެ.

"ބޭބީ ގެ މަންމަ ޝާހީ އަކީ އަޅުގަނޑުގެ އެންމެ ދޮށީ ކުއްޖާ، ޝާހީގެ ފިރިމީހާ ބޭނުންވީ އައިޖީއެމްއެޗް އިން ވިއްސަން، އެހެން ރެޖިސްޓަރ ކޮށްގެން ބަރާބަރަށް ޑޮކްޓަރަށް ދައްކަމުން ދިޔައިން، ސްކޭނުތައް ވެސް ހެދި އެމީހުން، ހެދުމަށް ފަހު ބުނި ޝާހީގެ ހަށިގަނޑާއި އެއްވަރޭ ބޭބީ، އެހެންވީމާ އަޅުގަނޑު އެހާ ކަންބޮޑުވާ ކަން ނުޖެހުން، އަޅުގަނޑު ކައިރީ ނުބުނޭ އިތުރު ތަނަކުން ސްކޭނެއް ކުރާކަށް،" ޝަރީފާ ބުންޏެވެ.

ޝަރީފާ ބުނީ ގަވާއިދުން ޑޮކްޓަރަށް ދައްކަމުން އައިސް މެއި މަހުގެ 8 ވަނަ ދުވަހު އެޑްމިޓްކުރަން ބުނި ކަމަށާއީ ވިހަން ދިން ތާރީހު ކަމަށްވާ މެއި މަހުގެ 10 ވަނަ ދުވަހުގެ ފަތިހު ޝާހީ ބަނޑުގަ ރިއްސާތީ ވަގުތުން އައިޖީއެމްއެޗް އަށް ގެންދެވުނު ކަމަށެވެ. އަދި ގުދުރަތީ ގޮތުން ވިއްސުމަށް ޝާހީ ބޭއްވުނެވެ.

"އަޅުގަނޑު ކައިރީ ބުނި ޝާހީ އަދި ބޭބިގެ ހާލަތު ވަރަށް ރަނގަޅޭ އެއްވެސް މައްސަލައެއް ނެތޭ، ހާޓްބީޓްވެސް ވަރަށް ރަނގަޅޭ، ދެން އަޅުގަނޑު ވެސް އެހާ ކަންބޮޑެއް ނުވޭ، އެރޭ ބުނި ފަތިހު ހަތަރެއް ޖަހާއިރު ރިއްސާ އިންޖެކްޝަނެއް ޖަހާނެ ކަމަށް، ދެން ހަމަ އެގަޑިއަށް އިންޖެކްޝަން ވެސް ޖެހި، އޭގެ ފަހުން އަޅުގަނޑު އިންނަން ޖެހުނީ ބޭރުގަ، އެކަމަކު އެއް މިނެޓުން އެއް މިނެޓުން ގުޅައި ޝާހީގެ ހާލު ބެލިން އަޅުގަނޑު، ދެން ޝާހީގެ ހާލު ގޯސްވާހެން ހީވާން ފެށުމުން އަޅުގަނޑު އެތެރެއަށް ވެއްދުމަށް އެދުނިން، އެ މީހުން އަޅުގަނޑު ވައްދަން އެއްބަސްވީ ލިޔުމެއްގައި ސޮއި ކޮށްފައި، އޭގައި އިންނަނީ ލިޔެފަ ޝާހީގެ ހާލަތުގެ ރަނގަޅު ކަމަށާއި ހުޅުވިފައި ހުރީ ތިން ސެންޓިމީޓަރަށް ކަމަށް،" ޝަރީފާ ބުންޏެވެ.

އޭނާ ބުނީ ޝާހީގެ ބަނޑުގައި ވަރަށް ބޮޑަށް ރިއްސަން ފެށި ކަމަށާއި ނަމަވެސް ޑޮކްޓަރުން ވެސް އަދި ނަހުރުހުނެއް ވެސް ވިއްސަން މަސައްކަތެއް ނުކުރާ ކަމަށެވެ. އޭގެ އިރުކޮޅެއް ފަހުން ޑޮކްޓަރު އައިސް ޝާހީ ވިއްސުވީ ކަމަށެވެ. އަދި ކުއްޖާ އާއި ޝާހީގެ ހާލަތު ރަނގަޅު ކަމަށް އެމީހުން ބުނި ކަމަށް ޝަރީފާ ބުންޏެވެ.

