ރައްޔާން
ރައްޔާން

ޔޫސުފް ރައްޔާން މުހަންމަދު އަކީ ހއ.ހޯރަފުށީ ރިޒްމާ މުހަންމަދާއި، ޅ.ނައިފަރު މުހަންމަދް ހާމިދްގެ ކައިވެންޏަށް ލިބިފައިވާ ދެވަނަ ދަރިއެވެ. އެހެން މީހުންނެކޭ އެއްފަދައިން މި ދެމަފިރިން ވެސް، ލޮލުގެ ދެކަޅި ފަދަ ތުއްތު ދަރިފުޅު ފުރާ ފުރިހަމަވެ، އެކަށީގެންވާ ވަރަށް ތައުލީމު ހާސިލްކޮށް، ކާމިޔާބު މީހަކަށް ވާތަން ދެކެން ބޭނުންވާނެ ކަން ކަށަވަރެވެ. އެހެންނަމަވެސް، ރިޒްމާގެ ބަނޑަށް ފަސް މަހުގައި ފެން ދުލި ފަޅައިގެން ދިޔުމުގެ ސަބަބުން ބަނޑުގައި އޮތް ދަރިފުޅު ފުރިހަމަ ނުވަނީސް ސިޒޭރިއަން ހަދައިގެން ނަގަން މަޖުބޫރުވިއެވެ. ނަތީޖާއެއްގެ ގޮތުން ދަރިފުޅުގެ ސިއްހަތަށް އޭގެ ނޭދެވޭ އަސަރުކޮށް ދަރިފުޅުގެ މުސްތަގުބަލަށް މިވަނީ ކަޅު ވިލާގަނޑެއްގެ ހިޔަނި އެޅިފައެވެ.

ރައްޔާން އޮޕަރޭޝަން ކޮށްގެން ނެގުމަށް ފަހު ހަފްތާއެއް ނުވަނީސް އޭނާއަށް ވަނީ ހުއްޓުމެއް ނެތި ފިޓު ޖެހެން ފަށާފައެވެ. އަދި ކޮންމެ ދެދުވަހަކުން އެއްދުވަހު ރައްޔާންއަށް ފިޓު ޖެހޭއިރު މިހާރު ޑޮކްޓަރުން ބުނަނީ ރައްޔާންގެ ލޮލުގެ ފެނުމަށް އަސަރު ކޮށްފާނެ ފަދަ ސީރިއަސް މައްސަލައެއް އޭނާގެ ލޮލުގައި ހުރި ކަމަށެވެ.

ބަނޑަށް ފަސްމަހުގައި އޮޕަރޭޝަން ކޮށްގެން ނެގި ތުއްތު ތުއްތު ރައްޔާންގެ އެއްބަފާ ބޭބެ އަހްމަދު ރިސާލް މުހަންމަދު ވަނީ އޭނާގެ އާއިލާއަށް ދިމާވެފައިވާ ހާލަތު "ވަގުތު އެހީ" އާއި ހިއްސާ ކޮށްފައެވެެ.

ރިސާލް ކިޔައިދިން ގޮތުން ރައްޔާންގެ މަންމަ ބަނޑުބޮޑުވިކަން އެނގުނީ ވެސް މާފަހުންނެވެ. އަދި އޭރު އެއްވެސް މައްސަލައެއް ހުރި ކަމަށް ހީނުކުރާ ކަމަށާއި އެހެންނަމަވެސް ވަކި ހިސާބަކުން ބަނޑު ތޮޅޭހެން ހީވެގެން ނައިފަރު ސިއްހީ މަރުކަޒަށް ދެއްކުމުން ބަނޑުބޮޑު ކަން އިނގުނު ކަމަށް ރިސާލް ކިޔައިދިނެވެ.

"5 މަސްވީ އިރުވެސް ބަނޑުބޮޑު ކަމަށް ނޭންގޭ. ބަނޑު ތޮޅޭހެން ހީވެގެން ޑޮކްޓަރަށް ދެއްކީ. ޑޮކްޓަރަށް ދެއްކީމަ ބުނީ ވީހާވެސް އަވަހަށް މާލެ އަންނަން. މާލެއަށް އައިސް އަވަހަށް އައިޖީއެމްއެޗްގައި އެޑްމިޓް ކުރީ. އެޑްމިޓް ކުރި ރޭ ވޯޓާ ބޭގް ފަޅައިގެން ދިޔައީ." ރިސާލް ކިޔައިދިނެވެ.

