ހުސެއިން ހޮސްޕިޓަލްގައި އެޑްމިޓްކޮށްފައި

އަޚުންނާއި އުޚުތުންނޭވެ! މިހަޔާތުގައި ކޮންމެ އިންސާނަކުމެ ތަފާތު ތަޖުރިބާތައް ކުރަން ޖެހެއެވެ. ގޮންޖެހުންތަކާއި ކުރިމަތިލާން ޖެހެއެވެ. އުފަލާޢި ހިތާމަ އިޙްސާސް ކުރަންނުޖެހޭ އެއްވެސް އިންސާނަކު މި ދުނިޔޭގައި ދިރިއުޅޭ ހެއްޔެވެ؟ ނޫނެކެވެ. އަހަރެމެންނަށް އޮތީ ކަންކަމާޢި ކުރިމަތިލުމެވެ.

ރ. މީދޫ އަށް އުފަން އުމުރުން 45 އަހަރުގެ ހުސެއިިން ފަޔާޒަށް ދިމާވެފައިވާ ހާލަތު "ވަގުތު އެހީ" އަށް ކިޔައިދެމުން އޭނާ ބުނީ މީގެ ދޮޅު އަހަރު ކުރިން އެންމެ ފުރަތަމަ ފެށީ ފައި ދުޅަވާން ކަމަށާއި ޑޮކްޓަރަށް ދެއްކުމުން ގޯލްޑްބްލެޑާ ނުވަތަ ކުޑަކަމުދާ ތަކެތި ރައްކާކުރާ ތަނުގައި ހިލައެއް އުފެދިފައިވާ ކަމަށް ޑޮކްޓަރުން ބުނި ކަމަށެވެ.

ޙުސެއިން އަކީ ރަށު ތަރައްގީއަށްޓަކައި ކުރެވުނު ތަފާތު މަސައްކަތްތަކުގައި ހިލޭ ސާބަހަށް ވީވަރަކުން ހިދުމަތްތަކެއް ކޮށްދީފައިވާ ރަށުގެ އެންމެނާއި ގުޅޭ މީހެކެވެ. މީދޫ އެކުވެރި ކުލަބުން އިންތިޒާމްކޮށްގެން ބާއްވާ ޙަރަކާތްތަކުގައި ޢަމަލީގޮތުން ބައިވެރިވެފައެވެ. ޙުސެއިން ޤަބޫލްކުރާގޮތުގައި ރަށުގެ ތަރައްގީއަށްޓަކައި އެފަދަ ކަންކަމުގައި ބައިވެރިވުމަކީ އޭނާއަށްވެސް ލިބޭ އުފަލެކެވެ.

ޙުސެއިން ޒަވާޖީ ހަޔާތެއް ފަށައި އޭނާގެ ދެ ކުދީން ވެސް މިހާރު އެބަ ތިއްބެވެ. އުމުރުން 15 އަހަރުގެ ފައުޒާ އާއި 7 އަހަރުގެ ފިޒާން އެވެ. ނަމަވެސް ޖެހިފައިވާ ބަލީގެ ސަބަބުން މިހާރު އޭނާ ތަޖުރިބާ ކުރަމުން އެގެންދަނީ އަނބިދަރިންނާއެކު ވަކި ދިރިއުޅުމެކެވެ.

އައިޖީއެމްއެޗް އަށް ދެއްކުމުން ވެސް ފައިގެ ދުޅަ ރަނގަޅުވާ ގޮތް ނުވުމުން އިންޑިއާ އަށް ދިއުމަށް ހުސެއިން ނިންމިއެވެ. އިންޑިއާގެ ކިންމްސް ހޮސްޕިޓަލަށް ދެއްކުމުން ދިނީ ވަރަށް ގަބޫލުކުރަން އުނދަގޫވި ޖަވާބެކެވެ. ހުސެއިންގެ ފުރަމޭ އަށް "ލިވާސެރޮސިސް" ޖެހި ކެންސަރަށް ބަދަލުވުމުގެ ފުރުސަތު އެބައޮތް ކަމަށް ޑޮކްޓަރުން ބުންޏެވެ.

