ސުމާ
ސުމާ

މާލެ އަށް އުފަން ސުމާ މުހައްމަދު އަލީގެ އުމުރުން ވީ އެންމެ 11 އަހަރެވެ. ޢުމުރުގެ އެހެން ކުދިންނެކޭ އެއްފަދައިން ކުޅެލާ، ކުޑައިރުގެ "މަޖާކަން" ހޯދަން  ސުމާ ވެސް ބޭނުންވާނެއެވެ. ދިރިއުޅުމުގެ ފޮނި ހުވަފެންތައް އެކުޑަކުޑަ ކުއްޖާވެސް ބޭނުންވާނެކަން ޔަޤީނެވެ. އެހެން ނަމަވެސް ސުމާގެ ހުވަފެންތަކަށް މިއަދު އެޅިފައިވަނީ އަނދިރި ހިޔަންޏެކެވެ. ސުމާގެ ލެއަށް ކެންސަރު ޖެހި މިއަދު މަރާއި ހަނގުރާމަ ކުރަމުން އެދަނީ ކެތްތެރިކަމުގެ މިސާލުން އެތައް ބަޔަކު ރޮއްވާލަމުންނެވެ.

ބޮޑެތި ބަލިތައް ޖެހިފައިވާ މީހުންނަށް އެހީތެރިކަން ލިބޭނެ މަގު ފަހިކޮށްދިނުމަށްޓަކައި "ވަގުތު" އިން ކުރިޔަށްގެންދާ "ވަގުތު އެހީ" ޕްރޮގްރާމުގެ މިހަފްތާގައި މި ގެނެސްދެނީ މާލެ އަށް އުފަން އުމުރުން 11 އަހަރުގެ ސުމާ މުހައްމަދު އަލީ އަށް ދިމާވެފައިވާ ހާލަތަށެވެ.

އައްޑޫ ސިޓީ ހިތަދޫގައި އާއިލާ އާއެކު އުޅެމުން ދިޔަ ސުމާ އަކީ އެހެން ކުދިންނެކޭ ވެސް އެއްފަދައިން ހަޔާތުގެ ޅައުމުރުގެ ދުވަސްތައް އުފާވެރިކަމާއެކު ހޭދަކުރަމުން އައި ނަމަވެސް މީގެ މަހެއްހާ ދުވަސް ކުރިން ސުމާގެ ހަށިގަނޑަށް ކުއްލި ބަދަލުތަކެއް އައިސް ބަލިމަޑު ކަމެއްގެ ނިޝާންތައް ފެންނަން ފެށިއެވެ. ނަމަވެސް ވެގެން އުޅޭ ގޮތް އެނގުނީ މާ ފަހުންނެވެ.

ކުއްޖާގެ ދައްތަ އެއް ކަމަށްވާ އައިޝަތު އަހުމަދު ނައީމް "ވަގުތު އެހީ" އަށް މައުލޫމާތު ދެމުން ބުނީ މީގެ މަހެއްހާ ދުވަސް ކުރިން ސުމާ ކުއްލިއަކަށް ބަލިވެ ޑޮކްޓަރަށް ދެއްކުމުން "ވައި ގަނޑެކޭ ބުނެ ދޫކޮށްލީ" ކަމަށާއި ނަމަވެސް ސުމާގެ ހާލަތު އިތުރަށް ގޯސްވުމުން އަނެއްކާ ވެސް ޑޮކްޓަރަށް ދައްކައި ޓެސްޓު ހެދުމުން ކުއްޖާގެ ލޭގައި ޖަރަސީމު އުފެދިފައިވާ ކަމަށް ޑޮކްޓަރު ބުނިކަމަށެވެ.

"ފުރަތަމަ ބަލިވެގެން ދެއްކުމުން ބުނީ ސުމާ ބަނޑުގައި ވައިގަނޑެއް އުޅޭ ކަމަށް، ދެން ބޭސް ދީގެން ރަނގަޅު ނުވުމުން އަނެއްކާ ވެސް ދެއްކީ، އޭރު ރަނގަޅަށް ނުވެސް ކެވޭ، މުޅި ހަށިގަނޑު ހުރީ އަނަރޫފަ ވެފައި، މިފަހަރު ދެއްކުމުން ޓެސްޓުތަކެއް ހަދާފައި ބުނީ ސުމާގެ ލޭގައި ޖަރާސީމު ހުރި ކަމަށް،" އައިޝަތު ބުންޏެވެ.

