އުމަރު ނިޝާމް
އުމަރު ނިޝާމް

އުމުރުން 35 އަހަރުގެ، އުމަރު ނިޝާމް އަކީ އަޅުގަނޑުމެން ފަދަ ދިވެހި ފަސްގަނޑަށް އުފަން އާދައިގެ ދިވެހި ދަރިއެކެވެ. އެންމެ ލޯބިވާ ފަރާތާއެކު ޒަވާޖީ ހަޔާތެއް ފަށައި ހަތަރު މަހުގެ ކުއްޖަކު ވެސް އެބަހުއްޓެވެ. ބައްޕައެއްގެ ހައިސިއްޔަތުން، އެދަރިފުޅު، ފުރާފުރިހަމަވެ، ފިޔަފަޅައި، އެތަށް ކަމެއް ހާސިލް ކުރާތަން އޭނާވެސް ދެކެން ބޭނުންވާނެކަން ކަށަވަރެވެ. ނަމަވެސް ދިމާވެފައިވާ، ފުރާނައަށް ނުރައްކާ ހުރި ސިއްހީ މައްސަލައެއްގެ ސަބަބުން އޭނާގެ މުސްތަގްބަލު ވަނީ ބަނަވެފައެވެ. އޭނާ ދެކެމުން އައި ހުވަފެންތަކަށް ވަނީ ކަޅު ހިޔަންޏެއް އެޅިފައެވެ. އުމަރުގެ ލިވާ ފެއިލްވެ އޭނާ މިހާރު އެދަނީ އަމިއްލަ ފުރާނަ ސަލާމަތް ކުރުމަށްޓަކައި ހަނގުރާމަ ކުރަމުންނެވެ.

އެހެންމީހުންނެކޭ އެއްފަދައިން ހަޔާތުގެ ދުވަސްތައް އުފާވެރިކަމާއެކު ހޭދަކުރަމުން އައި އުމަރުގެ ލިވާގެ މައްސަލަތައް ކުރިންވެސް ހުންނަ ކަމަށް އޭނާގެ އަންހެނުނުން ފާތިމަތު މޫސާ "ވަގުތު އެހީ" އަށް ކިޔައިދިނެވެ. އެހެންނަމަވެސް އެއްދުވަހު ހުން އައިސް ހާލު އާދައާއި ހިލާފަށް ދަށް ވުމުން އައި.ޖީ.އެމް.އެހް ހޮސްޕިޓަލުގައި ހުރި ޑޮކްޓަރަކަށް ދައްކައި ޓެސްޓު ތަކެއް ހެދިއެވެ. އެ ޓެސްޓު ތަކުގެ ނަތީޖާއާއި އެކު އުމަރުގެ މުޅި ދުނިޔެ ބަދަލުވެގެން ދިޔައެވެ.

"ޓެސްޓުތައް ހަދާފަ ބުނީ އުމަރުގެ މައްސަލަ ހުރިގޮތުން ތިމަންނަ މެންނަކަށް ފަރުވާއެއް ދެވޭކަށްނެތޭ. އެތަނުގެ އެކަމަށް ހާއްސަ ޑޮކްޓަރެއް ނުހުންނާތީ އޭޑީކޭ ހޮސްޕިޓަލަށް ދައްކާށޭ ބުނީ. އެބޭފުޅުން އަޅުގަނޑުމެންނަށް ރެފަރެންސް ލެޓާ އެއްވެސް ދިން." "ވަގުތު އެހީ" އާއި ވަހަކަ ދައްކަވަމުން ފާތިމަތު މޫސާ ބުންޏެވެ. އޭޑީކޭ ހޮސްޕިޓަލުގައި އުމަރު ބާއްވާފައި އޮތީ ހައި ޑިޕެންޑެްސީ ޔުނިޓުގައެވެ. އަދި ރާއްޖެއިން ބޭރުން ސްޕެޝަލިސްޓަކަށް ދައްކައި ފަރުވާ ހޯދެވުމަށް އޭޑީކޭގައި ތިއްބެވި ޑޮކްޓަރުން އިރުޝާދުދެއްވިއެވެ.