"އެ މީހުން ބުނީ ލިވާސެރޮސިސް ޖެހި ފުރަމޭގެ ލަކުނުތައް ފާރަށް ބަދަލުވާން ފަށައިފައިވާ ކަމަށް، އަދި ކެންސަރަށް ބަދަލުވުމުގެ ފުރުސަތު ވެސް އެބައޮތް ކަމަށް އެ މީހުން ބުނި، ޓެސްޓު ހެދުމަށް ފަހު ބުނި އަދި ކެންސަރަށް ބަދަލު ނުވާ ކަމަށް، އެހެންވީމަ ފަހަރެއްގަ ބޭހުން ވެސް ރަނގަޅު ވެދާނޭ، އަދި ޑައެޕްސީ ހެދުމަށް ބުނި،" ހުސެއިން ބުންޏެވެ.

ހުސެއިން ދެން އައީ ރާއްޖެއެވެ. ރާއްޖެ އައުމަށް ފަހު އާސަންދައިގެ އެހީގައި ދެން ދިޔައީ އިންޑިއާގެ ކޮޗިންގައި ހުންނަ އެސްޓާ މޭޑިސިޓީ ހޮސްޕިޓަލަށެވެ. އެތަނުން ޑައެޕްސީ ހެދުމަށް ފަހު ކެންސަރަށް އަދި ބަދަލުނުވާ ކަމަށް ބުންޏެވެ. ނަމަވެސް އަވަހަށް ކެންސަރަށް ބަދަލު ވެދާނެ ކަމަށް ބުންޏެވެ.

"އެ މީހުން ބުނި ހާލަތު ސީރިއަސް ކަމަށް އަދި ފަހަރެއްގައި ކެންސަރަށް ބަދަލުވުން ގާތްކަމަށް، ދެން ރާއްޖެ އައިސް ޓެސްޓުތައް ހަދަމުން ދާ ވަރަކަށް އިންޑިއާ އަށް ފޮނުވަމުން ދިޔައީ، ރޯދައިގެ ކުރިން އަނެއްކާ ވެސް ދިޔައީ އިންޑިއާ އަށް، ދިއުމުން އެމްއާރުއައި ހަދާފައި ބުނީ ޓިއުމަރެއް ވެސް އިން ވާހަކަ ފުރަމޭގަ، އެހެންކަމުން ފުރަމޭ ޓްރާންސްޕްލާންޓު ހެދުން ނޫން އިތުރު ދާއިމީ ހައްލެއް ނެތް ކަމަށް ބުނީ،" ހުސެއިން ބުންޏެވެ.

ހުސެއިން އަށް މިކަންވީ ގަބޫލު ކުރަން އުނދަގޫ ކަމަކަށެވެ. އެހެންކަމުން މިކަން އިތުރަށް ޔަގީން ކުރުމަށް އޭނާ އަމިއްލަ ގޮތުން އެހެން ހޮސްޕިޓަލަކަށް ދެއްކިއެވެ. އެ މީހުންވެސް ދިނީ ހަމަ އެ ޖަވާބެވެ. ފުރަމޭ ބަދަލު ކުރާށެވެ. ނޫނީ ފުރާނަ އަށް ނުރައްކާވާނެ ކަމަށެވެ. ދާއިމީ ހައްލެއް ނުހޯދާ ނަމަ ގިނަ ގިނައިން ބޭރަށް ގޮސް ކީމޯ ހަދަން ޖެހޭނެ ކަމަށް ޑޮކްޓަރުން ވަނީ ބުނެފައެވެ.

ހުސެއިން ބުނީ ހާލަތު އިތުރަށް ގޯސްވާ ކަމަށް ވަކި ފާހަގަ ނުކުރެވޭ ކަމަށާއި ނަމަވެސް ބަލީގެ ކުރީ ކޮޅު ނޭފަތުން ލޭ އައި އައުން މިހާރު ކޮންޓްރޯލު ވެފައިވާ ކަމަށެވެ. ނަމަވެސް ފައި ދޭތެރޭ ދޭތެރެއިން ދުޅަވެ ނުހިނގޭ މިންވަރަށް ފައިގަ ރިއްސާ ކަމަށް އޭނާ ބުންޏެވެ.