އައިޝަތު ބުނީ ސުމާ ބެލި ޑޮކްޓަރު އެއްޗެއް ސިއްރު ކުރާ ކަމަށް ކުއްޖާގެ ބައްޕަ ނިޔާޒު އަދި ހުދު އޭނާ އަށް ވެސް ޝައްކު ކުރެވެން ފެށި ކަމަށާއި އެހެންކަމުން ޑޮކްޓަރާއި ވަކިން ބައްދަލުކޮށް ވާހަކަ ދެއްކުމުން ކުއްޖާ އަށް ލޭގެ ކެންސަރު ޖެހިފައިވާ ކަމަށް ޑޮކްޓަރު ހާމަ ކުރިއެވެ.

ސުމާ އަށް ކެންސަރު ޖެހައިވާ ކަމަށް ޑޮކްޓަރު ބުނުމާއެކު މި ޖުލައި މަހުގެ ދެވަނަ ދުވަހު މާލެ ގެނެސް އައިޖީއެމްއެޗް ހޮސްޕިޓަލުގައި އޭނާ އަށް ފަރުވާދޭން ފެށުނެވެ. އަދި އިތުރު ޓެސްޓުތައް ހެދުމުން ލެއަށް ކެންސަރު ޖެހިފައިވާ ކަމަށް އައިޖީއެމްއެޗް އިން ޔަގީން ކޮށްދިނެވެ. ނަމަވެސް ކެންސަރުގެ ސްޓޭޖް ޔަގީން ކުރުމަށާއި ކީޕޯ ތެރަޕީ ދިނުމަށް އާސަންދައިގެ އެހީގައި ސުމާ އިންޑިއާގެ އާނަންތަޕޫރީ ހޮސްޕިޓަލަށް ގެންދިއުމުގެ މަސައްކަތް ފެށިއެވެ.

އައިޝަތު ބުނީ އާސަންދަ ހަމަޖެހި ސުމާ ވަނީ އިއްޔެގެ ވަގުތެއްގައި އިންޑިއާ އަށް ފުރުވާލެފައި ކަމަށެވެ. އަދި ސުމާއާ އެކީ އޭނާގެ މަންމަ އާއި ބައްޕަ ދިޔަ ކަމަށް އައިޝަތު ބުންޏެވެ.

"އިންޑިއާ އަށް ދިޔަސް އަދި ވެސް ކުއްޖާ ހޮސްޕިޓަލުގައި އެނދުމަތި ނުކުރެވޭ. އާސަންދަ މިއަދަށް ބަންދުވެފައި ހުރުމުން، އެހެންކަމުން ސުމާގެ ޓެސްޓުތައް ހަދައި ކެންސަރުގެ ސްޓޭޖް ކަށަވަރު ކުރެވޭނީ މާދަމާ ކަމަށް މައުލޫމާތު ލިބެނީ، އޭރުން އެނގޭނީ އެކޮޅުގައި މަޑުކުރަން ޖެހޭނީ ކިތަށް ދުވަސް ކަން ވެސް،" އައިޝާ ބުންޏެވެ.

އައިޝަތު ބުނީ ސުމާގެ ބައްޕަ އަކީ އަމިއްލަ މަސައްކަތް ކުރާ ފަރާތެއް ކަމުން އާއިލާ އަކީ ތަނަވަސް އާއިލާ އެއް ނޫން ކަމަށެވެ. އިންޑިއާގައި ހުރުމާއި ކެއުމަށް ފުދޭވަރެއްގެ ގިނަ ފައިސާ ހަރަދުވާނެ ކަމަށް ބެލެވޭ ކަމަށާއި އެކަމަށް އެއާއިލާ އަށް ރައްޔިތުންނާއި ތަނަވަސްކަން ހުރި މީހުންގެ އެހީތެރިކަން ބޭނުންވާ ކަމަށް އައިޝަތު ބުންޏެވެ.

ސުމާ އަކީ ވެސް އުއްމީދުތަކަކާއި ހުވަފެންތަކެއް ދެކެމުން އަންނަ މައުސޫމު ކުޑަ ކުއްޖެކެވެ. މިއަދު ސުމާ އަށް މިވަނީ ދިވެހިންގެ ދީލަތި އެހީއާއި ހެޔޮ ދުޢާ ބޭނުންވެފައެވެ. ކޮންމެ ކިޔުންތެރިއަކުވެސް ވީވަރަކުން ސުމާ އަށް އެހީވުމަކީ އަޅުގަނޑުމެންގެ ޓީމުގެވެސް ވަރަށް ބޮޑު އެދުމެކެވެ.

