ހަލުވިކަމާއެކު ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ފެތުރެމުން އަންނަ ކޮވިޑް-19 އަށް އެމެރިކާއިން ފައްސިވި މީހުންގެ އަދަދު 32 މިލިއަނަށް އަރައިފިއެވެ.

އެޤައުމުން ކޮވިޑް-19 ޖެހުނު މީހުންގެ އަދަދު 32 މިލިއަނަށް އަރާފައި މިވަނީ އިއްޔެ އެކަނިވެސް އިތުރު ބައިލައްކަ އަށްވުރެ ގިނަ ފައްސި ވޭދަނަ (ޕޮޒިޓިވް ކޭސް) އެޤައުމުން ފެންމަތިވުމާއި ގުޅިގެންނެވެ. ކޮވިޑް-19 އާއި ބެހޭ މަޢުލޫމާތުތައް ހާމަކުރާ އިދާރާތަކުން ނެރެފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު އެޤައުމުން މިދިޔަ 24 ގަޑިއިރު ތެރޭގައި އިތުރު 68,473 މީހަކަށް މި ބަލި ޖެހިފައި ވެއެވެ.

އިއްޔެވެސް އިތުރުން އެތައް ހާސް ބަޔަކު ފައްސިވުމާއެކު މިހާރު އެމެރިކާއިން ކޮވިޑް-19 ޖެހުނު މީހުންގެ ޖުމްލަ އަދަދު އުޅެނީ 32,059,766 ގައެވެ. އެޤައުމަކީ މުޅި ދުނިޔެއިންވެސް އެންމެ ގިނަ ޢަދަދެއްގެ ބަޔަކަށް މި ބަލި ޖެހުނު ޤައުމެވެ. އަދި ބަލީގައި އެންމެ ގިނަ ބަޔަކު މަރުވީވެސް އެމެރިކާއިންނެވެ.

އެމެރިކާއިން ކޮވިޑް-19 ޖެހުނު މީހުންގެ ޢަދަދު 32 މިލިއަނަށް އަރާފައި ވާއިރު އެޤައުމުން މިހާތަނަށް މި ބަލީގައި މަރުވި މީހުންގެ އަދަދު 577000 އަށްވުރެ އިތުރެވެ. މީގެ ތެރޭގައި މިދޔަ 24 ގަޑިއިރު ތެރޭގައި މަރުވި 748 މީހަކުވެސް ހިމެނެއެވެ.

ކޮވިޑް-19 ގެ ކުރީކޮޅު ދުނިޔެއިން އެންމެ ނުރައްކާ ބޮޑުވެގެން އައި އެމެރިކާގައި ފާއިތުވެދިޔަ ދުވަސްތަކުގައި މި ބަލި ފެތުރޭ މިންވަރު، މީގެ ކުރިޔާއި އަޅައި ބަލާއިރު ވަރަށް ބޮޑަށް ދަށެވެ. ނަމަވެސް އެޤައުމުގައި އަދިވެސް މި ބަލިމަޑުކަން ކޮންޓްރޯލް ކުރެވިފައެއް ނުވެއެވެ.

ދުނިޔެއިން އެންމެ ބޮޑަށް ކޮވިޑް-19 ފެތުރުނު އެމެރިކާއިން މިހާތަނަށް މި ބައްޔަށް ފައްސިވީ މީހުންގެ ތެރެއިން ރަނގަޅުވީ 24 މިލިއަން މީހުންނެވެ. އަދި މިވަގުތު ބައްޔަށް ފަރުވާ ހޯދާ 6.8 މިލިއަން މީހުންގެ ތެރެއިން 9400 އަށްވުރެ ގިނަ މީހުންނަށް ފަރުވާދެމުން އަންނަނީ ސީރިއަސް ހާލުގައި ނުވަތަ އައިސީޔޫގައެވެ.

ކޮވިޑް-19 ގެ ނުރައްކަލުގައި ދުނިޔެ އޮންނަތާ އަހަރަކަށްވުރެ ގިނަ ދުވަސް ފާއިތުވެގެން ގޮސްފައި ވާއިރު މިހާތަނަށް ދުނިޔޭގެ 219 ޤައުމަކުން ނުވަތަ ސަރަޙައްދަކުން މި ބަލި ފެނިފައި ވެއެވެ. ދުނިޔެއިން މިހާތަނަށް ޖުމްލަ 137.9 މިލިއަން މީހަކު މި ބައްޔަށް ފައްސިވެފައި ވާއިރު އޭގެތެރެއިން 2.9 މިލިއަން މީހަކު ވަނީ މަރުވެފައެވެ. ތަފާސްހިސާބުތަކުން ދައްކާގޮތުން މިހާތަނަށް މި ބަލި ޖެހުނު މީހުންގެ ތެރެއިން ރަނގަޅުވީ 110.8 މިލިއަން މީހުންނެވެ.

ކިޔުންތެރިންގެ ހިޔާލު