ހުސެއިން ބުނީ މިހާރު މަސައްކަތް ކުރަމުން އެދަނީ ޓްރާންސްޕްލާންޓް ހެދުމަށް ފައިސާ އެއްކުރުން ކަމަށާއި ހަމައެކަނި ޓްރާންސްޕްލާންޓަށް ވެސް ގާތްގަނޑަކަށް 45000 އެއްހާ ޑޮލަރު ބޭނުންވާ ކަމަށެވެ. މީގެ އިތުރުން ހުރުމާއި ކެއުމަށް ވެސް ބޮޑު ހަރަދެއް ދާނެ ކަމަށް ހުސެއިން ބުންޏެވެ.

މިއަދު ޙުސެއިން އެދަނީ އޭނާގެ ދިރިއުޅުމުގައި ހީވެސް ނުކުރާފަދަ ކަމަކާއި ކުރިމަތިލަމުންނެވެ. ހިތްދަތިކަން ބަރުދާސްތު ކުރަމުންނެވެ. އެކަމުން ނަޖާ ވުމަށް އެދި އުންމީދުތައް އާ ކުރަމުންވެސް މެއެވެ. ބަލީގެ ޚާއްޞަ ޑޮކްޓަރުން އިރުޝާދު ދެއްވަމުން އެގެންދަވަނީ ވީ އެންމެ އަވަހަކަށް އޭނާގެ ފުރަމޭ ބަދަލު ކުރުމަށެވެ. ކަމަކީ އޭގެ ޒާތުގައި ކުޑަ ކަމެއް ނޫނެވެ. ހޯދަންޖެހެނީ ކުޑަ ފަރުވާއެއްވެސް ނޫނެވެ. ކުރަންޖެހިފައިއޮތީ ބޮޑު ޙަރަދެއް ހިނގާ އޮޕަރޭޝަނެކެވެ. ހޭދަވާނެކަމަށް ލަފާކުރެވެނީ އޭނާގެ މާލީ ހާލަތަށްބަލާއިރު ފަސޭހައިން ހަމަކޮށްލެވޭވަރުގ ޢަދަދެއްވެސް ނޫނެވެ.

ހުސެއިން ވެދެވޭ ކިތަންމެ ކުޑަ އެހީއަކީވެސް އެފަރާތުން ބަލައިގަންނާނެ އެހީތެރިކަމަކަށް ވާއިރު، އަޅުގަނޑުމެން ދިވެހިންގެ ތެރޭގައި އަބަދުވެސް އެކަކު އަނެކަކަށް އެހީތެރިވުމުގެ ރަނގަޅު އާދަ އަށަގެންފައި ވާކަމީ ހުސެއިން ފަދަ އެހީއަށް ބޭނުންވެފައިވާ މީހުންނަށް އޮތް އުންމީދުކަން ޔަޤީނެވެ. އެފަދަ ފަރާތްކަށް އަޅާލައި އެހީތެރިވުމަކީ މިއަދު އިންސާނިއްޔަތަށްޓަކައި ފުދުންތެރިކަން ލިބިފައިވާ ކޮންމެ ފަރާތެއްގެ އަތްމަތީގައިވެސް އޮތް އިޚްތިޔާރެކެވެ. ކޮންމެ ކިޔުންތެރިއަކު ވެސް ވީވަރަކުން ހުސެއިން އަށް އެހީވުމަކީ އަޅުގަނޑުމެންގެ ޓީމުގެ ވަރަށް ބޮޑު އެދުމެކެވެ.

ހުސެއިން ފަޔާޒް އަށް އެހީތެރިވެދެއްވަން ބޭނުންފުޅުވާ ފަރާތްތަކުން ހުސެއިން ފަޔާޒުގެ ބީއެމްއެލް އެކައުންޓް (7717109726101) އަށް ފައިސާ ޖަމާކޮށްދިނުމަށް އޭނާ އެދެއެވެ. އަދި ހުސެއިން އަށް ދިމާވެފައިވާ ބަލި ހާލަތާއި ގުޅޭ އިތުރު މައުލޫމާތު ހޯއްދެވުމަށް އާއިލާގެ ފަރާތުން ހުސެއިންގެ ފޯން ނަމްބަރު: 7433557 އަށް ގުޅުއްވައިގެން މައުލޫމާތު ސާފުކުރެއްވުން އެދެމެވެ.