ސުމާ އަށް އެހީތެރިވެއްދެވަން ބޭނުންފުޅުވާ ފަރާތްތަކުން ސުމާގެ ބައްޕަ މުހައްމަދު ނިޔާޒްގެ ބީއެމްއެލް އެކައުންޓް 7704381437001 އަށް ފައިސާ ޖަމާކޮށްދިނުމަށް އާއިލާ އިން އެދެއެވެ. އަދި ސުމާ ދިމާވެފައިވާ ބަލި ހާލަތާއި ގުޅޭ އިތުރު މައުލޫމާތު ހޯދުމަށް ބޭނުންވާ ފަރާތްތަކުން އައިޝާގެ ނަމްބަރު 7566990 އަށް ގުޅުއްވައިގެން މައުލޫމާތު ހޯދެވުމަށް ދަންނަވަމެވެ.

މާތްﷲ ސުމާ އަށް އަވަސް ޝިފާއެއް މިންވަރު ކުރައްވައި، ސުމާގެ އާއިލާއަށް ބާއްޖަވެރި މުސްތަޤުބަލެއް މިންވަރު ކުރައްވާށިއެވެ. އަދި އަޅަމެންނީ އެކަކު އަނެކަކަށް އެހީތެރިވެދޭ ބަޔަކުކަމުގައި ލައްވާށިއެވެ. އަދި އަޅަމެންގެ މި މުޖުތަމަޢަކީ ބަލިމަޑުކަމާއި ނުރައްކާތެރި ރޯގާތަކުން ރައްކާތެރި، ދުޅަހެޔޮ މުޖުތަމައެއްކަމުގައި ލައްވާށިއެވެ. އާމީން!

މީސްތަކުންނަށް އެހީވުމާއި ބެހޭގޮތުން ބައެއް އާޔަތްތަކާއި ޙަދީޘްތައް:

1. މީސްތަކުންނަށް އެހީތެރިވުމަކީ އަދި މީސްތަކުންގެ ޙާޖަތްތައް ފުއްދައިދިނުމަކީ އިޙުސާންތެރިކަމުގެ ތެރެއިން ހިމެނޭ ކަމެކެވެ.

ﷲ ސުބުޙާނަހޫ ވަތަޢާލާ ވަޙީކުރައްވާފައިވެއެވެ.

(وَأَحْسِنُوا ، إِنَّ اللَّـهَ يُحِبُّ الْمُحْسِنِينَ) سورة البقرة: 195

މާނައީ: "އަދި ތިޔަބައިމީޙުން އިޙުސާންތެރިވާށެވެ. ހަމަކަށަވަރުން ﷲ އިޙުސާންތެރިވާ މީސްތަކުންދެކެ ލޯބިވެވޮޑިގަންނަވައެވެ."

2. ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރައްވާފައިވެއެވެ.

(الْمُسْلِمُ أَخُو الْمُسْلِمِ لَا يَظْلِمُهُ وَلَا يُسْلِمُهُ وَمَنْ كَانَ فِي حَاجَةِ أَخِيهِ كَانَ اللَّهُ فِي حَاجَتِهِ) متفق عليه.
(رواه البخاري 6551 و مسلم 2850)

މާނައީ: އެއްމުސްލިމަކީ އަނެއްމުސްލިމްގެ އަޚާއެވެ. އޭނާ (އެމީހެއްގެ އަޚާގެ މައްޗަށް) އަނިޔާވެރިއެއްނުވާނެއެވެ. އަދި އަނިޔާ ލިބެން ދޫނުކުރާނެއެވެ. އެމީހެއްގެ އަޚާގެ ޙާޖަތް ފުއްދުމުގައި ދެމިހުރި މީހާގެ ޙާޖަތުގައި ﷲ ވޮޑިގެންވާނެއެވެ."

3. ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރައްވާފައިވެއެވެ.

(مَنْ نَفَّسَ عَنْ مُؤْمِنٍ كُرْبَةً مِنْ كُرَبِ الدُّنْيَا، نَفَّسَ اللهُ عَنْهُ كُرْبَةً مِنْ كُرَبِ يَوْمِ الْقِيَامَةِ، وَمَنْ يَسَّرَ عَلَى مُعْسِرٍ، يَسَّرَ اللهُ عَلَيْهِ فِي الدُّنْيَا وَالْآخِرَةِ، وَمَنْ سَتَرَ مُسْلِمًا، سَتَرَهُ اللهُ فِي الدُّنْيَا وَالْآخِرَةِ، وَاللهُ فِي عَوْنِ الْعَبْدِ مَا كَانَ الْعَبْدُ فِي عَوْنِ أَخِيهِ) رواه مسلم في صحيحه: 2699

މާނައީ: "އަދި އެމީހެއްގެ އަޚާގެ ކިބައިން ދުނިޔެ މަތީގައި ދަތިކަމެއް ފިލުވައިދީފި މީހަކަށް، އެމީހަކަށް ޤިޔާމަތްދުވަހުން ޖެހޭ މުޞީބާތްތަކުގެ ތެރޭން މުޞީބާތެއް ﷲ ފިލުއްވައިދެއްވާހުއްޓެވެ. އަދި އުނދަގުލެއް ޖެހިފައިވާ މީހާއަށް ފަސޭހަކޮށްދީފިމީހަކަށް، ﷲ އެމީހަކަށް ދުނިޔެމަތީގަޔާއި އާޚިރަތުގައި ފަސޭހަކޮށްދެއްވާނެއެވެ. އަދި މުސްލިމެއްގެ (ޢައިބު ފޮރުވައިދީފިމީހާ)ގެ ޢައިބު، ދުނިޔެއާއި އާޚިރަތުގައި ﷲ އެމީހެއްގެ ޢައިބުފޮރުވައިދެއްވާ ހުއްޓެވެ. އަދި ހަމަކަށަވަރުން އެމީހެއްގެ އަޚާއަށް އެހީވުމުގެ މަތީގައި ހުންނަމީހާއަށް އެހީތެރިވޮޑިގަތުން މަތީގައި ﷲ ވޮޑިގެންވެއެވެ."

4. އަދިވެސް ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ އެކަމަށް ބާރުއެޅުއްވުމުގެ ގޮތުން ޙަދީޘްކުރައްވާފައިވެއެވެ.

(أَحَبُّ النَّاسِ إِلَى اللَّهِ تَعَالَى أَنْفَعُهُمْ لِلنَّاسِ ، وَأَحَبُّ الْأَعْمَالِ إِلَى اللَّهِ تَعَالَى سُرُورٌ تُدْخِلُهُ عَلَى مُسْلِمٍ ، أَوْ تَكْشِفُ عَنْهُ كُرْبَةً ، أَوْ تَقْضِي عَنْهُ دَيْنًا ، أَوْ تَطْرُدُ عَنْهُ جُوعًا) رواه الطبراني في المعجم الكبي: 13646 و صححه الألباني.

މާނައީ: "ﷲތަޢާލާއަށް އެންމެ ލޮބުވެތިވެގެންވަނީ މީސްތަކުންނަށް އެންމެ މަންފާބޮޑު މީހެކެވެ. ﷲއަށް އެންމެ ލޮބުވެތިވެގެންވާ ޢަމަލަކީ މީހަކު މުސްލިމަކަށް ގެނެސްދޭ އުފާވެރިކަމެކެވެ ނުވަތަ މީހެއްގެ ކިބައިން މުޞީބާތް ފިލުވައިދޭ ފިލުވައިދިނުމެވެ. ނުވަތަ ދަރަނި އަދާކޮށްދޭ ކޮށްދިނުމެވެ. ނުވަތަ މީހެއްގެ ކިބައިން ބަނޑުހައިހޫނުކަން ފިލުވައިދޭ ފިލުވައިދިނުމެވެ."

3 ކޮމެންޓް

  1. ސުމާއަށް އަވަސް ޝިފާއެއް ދެއްވާ ހިއްގައިމު އުފާވެރި ދުވަސްތަކެއް ދަށްކަވާށި

  2. ސުމާ އަށް އަވަސް ޝިފާއެއް ދެއްވާށި،، އާމީން

  3. އަޅެ، މި ތުއްތު ކުއްޖާއަށް މާތް ﷲ އަވަސް ޝިފާއެއް ދެއްވާފާދޭވެ. އާމީން!