"އަޅުގަނޑު ދެން ހަމަޖެހިލިގެން ގޮސް އެއްޗެއް ކާން އުޅެނިކޮށް ގޮވީ، އެތެރެއަށް ދިޔަ އިރު ޝާހީގެ މައިދައިތަ އާއި ބައްޕަ ހުރި، އޭރު ކުއްޖާގެ ބައްޕަ އޮތީ ހޭނެތިގެން ވެއްޓިފައި، ޑޮކްޓަރުން ބުނީ ކުއްޖާގެ ހާލަތު ގޯސްކަމަށް، އޭރު ކުއްޖާގެ ގައިގަ އޮތީ ފޮތިގަނޑެއް އަޅާ ނިވާކޮށްފައި، އަޅުގަނޑަށް ކުއްޖާ ނުފެންނަނީ ސުވާލު ކުރިން ކޮބައިތޯ ކުރި ސްކޭނުތައް، ޖަވާބެއް ނުލިބުން، ދެން އަޅުގަނޑު ގެންގޮސް ކުއްޖާ ދެއްކީ، ދެއްކި ތަނުން އަޅުގަނޑު އަނބުރައިގަނެގެން ވެއްޓިއްޖެ ބިންމައްޗައް، އަޅުގަނޑަށް ފެނުނީ ކުއްޖާގެ ހިތް މަތިން ބޮކިޖަހަ ޖަހަ އޮއްވައި،" ޝަރީފާ ބުންޏެވެ.

ޑޮކްޓަރުން ބުނާގޮތުގައި ކުއްޖާ އަށް ދިމާވެފައި ވަނީ ގުދުރަތީ ހާލަތެކެވެ. އެއީ އިހްމާލަކުން ވެފައިވާ ކަމެއް ނޫނެވެ. ނަމަވެސް ޝަރީފާ ގަބޫލު ކުރާ ގޮތުގައި ވިހެއުމަށް ޝާހީ އެހެން ހޮސްޕިޓަލަކަށް ގެންދިޔަ ނަމަ ކުއްޖާއަށް މި ހާލަތު ދިމާވެފައިވާ ކަން ދެނެގަނެވުނީހެވެ.

ނީރާގެ އިތުރު ފަރުވާ އަށް 16 ވަނަ ދުވަހުގެ ރޭ އިންޑިއާ އަށް ފުރުވާލާފައި ވާއިރު ބޭސް ފަރުވާގެ ހަރަދާއި ފްލައިޓު ޓިކެޓު އާސަންދައިން ހަމަޖެހުނު އިރު، ކުއްޖާގެ އެހެނިހެން ހަރަދުތައް ބަލަހައްޓަން ޖެހެނީ އާއިލާ އަށެވެ.

ޝަރީފާ ބުނީ ކުއްޖާގެ ހާލަތާމެދު އެއްވެސް އަޕްޑޭޓެއް އަދި ލިބިފައި ނުވާ ކަމަށާއި ސްކޭނުތައް ހަދައި ނިމުމުން ކުއްޖާ އަށް ދެވެން އޮތް ފަރުވާ އެނގިގެން ދާނެ ކަމަށެވެ. އަދި އެކި ތަންތަނަށާއި މީހުންގެ ކައިރިއަށް ގޮސް 1900 ޑޮލަރާއި 10000 ރުފިޔާ ކުއްޖާ ފުރުވާލުމުގެ ކުރިން ހޯދުނު ކަމަށާއި އިތުރަށް ފައިސާ ބޭނުންވާ ކަމަށް ޝަރީފާ ބުންޏެވެ.

އޭނާ ބުނީ ޝާހީ އާއި އެހީތެރިން އިންޑިއާގައި ހަރަދުތައް ބަލަހައްޓަމުން ދަނީ އެ ފައިސާ އިން ކަމަށެވެ. އަދި ކުއްޖާގެ ގިނަ އޮޕަރޭޝަންތަކެއް ކުރަން ޖެހޭނެ ކަމަށް ލަފާ ކުރާ ކަމަށާއި ބެލި ބެލުމުން ޔަގީން ކަމާއެކު އޮޕަރޭޝަން ކުރެވެން އަންނަނީ ތުރުކީގެ އިސްތަންބުލް އިން ކަމަށެވެ.