ފެން ދުލި ފަޅައިގެން ދިޔަ ނަމަވެސް ޑޮކްޓަރުން އަދި އިތުރަށް ބަލަން މަޑުކުރަން ބޭނުންވި ކަމަށާއި އަދި އެކަން ހިނގައިދިޔަތާ ގާތްގަނޑަކަށް 24 ގަޑިއިރު ފަހުން އޮޕަރޭޝަން ކޮށްގެން ރައްޔާން ރަހިމުން ނެގީ މިއަހަރުގެ ޖުލައި މަހުގެ 18 ވަނަ ދުަވަހު ކަމަށް އޭނާގެ ބޭބެ ކިޔައިިދިނެވެ. ސިޒޭރިއަން ހެދިއިރު ބަނޑަށް ވީ 25 ހަފްތާ ކަމަށާއި އޮޕަރޭޝަން ކޮށްގެން ނެގުމަށްފަހު އެންއައިސީޔޫގައި ބޭއްވީ ކަމަށް ވެސް އޭނާ ބުންޏެވެ.

"ބަނޑުގައި އޮތް އިރު ފެން ފައިބައިގެން ދިޔަތާ 24 ގަޑިއިރު ފަހުން އަސްލު އައިޖީއެމްއެޗުން ނެގީ. އަޅުގަނޑަކަށް ނުވިސްނޭ ކީއްވެގެން ކަމެއް މަޑު ކުރީ ނުނަގާ. އޮޕަރޭޝަން ކޮށްފަ ނެގި އިރުގައި ޑޮކްޓަރު ބުނީ އެއްކޮށް ތަތްލާފައޭ އޮތީ ބަނޑުގައި. ވަރަށް އުނދަގުލުންނޯ ނެގުނީވެސް." ރިސާލް ބުންޏެވެ.

މިހާރު ރައްޔާން އަށް ގާތްގަނޑަކަށް ދޮޅުމަސް ވެފައިވާ އިރު ރިސާލް ބުނީ ރައްޔާންއަށް ފިޓު ޖެހެން ފެށީ އޭނާ ރަހިމުން ނެގިތާ ހަތް ދުވަސް ފަހުން ކަމަށެވެ. ރިސާލް ބުނީ މިހާރު ރައްޔާންއަށް ފިޓު ޖެހުމުގެ މައްސަލަ ވަރަށް ބޮޑުވެފައިވާ ކަމަށެވެ. މިހާރު ކޮންމެ ދެދުވަހަކުން އެއް ދުވަހު ފިޓު ޖެހޭ ކަމަށް އޭނާ ބުންޏެވެ. އަދި މީގެ ދެތިން ދުވަސް ކުރިން ޖެހިޖެހިގެން ދެދުވަހު ރައްޔާންއަށް ފިޓު ޖެހުނު ކަމަށް އޭނާ ކިޔައިދިނެވެ.

މިހާރު ފިޓުޖެހުމުގެ އިތުރުން ރައްޔާންއަށް ލޮލުގެ މައްސަލަތަކެއް ދިމާވެފައިވާ ކަމަށް ވެސް ޑޮކްޓަރު ވިދާޅުވެފައިވާ ކަމަށް ރިސާލް ކިޔައިދިނެވެ. އަދި ވީހާވެސް އަވަހަކަށް ރާއްޖެއިން ބޭރަށް ގޮސް ލޮލުގެ ލޭޒާ ޓެސްޓެއް ހަދަން ޑޮކްޓަރު ލަފާދިން ކަމަށް ބުންޏެވެ. އަދި ޓެސްޓު ހަދައި އެކަމަށް ވީހާވެސް އަވަހަށް ފަރުވާއެއް ނުދެވިއްޖެ ނަމަ ރައްޔާންގެ ލޮލުގެ ފެނުން ހިނގައިދާނެ ކަމުގެ ބިރު ވަރަށް ބޮޑަށް އެބަ އޮތް ކަމަށް ވެސް ޑޮކްޓަރު ވިދާޅުވި ކަމަށް އޭނާ ކިޔައިދިނެވެ.

"އުފަންވިއިރު އޮޓީ 750 ގްރާމް. މިހާރު އަދި ކިލޯއެއް ދެން ހަމައެއް ނުވޭ. އަދި އުޅެނީ ނުވަސަތޭކަ ކޮންމެވެސް އެއްޗެއްގައި." ރައްޔާންގެ ބަރުދަން ލުއިކަން ފާހަގަކޮށް ރިސާލް ކިޔައިދިނެވެ.