ޑޮކްޓަރުނެގެ އިރުޝާދާ އެއްގޮތަށް ސްޕެޝަލިސްޓަކަށް ދެއްކުމަށް އުމަރު އިންޑިއާއަށް ގެންދިޔަ ކަމަށް އޭނާގެ އަންހެނުން ބުންޏެވެ. އާސަންދައިގެ އެހީއާއެކު އިންޑިއާގެ ޗެންނާއީގެ ގްލޯބަލް ހޮސްޕިޓަލުގައި ސްޕެޝަލިސްޓަކަށް ދެއްކުމުން އުމަރުގެ ހާލުގެ ހީކުރިވަރަށްވުރެ ސީރިއަސްކަން ދެނެގަނެވުނެއެވެ. ޑޮކްޓަރު ވިދާޅުވީ އުމަރުގެ ލިވާ ފެއިލް ވެފައިވާ ކަމަށާއި އަދި އޭނާގެ ފުރާނަ ސަލާމަތް ކުރަން ބޭނުންނަމަ ތިން މަސް ތެރޭގައި ލިވާ ޓްރާންސްޕްލާންޓް ހަދަން ޖެހޭނެ ކަމަށެވެ.

އެހެންނަމަވެސް އިންޑިއާގެ ގާނޫނުގައިވާ ގޮތުން އާއިލާގެ މެންބަރަކަށް މެނުއީ ގުނަވަނެއް ޑޮނޭޓް އެއް ނުކުރެވޭނެއެވެ. މިކަމުގެ ސަބަބުން އުމަރުުގެ ފުރާނަ ސަލާމަތް ކުރަން އިތުރު ހުރަސްތަކެއް އެޅުނެވެ. އުމަރުގެ އާއިލާ ތެރެއިން ޑޯނައެއް ހޯދަން ވަރަށް ބޮޑަށް މަސައްކަތް ކުރި ކަމަށާއި އެހެންނަމަވެސް އެމަސައްކަތް ނާކާމިޔާބުނުވި ކަމަށް ފާތުމަތު ބުންޏެވެ. އޭނާ އިތުރަށް ބުނީ އޭނާގެ އަމިއްލަ ލިވާ ހަދިޔާކުރަން މަސައްކަތް ކުރި ކަމަށެވެ. އެހެންނަމަވެސް ޓެސްޓުތަށް ހެދުމަށްފަހު އޭނާގެ ސިއްހީ ހާލަތު އެކަށޭނެ މިންވަރަކަށް ރަނގަޅު ނުވުމުން ޑޮކްޓަރުން ޑޮނޭޓް ކުރަން ފުރުސަތު ނުދިން ކަމަށް އިންޑިއާގައި ހުރެ ފޯނުން "ވަގުތު" އެހީ އާއި ވާހަކަދައްކަވަމުން ވަރަށް އަސަރާއެކު ފާތުމަތު ކިޔައިދިނެވެ.

އުމަރު ނިޝާމް
އުމަރު ނިޝާމް

އިންޑިއާއަށް ދިއުމަށްފަހު އަލުން އަނބުރާ ރާއްޖެ އައިނަމަވެސް، އުމަރަށް ބޭނުންވާ ޕްލާސްމާ ޓްރީޓްމެންޓް މާލެއިން ލިބެން ނެތުމުން އަނެއްކާވެސް އުމަރު ވަނީ ޗެންނާއީއަށް ގެންގޮސްފައެވެ.