މާތްﷲ ހުސެއިން އަށް އަވަސް ޝިފާއެއް މިންވަރު ކުރައްވައި، ބާއްޖަވެރި މުސްތަޤުބަލެއް އޭނާއަށް މިންވަރު ކުރައްވާށިއެވެ. އަދި އަޅަމެންނީ އެކަކު އަނެކަކަށް އެހީތެރިވެދޭ ބަޔަކުކަމުގައި ލައްވައި، އަޅަމެންގެ މި މުޖުތަމަޢަކީ ބަލިމަޑުކަމާއި ނުރައްކާތެރި ރޯގާތަކުން ރައްކާތެރި، ދުޅަހެޔޮ މުޖުތަމައެއްކަމުގައި ލައްވާށިއެވެ. އާމީން!

މީސްތަކުންނަށް އެހީވުމާއި ބެހޭގޮތުން ބައެއް އާޔަތްތަކާއި ޙަދީޘްތައް:

1. މީސްތަކުންނަށް އެހީތެރިވުމަކީ އަދި މީސްތަކުންގެ ޙާޖަތްތައް ފުއްދައިދިނުމަކީ އިޙުސާންތެރިކަމުގެ ތެރެއިން ހިމެނޭ ކަމެކެވެ.
ﷲ ސުބުޙާނަހޫ ވަތަޢާލާ ވަޙީކުރައްވާފައިވެއެވެ.

(وَأَحْسِنُوا ، إِنَّ اللَّـهَ يُحِبُّ الْمُحْسِنِينَ) سورة البقرة: 195

މާނައީ: "އަދި ތިޔަބައިމީޙުން އިޙުސާންތެރިވާށެވެ. ހަމަކަށަވަރުން ﷲ އިޙުސާންތެރިވާ މީސްތަކުންދެކެ ލޯބިވެވޮޑިގަންނަވައެވެ."

2. ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރައްވާފައިވެއެވެ.

(الْمُسْلِمُ أَخُو الْمُسْلِمِ لَا يَظْلِمُهُ وَلَا يُسْلِمُهُ وَمَنْ كَانَ فِي حَاجَةِ أَخِيهِ كَانَ اللَّهُ فِي حَاجَتِهِ) متفق عليه.
(رواه البخاري 6551 و مسلم 2850)

މާނައީ: އެއްމުސްލިމަކީ އަނެއްމުސްލިމްގެ އަޚާއެވެ. އޭނާ (އެމީހެއްގެ އަޚާގެ މައްޗަށް) އަނިޔާވެރިއެއްނުވާނެއެވެ. އަދި އަނިޔާ ލިބެން ދޫނުކުރާނެއެވެ. އެމީހެއްގެ އަޚާގެ ޙާޖަތް ފުއްދުމުގައި ދެމިހުރި މީހާގެ ޙާޖަތުގައި ﷲ ވޮޑިގެންވާނެއެވެ."

3. ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރައްވާފައިވެއެވެ.

(مَنْ نَفَّسَ عَنْ مُؤْمِنٍ كُرْبَةً مِنْ كُرَبِ الدُّنْيَا، نَفَّسَ اللهُ عَنْهُ كُرْبَةً مِنْ كُرَبِ يَوْمِ الْقِيَامَةِ، وَمَنْ يَسَّرَ عَلَى مُعْسِرٍ، يَسَّرَ اللهُ عَلَيْهِ فِي الدُّنْيَا وَالْآخِرَةِ، وَمَنْ سَتَرَ مُسْلِمًا، سَتَرَهُ اللهُ فِي الدُّنْيَا وَالْآخِرَةِ، وَاللهُ فِي عَوْنِ الْعَبْدِ مَا كَانَ الْعَبْدُ فِي عَوْنِ أَخِيهِ) رواه مسلم في صحيحه: 2699