ނީރާ އަށް އެހީތެރިވެދެއްވަން ބޭނުންފުޅުވާ ފަރާތްތަކުން ކުއްޖާގެ ބައްޕަ މޫމިން ޔޫސުފްގެ ބީއެމްއެލް ރުފިޔާ އެކައުންޓް (7710531838101) ފައިސާ ޖަމާކޮށްދިނުމަށް އާއިލާއިން އެދެއެވެ. އަދި ނީރާ އަށް ދިމާވެފައިވާ ބަލި ހާލަތާއި ގުޅޭ އިތުރު މައުލޫމާތު ހޯއްދެވުމަށް ބޭނުންފުޅުވާނަމަ، ޝަރީފާގެ ނަމްބަރު 9118960 އަށް ގުޅުމަށް އޭނާ އެދެއެވެ.

މާތްﷲ ނީރާ އަށް އަވަސް ޝިފާއެއް މިންވަރު ކުރައްވައި، އެ މަޢުސޫމް ދަރިފުޅަށް ބާއްޖަވެރި މުސްތަޤުބަލެއް މިންވަރު ކުރައްވާށިއެވެ. އަދި އަޅަމެންނީ އެކަކު އަނެކަކަށް އެހީތެރިވެދޭ ބަޔަކުކަމުގައި ލައްވައި، އަޅަމެންގެ މި މުޖުތަމަޢަކީ ބަލިމަޑުކަމާއި ނުރައްކާތެރި ރޯގާތަކުން ރައްކާތެރި، ދުޅަހެޔޮ މުޖުތަމައެއްކަމުގައި ލައްވާށިއެވެ. އާމީން!

މީސްތަކުންނަށް އެހީވުމާއި ބެހޭގޮތުން ބައެއް އާޔަތްތަކާއި ޙަދީޘްތައް:

1. މީސްތަކުންނަށް އެހީތެރިވުމަކީ އަދި މީސްތަކުންގެ ޙާޖަތްތައް ފުއްދައިދިނުމަކީ އިޙުސާންތެރިކަމުގެ ތެރެއިން ހިމެނޭ ކަމެކެވެ.
ﷲ ސުބުޙާނަހޫ ވަތަޢާލާ ވަޙީކުރައްވާފައިވެއެވެ.

(وَأَحْسِنُوا ، إِنَّ اللَّـهَ يُحِبُّ الْمُحْسِنِينَ) سورة البقرة: 195

މާނައީ: "އަދި ތިޔަބައިމީޙުން އިޙުސާންތެރިވާށެވެ. ހަމަކަށަވަރުން ﷲ އިޙުސާންތެރިވާ މީސްތަކުންދެކެ ލޯބިވެވޮޑިގަންނަވައެވެ."

2. ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރައްވާފައިވެއެވެ.

(الْمُسْلِمُ أَخُو الْمُسْلِمِ لَا يَظْلِمُهُ وَلَا يُسْلِمُهُ وَمَنْ كَانَ فِي حَاجَةِ أَخِيهِ كَانَ اللَّهُ فِي حَاجَتِهِ) متفق عليه.
(رواه البخاري 6551 و مسلم 285000)

މާނައީ: އެއްމުސްލިމަކީ އަނެއްމުސްލިމްގެ އަޚާއެވެ. އޭނާ (އެމީހެއްގެ އަޚާގެ މައްޗަށް) އަނިޔާވެރިއެއްނުވާނެއެވެ. އަދި އަނިޔާ ލިބެން ދޫނުކުރާނެއެވެ. އެމީހެއްގެ އަޚާގެ ޙާޖަތް ފުއްދުމުގައި ދެމިހުރި މީހާގެ ޙާޖަތުގައި ﷲ ވޮޑިގެންވާނެއެވެ."

3. ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރައްވާފައިވެއެވެ.

(مَنْ نَفَّسَ عَنْ مُؤْمِنٍ كُرْبَةً مِنْ كُرَبِ الدُّنْيَا، نَفَّسَ اللهُ عَنْهُ كُرْبَةً مِنْ كُرَبِ يَوْمِ الْقِيَامَةِ، وَمَنْ يَسَّرَ عَلَى مُعْسِرٍ، يَسَّرَ اللهُ عَلَيْهِ فِي الدُّنْيَا وَالْآخِرَةِ، وَمَنْ سَتَرَ مُسْلِمًا، سَتَرَهُ اللهُ فِي الدُّنْيَا وَالْآخِرَةِ، وَاللهُ فِي عَوْنِ الْعَبْدِ مَا كَانَ الْعَبْدُ فِي عَوْنِ أَخِيهِ) رواه مسلم في صحيحه: 2699

މާނައީ: "އަދި އެމީހެއްގެ އަޚާގެ ކިބައިން ދުނިޔެ މަތީގައި ދަތިކަމެއް ފިލުވައިދީފި މީހަކަށް، އެމީހަކަށް ޤިޔާމަތްދުވަހުން ޖެހޭ މުޞީބާތްތަކުގެ ތެރޭން މުޞީބާތެއް ﷲ ފިލުއްވައިދެއްވާހުއްޓެވެ. އަދި އުނދަގުލެއް ޖެހިފައިވާ މީހާއަށް ފަސޭހަކޮށްދީފިމީހަކަށް، ﷲ އެމީހަކަށް ދުނިޔެމަތީގަޔާއި އާޚިރަތުގައި ފަސޭހަކޮށްދެއްވާނެއެވެ. އަދި މުސްލިމެއްގެ (ޢައިބު ފޮރުވައިދީފިމީހާ)ގެ ޢައިބު، ދުނިޔެއާއި އާޚިރަތުގައި ﷲ އެމީހެއްގެ ޢައިބުފޮރުވައިދެއްވާ ހުއްޓެވެ. އަދި ހަމަކަށަވަރުން އެމީހެއްގެ އަޚާއަށް އެހީވުމުގެ މަތީގައި ހުންނަމީހާއަށް އެހީތެރިވޮޑިގަތުން މަތީގައި ﷲ ވޮޑިގެންވެއެވެ."

4. އަދިވެސް ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ އެކަމަށް ބާރުއެޅުއްވުމުގެ ގޮތުން ޙަދީޘްކުރައްވާފައިވެއެވެ.

(أَحَبُّ النَّاسِ إِلَى اللَّهِ تَعَالَى أَنْفَعُهُمْ لِلنَّاسِ ، وَأَحَبُّ الْأَعْمَالِ إِلَى اللَّهِ تَعَالَى سُرُورٌ تُدْخِلُهُ عَلَى مُسْلِمٍ ، أَوْ تَكْشِفُ عَنْهُ كُرْبَةً ، أَوْ تَقْضِي عَنْهُ دَيْنًا ، أَوْ تَطْرُدُ عَنْهُ جُوعًا) رواه الطبراني في المعجم الكبي: 13646 و صححه الألباني.

މާނައީ: "ﷲތަޢާލާއަށް އެންމެ ލޮބުވެތިވެގެންވަނީ މީސްތަކުންނަށް އެންމެ މަންފާބޮޑު މީހެކެވެ. ﷲއަށް އެންމެ ލޮބުވެތިވެގެންވާ ޢަމަލަކީ މީހަކު މުސްލިމަކަށް ގެނެސްދޭ އުފާވެރިކަމެކެވެ ނުވަތަ މީހެއްގެ ކިބައިން މުޞީބާތް ފިލުވައިދޭ ފިލުވައިދިނުމެވެ. ނުވަތަ ދަރަނި އަދާކޮށްދޭ ކޮށްދިނުމެވެ. ނުވަތަ މީހެއްގެ ކިބައިން ބަނޑުހައިހޫނުކަން ފިލުވައިދޭ ފިލުވައިދިނުމެވެ."

15 ކޮމެންޓް

  1. ނީރާގެ މައިންބަފައިނަށް ކެތްތެރިކަން ދެއްވާ ނީރާއަށް އަވަސް ޝިފާއެއް މިންވަރު ކުރައްވާށި.. އާމީން

  2. އާއިލާ އަށް ކެތްތެރިކަން ދެއްވާށި ......

  3. ނީރާގެ މަންމައާއި ބައްޕަ އަށް ކެތްތެރިކަން ދެއްވައި ބޭބީ ނީރާ އަށް އަވަސް ޝިފާއެއް މިންވަރު ކުރައްވާށި! އާމީން.