އުމަރުގެ އާއިލާއިން މިހާރު ދަނީ އެހެން ގައުމެއްގައި އޭނާއަށް ފަރުވާ ހޯދޭތޯ ބަލަމުންނެވެ. އެގޮތުން ސިންގަޕޫރާއި ތައިލެންޑުގެ ހޮސްޕިޓަލު ތަކުގައި ޓްރާންސްޕްލާންޓް އޮޕަރޭޝަންގެ އަގު އޭނާގެ އާއިލާއިން ދަނީ ބަލަމުންނެވެ. ސިންގަޕޫރުގައި އާންމު ގޮތެއްގައި އެ އޮޕަރޭޝަން 350000 ޑޮަލަރަށް، ހޮސްޕިޓަލުން ޑޯނާއެއް ހޯދައިދީ އަދި އޮޕަރޭޝަން ކޮށްދެއެވެ. މީގެ އިތުރުން އަމިއްލައަށް ހޯދާ ޑޯނާ އަކާއި އެކު ތައިލެންޑުގައި އެ އޮޕަރޭޝަން ގާތްގަނޑަކަށް 60000 ޑޮަލަރު (ނުވައްލައްކަ ފަންސަވީސް ހާސް ދިވެހި ރުފިޔާ) އަށް ކުރެވޭ ކަމަށް ވެސް އާއިލާއިން ބުނެއެވެ. އަދި މި އަދަދު އިތުރު ވުމަކީ އެކަށީގެންވާ ކަމެއް ކަމަށް ވެސް އާއިލާއިން ބުނެއެވެ. އެހެންނަމަވެސް ތައިލެންޑުގައި އޮޕަރޭޝަން ކުރާނަމަ އަމިއްލައަށް ޑޮނާ އެއް ހޯދަން ޖެހޭކަން ފާހަގަ ކޮށްލެވެއެވެ.

ލިވާއެއް ޑޮނޭޓް ކުރަން ބޭނުންނަމަ ފުރިހަމަވާން ޖެހޭ މުހިންމު ޝަރުތުތަކެއް ވާ ކަމަށް ޑޮކްޓަރުން ބުނެއެެވެ. އޭގެ ތެރޭގައި ލިވާ ލިބޭ ފަރާތާއި ޑޮނޭޓް ކުރާ ފަރާތުގެ ލޭގެ ގްރޫޕް އެއް ގޮތް ވާންޖެހޭނެއެވެ. އަދި 18 އަހަރާއި 55 އަހަރާ ދެމެދުގެ ފުރިހަމަ ދުޅަހެޔޮ ސިއްހަތެއްގައި ހުރި މީހަކަށް ވާން ޖެހޭނެ އެވެ. ލޭމައްޗަށް ދިއުން، ހަކުރު ބަލި، ހިތުގެ ބަލި އަދި ލިވާގެ ބަލި ހުންނަ ފަރާތްތަކުގެ ލިވާ ޑޮނޭޝަން ބަލައި ނުގަންނާނެއެވެ. މީގެ އިތުރުން ލިބޭ ފަރާތާއި ޑޮނޭޓު ކުރާ ފަރާތުގެ އިސްކޮޅު ތަފާތު ބޮޑުވެގެން ނުވާނެއެވެ. ޓްރާންސްޕްލާންޓުގައި ލިވާ ޑޮނޭޓު ކުރާފަރާތުގެ ލިވާއިން ބައެއް ނަގާލުމަށް ފަހު ބަލިމީހާގެ ހަށިގަނޑާއި ގުޅުވާލެވޭނެއެވެ. ދުނިޔޭގައި މިހާތަނަށް ކޮށްފައިވާ ލިވާ ޓްރާންސްޕްލާންޓް ތަކުގެ ވަރަށް ގިނަ އިންސައްތަ ކާމިޔާބު ވެފައިވާކަން ފާހަގަ ކޮށްލެވެއެވެ.

އުމަރު އޭނާގެ ދަރިފުޅާއި އެކު
އުމަރު އޭނާގެ ދަރިފުޅާއި އެކު

"މިހާރުވެސް އުމަރުގެ ބިލިރުބިން ވަރަށް ހައިކޮށް އުޅެނީ. އުމަރަށް އަންގާފަ އޮތީ ވީހާވެސް ބަލައިގެން އުޅެން. ކޮންމެ ގޮތެއް ވިޔަސް ޑޮކްޓަރ އޮތީ އުންމީދު ކަނޑާލާފަ. ޓްރާންސްޕްލާންޓް ނުކުރެވިއްޖެ ނަމަ އުމަރު މާ ގިނަ ދުވަހު ދުނިޔެއަކު ނުހުންނާނެ." މިވަގުތު އުމަރާއެކު އިންޑިއާގެ ޗެންނާއީގައި ހުރި ފާތުމަތު ބުންޏެވެ.