މާނައީ: "އަދި އެމީހެއްގެ އަޚާގެ ކިބައިން ދުނިޔެ މަތީގައި ދަތިކަމެއް ފިލުވައިދީފި މީހަކަށް، އެމީހަކަށް ޤިޔާމަތްދުވަހުން ޖެހޭ މުޞީބާތްތަކުގެ ތެރޭން މުޞީބާތެއް ﷲ ފިލުއްވައިދެއްވާހުއްޓެވެ. އަދި އުނދަގުލެއް ޖެހިފައިވާ މީހާއަށް ފަސޭހަކޮށްދީފިމީހަކަށް، ﷲ އެމީހަކަށް ދުނިޔެމަތީގަޔާއި އާޚިރަތުގައި ފަސޭހަކޮށްދެއްވާނެއެވެ. އަދި މުސްލިމެއްގެ (ޢައިބު ފޮރުވައިދީފިމީހާ)ގެ ޢައިބު، ދުނިޔެއާއި އާޚިރަތުގައި ﷲ އެމީހެއްގެ ޢައިބުފޮރުވައިދެއްވާ ހުއްޓެވެ. އަދި ހަމަކަށަވަރުން އެމީހެއްގެ އަޚާއަށް އެހީވުމުގެ މަތީގައި ހުންނަމީހާއަށް އެހީތެރިވޮޑިގަތުން މަތީގައި ﷲ ވޮޑިގެންވެއެވެ."

4. އަދިވެސް ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ އެކަމަށް ބާރުއެޅުއްވުމުގެ ގޮތުން ޙަދީޘްކުރައްވާފައިވެއެވެ.

(أَحَبُّ النَّاسِ إِلَى اللَّهِ تَعَالَى أَنْفَعُهُمْ لِلنَّاسِ ، وَأَحَبُّ الْأَعْمَالِ إِلَى اللَّهِ تَعَالَى سُرُورٌ تُدْخِلُهُ عَلَى مُسْلِمٍ ، أَوْ تَكْشِفُ عَنْهُ كُرْبَةً ، أَوْ تَقْضِي عَنْهُ دَيْنًا ، أَوْ تَطْرُدُ عَنْهُ جُوعًا) رواه الطبراني في المعجم الكبي: 13646 و صححه الألباني.

ADS BY SHEESHA

މާނައީ: "ﷲތަޢާލާއަށް އެންމެ ލޮބުވެތިވެގެންވަނީ މީސްތަކުންނަށް އެންމެ މަންފާބޮޑު މީހެކެވެ. ﷲއަށް އެންމެ ލޮބުވެތިވެގެންވާ ޢަމަލަކީ މީހަކު މުސްލިމަކަށް ގެނެސްދޭ އުފާވެރިކަމެކެވެ ނުވަތަ މީހެއްގެ ކިބައިން މުޞީބާތް ފިލުވައިދޭ ފިލުވައިދިނުމެވެ. ނުވަތަ ދަރަނި އަދާކޮށްދޭ ކޮށްދިނުމެވެ. ނުވަތަ މީހެއްގެ ކިބައިން ބަނޑުހައިހޫނުކަން ފިލުވައިދޭ ފިލުވައިދިނުމެވެ."

2 ކޮމެންޓް

  1. އެބަހުރި ލިޔަން ލައްކަ ހަދީސް. އެކަމަކު އެއެއް ނުޖަހާނެ. ކަމެއް ޖެހުނީމަ ތިޔަ ކަހަލަ ހަދީސް މި ތިލަވަނީ

  2. ލިވަ ޓްރާންސް ޕްލާންޓް އަކީ އިންޑިއާގެ ޓްރެވެންޑްރަމްގެ ކިމްސް ހޮސްޕިޓަލުން ވަރަށް ކާމިޔާބު ކަމާ އެކު ކުރާ ރިސްކީ ބޮޑު އޮޕަރޭސަނެއް. އޭރުން އޮޕަރޭސަނަށް ބޭނުންވާ ފައިސާ އާސަންދައިން ލިބޭނެ. ބާކީ ބޭނުންވާ ފައިސާ ވަގުތު ނޫހުގަ ޖައްސަވާ. އަޅުގަނޑުމެން އެހީ ވެދޭނަން.