  4. މިއޮއް ތަރައްގީ ޒަމާނުގައި ޑޮކްޓަރުންނަށް ހަމަ ނޭގުނީބާ ނުވަތަ ވާއެއްޗެއް ވަންދެން ނުބުނެ ތިބީބާ؟؟؟؟؟؟؟؟؟؟؟؟؟؟

  5. މިކަމުގައި އިހުމާލެއް އޮވެއްޖެނަމަ ފިޔަވަޅު އެޅުމަށް ގޮވާލަން.

  6. ނީރާ ބޭބީއަށް އަވަސް ޝިފާއަކަށް އެދެން.

  7. މި ތުއްތު ކުއްޖާއަށް އަވަސް ޝިފާއެއް މާތްﷲ މިންވަރު ކޮށްދެއްވާށި. ޢާމީން!

  8. ފާތުމަތު ޝާހީ އެއްނޫން އާއިޝަތު ޝާހީ
    އެގޭތީ ބުނެލީ

  9. އާމިނަތު ނީޒާ

    ނީރާ ބޭބީ އަށް އަވަސް ޝިފާއެއް މިންވަރުކޮށްދެއްވައި އާއިލާއަށް ކެތްތެރިކަން ދެއްވާށި! އާމީން

  10. ނީރާ ބޭބީ މަންމަގެ ނަމަކީ އައިޝަތު ޝާހީ. މިކުށް އިސްލާހު ކޮއްދެއްވާ!

  11. ޝަރީފާއަކީ ސްޕެޝަލިސްޓެއްހެން ހީވަނީ..! އެހެންޏާފަހެ، އެކުއްޖާފުޅަށް ޤުދުރަތީ ގޮތުން ދިމާވި ބަދުނަސީބު ޙާލަތެއްގެ ޒިންމާވެސް އެހެން ބައެއްގެ ބޮލުގައި އަޅުވަން އުޅޭހެން ޝަރީފާގެ ވާހަކައިން ދޭހަވަނީ..! ކުރިން އެނގުނު ނަމަވެސް ވިހެއުމުގެ ކުރިން ކުރެވޭނެ މާބޮޑު ކަމެއް ތިކަމުގައި އޮންނާނެ ހެނެއް ހީއެއް ނުވޭ..!

    • އެއީ ހަމަ އިހުމާލެއް އެވަރު ވާއިރު ބުނަން ޖެހޭނެ. ޜަނގަޅޭ ކިޔާފަ ސިއްރު ކުރާނީވެސް ކަމެއް ވީމަތާ

    • މަވެސް ވ.ފޫހިވެއްޖެ މިމާމަގެ ވާހަކައިން..ﷲ ތަޢާލާގެ މިންވަރުފުޅު މިއީ. ޑޮކްޓަރުންނަށް ވިހެއުމުގެ ތެރޭ ހިތް ނެރެ ބޭރަށް ލެވޭނެހެނެއަ ހިއެއް ނުވޭ.

    • މަރިޔަމް ޝަރާ

      ޝަރީފާއަކީ ޝްޕެޝަލިސްޓެއް ނޫން ކަމަކު ޝަރީފާއޭ ހުރިހާ ކަމެއް ކޮއްދިނީ. މާ އެއްޗިސް ކިޔާ ހިތުން އުޅެންޏާ ދިމާލަށް ކިޔަންވީނު. ޝާހީއާ ކޮން ގުޅުމެއް އޮވެގެންތަ މާ ވަރަކަށް ތިފުއްޕަނީ. މީސްމީހުންގެ ޢާއިލާއަށް ދެރަގޮތް ދިމާވީމަ އަދިވެސް ތިއުޅެނީ ހަސަދަ ނުބޭލިގެން. ތިހާ ހަޖަމް ނުވަންޏާ ނުބޭނިހުރުން ރަނގަޅުވާނީ.

    • ޑަކްޓަރު.. ތި ކިޔާ އެއްޗެއް އިގޭތަ.އައިޖީއެމްއެޗް އެއީ މި ރާއްޖޭގަ ހުރި އެންމެ ގާބިލް ހޮސްޕިޓަލަށް ވީއިރު، ކީއްވެ ސްކޭން އަކުން ނޭގެންވީ.. ޝަރީފާ ބުނީ ރަނގަޅަށް .. ގުދުރަތީ ކަމެއްވިޔަސް އިހުމާލު އެބައޮތް