މާލީ ތަނަވަސްކަން ނެތުމުގެ ސަބަބުން އުމަރުގެ އާއިލާއަށް ވަނީ ވީހާވެސް އަވަހަށް ދިވެހި ރައްޔިތުންގެ ދީލަތި އެހީއާއި ޑޯނާ އަކަށް ބޭނުންވެފައެވެ. އެހެންކަމުން ކޮންމެ ރައްޔިތަކުވެސް ވީވަރަކުން އެހީތެރިކަން ފޯރުކޮށްދިނުމަކީ އަޅުގަނޑުމެންގެ ޓީމުގެވެސް ވަރަށް ބޮޑު އެދުމެކެވެ. އަޅުގަނޑުމެންގެ ހެޔޮ ދުއާ ވަނީ އުމަރާއެކުއެވެ.

އަދި އުމަރަށް ދިމާވެފައިވާ ބަލި ހާލަތާއި ގުޅޭ އިތުރު މައުލޫމާތު ހޯދައި އެހީތެރިވާން ބޭނުންވާ ފަރާތްތަކުން ފާތުމަތް މޫސާ 9186787 އަށް ނުވަތަ ފާތްމަތް މޫސާގެ ކޮއްކޮ އައިމިނަތު އަފާ 7754444 އަށް ގުޅުއްވައިގެން މައުލޫމާތު ހޯދެވުމަށް ދަންނަވަމެވެ. އެހީތެރިވެއްދެވަން ބޭނުންފުޅުވާ ފަރާތްތަކުން އުމަރު ނިޝާމްގެ ބީއެމްއެލް ރުފިޔާ އެކައުންޓް 7701167232102 އަދި ޑޮލަރު އެކައުންޓް 7730000007672 އަށް ފައިސާ ޖަމާކޮށްދިނުމަށް އާއިލާ އިން އެދެއެވެ.

މާތްﷲ އުމަރަށް އަވަސް ޝިފާއެއް މިންވަރު ކުރައްވައި، އުމަރުގެ އާއިލާއަށް ބާއްޖަވެރި މުސްތަޤުބަލެއް މިންވަރު ކުރައްވާށިއެވެ. އަދި އަޅަމެންނީ އެކަކު އަނެކަކަށް އެހީތެރިވެދޭ ބަޔަކުކަމުގައި ލައްވާށިއެވެ. އަދި އަޅަމެންގެ މި މުޖުތަމަޢަކީ ބަލިމަޑުކަމާއި ނުރައްކާތެރި ރޯގާތަކުން ރައްކާތެރި، ދުޅަހެޔޮ މުޖުތަމައެއްކަމުގައި ލައްވާށިއެވެ. އާމީން!

މީސްތަކުންނަށް އެހީވުމާއި ބެހޭގޮތުން ބައެއް އާޔަތްތަކާއި ޙަދީޘްތައް:

1. މީސްތަކުންނަށް އެހީތެރިވުމަކީ އަދި މީސްތަކުންގެ ޙާޖަތްތައް ފުއްދައިދިނުމަކީ އިޙުސާންތެރިކަމުގެ ތެރެއިން ހިމެނޭ ކަމެކެވެ.

ﷲ ސުބުޙާނަހޫ ވަތަޢާލާ ވަޙީކުރައްވާފައިވެއެވެ.

(وَأَحْسِنُوا ، إِنَّ اللَّـهَ يُحِبُّ الْمُحْسِنِينَ) سورة البقرة: 195

މާނައީ: "އަދި ތިޔަބައިމީޙުން އިޙުސާންތެރިވާށެވެ. ހަމަކަށަވަރުން ﷲ އިޙުސާންތެރިވާ މީސްތަކުންދެކެ ލޯބިވެވޮޑިގަންނަވައެވެ."

2. ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރައްވާފައިވެއެވެ.

(الْمُسْلِمُ أَخُو الْمُسْلِمِ لَا يَظْلِمُهُ وَلَا يُسْلِمُهُ وَمَنْ كَانَ فِي حَاجَةِ أَخِيهِ كَانَ اللَّهُ فِي حَاجَتِهِ) متفق عليه.
(رواه البخاري 6551 و مسلم 2850)

މާނައީ: އެއްމުސްލިމަކީ އަނެއްމުސްލިމްގެ އަޚާއެވެ. އޭނާ (އެމީހެއްގެ އަޚާގެ މައްޗަށް) އަނިޔާވެރިއެއްނުވާނެއެވެ. އަދި އަނިޔާ ލިބެން ދޫނުކުރާނެއެވެ. އެމީހެއްގެ އަޚާގެ ޙާޖަތް ފުއްދުމުގައި ދެމިހުރި މީހާގެ ޙާޖަތުގައި ﷲ ވޮޑިގެންވާނެއެވެ."

3. ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރައްވާފައިވެއެވެ.

(مَنْ نَفَّسَ عَنْ مُؤْمِنٍ كُرْبَةً مِنْ كُرَبِ الدُّنْيَا، نَفَّسَ اللهُ عَنْهُ كُرْبَةً مِنْ كُرَبِ يَوْمِ الْقِيَامَةِ، وَمَنْ يَسَّرَ عَلَى مُعْسِرٍ، يَسَّرَ اللهُ عَلَيْهِ فِي الدُّنْيَا وَالْآخِرَةِ، وَمَنْ سَتَرَ مُسْلِمًا، سَتَرَهُ اللهُ فِي الدُّنْيَا وَالْآخِرَةِ، وَاللهُ فِي عَوْنِ الْعَبْدِ مَا كَانَ الْعَبْدُ فِي عَوْنِ أَخِيهِ) رواه مسلم في صحيحه: 2699

މާނައީ: "އަދި އެމީހެއްގެ އަޚާގެ ކިބައިން ދުނިޔެ މަތީގައި ދަތިކަމެއް ފިލުވައިދީފި މީހަކަށް، އެމީހަކަށް ޤިޔާމަތްދުވަހުން ޖެހޭ މުޞީބާތްތަކުގެ ތެރޭން މުޞީބާތެއް ﷲ ފިލުއްވައިދެއްވާހުއްޓެވެ. އަދި އުނދަގުލެއް ޖެހިފައިވާ މީހާއަށް ފަސޭހަކޮށްދީފިމީހަކަށް، ﷲ އެމީހަކަށް ދުނިޔެމަތީގަޔާއި އާޚިރަތުގައި ފަސޭހަކޮށްދެއްވާނެއެވެ. އަދި މުސްލިމެއްގެ (ޢައިބު ފޮރުވައިދީފިމީހާ)ގެ ޢައިބު، ދުނިޔެއާއި އާޚިރަތުގައި ﷲ އެމީހެއްގެ ޢައިބުފޮރުވައިދެއްވާ ހުއްޓެވެ. އަދި ހަމަކަށަވަރުން އެމީހެއްގެ އަޚާއަށް އެހީވުމުގެ މަތީގައި ހުންނަމީހާއަށް އެހީތެރިވޮޑިގަތުން މަތީގައި ﷲ ވޮޑިގެންވެއެވެ."

4. އަދިވެސް ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ އެކަމަށް ބާރުއެޅުއްވުމުގެ ގޮތުން ޙަދީޘްކުރައްވާފައިވެއެވެ.

(أَحَبُّ النَّاسِ إِلَى اللَّهِ تَعَالَى أَنْفَعُهُمْ لِلنَّاسِ ، وَأَحَبُّ الْأَعْمَالِ إِلَى اللَّهِ تَعَالَى سُرُورٌ تُدْخِلُهُ عَلَى مُسْلِمٍ ، أَوْ تَكْشِفُ عَنْهُ كُرْبَةً ، أَوْ تَقْضِي عَنْهُ دَيْنًا ، أَوْ تَطْرُدُ عَنْهُ جُوعًا) رواه الطبراني في المعجم الكبي: 13646 و صححه الألباني.

މާނައީ: "ﷲތަޢާލާއަށް އެންމެ ލޮބުވެތިވެގެންވަނީ މީސްތަކުންނަށް އެންމެ މަންފާބޮޑު މީހެކެވެ. ﷲއަށް އެންމެ ލޮބުވެތިވެގެންވާ ޢަމަލަކީ މީހަކު މުސްލިމަކަށް ގެނެސްދޭ އުފާވެރިކަމެކެވެ ނުވަތަ މީހެއްގެ ކިބައިން މުޞީބާތް ފިލުވައިދޭ ފިލުވައިދިނުމެވެ. ނުވަތަ ދަރަނި އަދާކޮށްދޭ ކޮށްދިނުމެވެ. ނުވަތަ މީހެއްގެ ކިބައިން ބަނޑުހައިހޫނުކަން ފިލުވައިދޭ ފިލުވައިދިނުމެވެ."

ADS BY THE PIZZA MANIA

 

6 ކޮމެންޓް

  1. މިލިޔަނުން މިލިޔަނުން އެކި އެކި ސިޔާސީ ފަރާތްތަަކަށް ރިޝްވަތުގެ ފައިސާ ހުށައަޅަމުންދާއިރު، މިފަދަ އެހީތެރިކަމަކަށް ބޭނުންތެރިވެފައިވާ މީހަކަށް އެންމެ ނުވަ ލައްކަ ރުފިޔާ ދޭނެ އެފަދަ ތަނަވަސް ފަރާތެއް ނުވުމަކީ އަޖައިބުވަާފަދަ ކަމެއް. ހަމަ އެހާވެސް ހިތް ގައުވެފަތޯ އެބޭފުޅުން އެތިއްބެވީ!

  2. ކޮބާތަ ދިވެހި ސަރުކާރު؟ ކީއްވެތް މިކަން ނުކޮށދެނީ!!!

  3. ލޭގެ ގުރޫުޕު ވެސް ހިމަނާލި ނަމަ ދޯ.....

  4. ޝިފާދެއްވަނީ ﷲ. އިސްރޭލުގެ ބޭސްތަކަށް ވުރެން ބާރުގަދަވާނީ ހެއްދެވި ފަރާތުން ދެއްވާ ޝިފާ

  5. Hama hurefa dimaavaa kankameh noon Meekee, energy drink thakaa cigrat thah boigen mifadakankan dimaavanee, mihen vumuge kurin mifadakamakun family ah libeyne dera visnaalaanama rangalhu vees, hama hurefa lillaahiyah takaa liver hadiyaa kuraane meehaku nuvaane common sense

  6. ރޮވިއްޖެ..ރަށުމީހުނާއި ރަށްޓެހިން ބޮޑު ކެމްޕެއިނެތް ފަށާ...ގާތްމީހުން ކުރިމަސައްކަތެއް ދުރު ބަޔަކު ނުކުރާނެ...އަބުރު ފަންޑުން މިފަދަ ނިކަމެތީންނަށް އެހީއެއް ނުވާނެބާ...ކުއްވެރިންގެ ހިމާޔަތުގައި ފައިސާ ތައް ތަޅާ މަޖިލިސް މެންބަރުންވެސް މެންބަރަކު 25000 ވަރު ދެނިކޮށް ދިވެހި ދަރިއެއްގެ ފުރާނަ ސަލާމަތް ކޮށްދެވިދާނެ... ޢަވަސް ކުރަމާ... ޥަގުތު އިން މިކުރާ މަސައްކަތުގައި މާތްﷲ ބަރަކާތް ލައްވާށި..