ރިސާލް ބުނީ ކުރިން ކިރުމައެއް ގެނެސްގެން ވެސް ރައްޔާން އަށް ކިރު ދިން ކަމަށާއި ހަމައެކައި ބޭރު ގައުމުތަކުން ލިބޭ ކިރެއްވެސް އޭނާއަށް ވަކި ހިސާބަކުން ދިން ކަމަށެވެ. އެހެންނަމަވެސް ފިޓު ޖެހެން ފެށުމުން އެކަން ހުއްޓުމަކަށް ގެނައި ކަމަށާއި އޭގެފަހުން ބާއްވާފައި އޮންނަނީ އައިވީ ގުޅާފައި ކަމަށެވެ. އަދި އައިވީ ގުޅުމުގެ ސަބަބުން ރައްޔާންގެ އަތާއި ފައިގައި، އައިވީ ގުޅާފައި ހުންނަ ސަރަހައްދުތަށް ވަރަށް ބޮޑަށް ދުޅަވެފައިވާ ކަމަށް ވެސް އޭނާ ބުންޏެވެ.

"ފިޓުޖެހި މާބޮޑަށް ބަލިވާތީ އިތުރު އެއްވެސް އެއްޗެއް ނުދެނީ އަދި އެހާ ކުޑަ ކުއްޖެއް ވީމަ. ޑޮކްޓަރުން ބުނީ އެގޮތަށް. ނާސަރީގަ އޮންނަ އިރު ޑޮކްޓަރުންތާ ހުރިހާއެއްޗެއް ވެސް ދޭނީ." ރިސާލް ކިޔައިދިނެވެ.

ރިސާލް ބުނީ ފިޓުޖެހެން މެދުވެރިވާ ކަމަށް ޑޮކްޓަރުން ވިދާޅުވި ސަބަބަކީ އެހާ ކުޑަ އިރުގައި ރަހިމުން ނެގުމުން ފުއްޕާމޭ އެކަށީގެންވާ ވަރަކަށް އުފެދިފައި ނުވުމުން އޭނާގެ ހަށިގަނޑަށް ބޭނުންވާ ވަރަށް އޮކްސިޖަން ނުލިބުމުން ކަމަށެވެ. އަދި މިހާރު ރައްޔާން ނޭވާލަމުންދަނީ ވެންޓިލޭޓަރެއްގެ އެހީގައި ކަމަށް ވެސް އޭނާ ކިޔައިދިނެވެ.

ރައްޔާންއަށް ބޭނުންވާ އިތުރު ފަރުވާއައް ރާއްޖެއިން ބޭރަށް ދިއުމަށް ލަފާދީފައިވާ އިރު، އާސަންދައިން ރައްޔާންގެ މަންމައާއި، ބައްޕައާއި، އެއްކޮށް ގެންދަން ހަމަޖެހިފަވާ ނަރުހާއި، ޑޮކްޓަރުގެ ޓިކެޓުގެ ހަރަދު ދޭ ގޮތަށް ހަމަޖެހިފައިވާ ކަމަށް ރިސާލް ބުންޏެވެ. އަދި ފުރަތަމަ ލަފާދިނީ ރައްޔާންއާއެކި ނަރުހެއް ގެންދަން ކަމަށާއި ނަމަވެސް ޑޮކްޓަރެއް ގެންދަން ފަހުން ލަފާދީފައިވާ ކަމަށް އޭނާ ކިޔައިދިނެވެ.

މިހާރު ރައްޔާންއަށް އިތުރު ފަރުވާ ހޯދުމުގެ ގޮތުން އިންޑިއާގެ ޓްރިވެންޑްރަމް އަށް ދަތުރު ކުރަން ހަމަޖެހިފައިވާއިިރު އެގައުމުގައި މަދުވެގެން ދެ މަސް ދުވަހު މަޑުކުރަން ޖެހޭނެ ކަމަށް ބެލެވޭ ކަމަށް ރިސާލް ބުންޏެވެ. އެހެން ނަމަވެސް އެއަށް ވުރެ ގިނަ ދުވަހު އެގައުމުގައި މަޑުކުރަން ޖެހިދާނެ ކަމަށް ރިސާލް ކިޔައިދިނެވެ.

މާލީ ތަނަވަސްކަން ނެތުމުގެ ސަބަބުން ރައްޔާންއަށް ބޭނުންވާ ފަރުވާ ހޯދުމަށް އޭނާގެ އާއިލާއަށް ވަނީ ދިވެހި ރައްޔިތުންގެ ދީލަތި އެހީއަށް ބޭނުންވެފައެވެ. އެހެންކަމުން ކޮންމެ ރައްޔިތަކުވެސް ވީވަރަކުން އެހީތެރިކަން ފޯރުކޮށްދިނުމަކީ އަޅުގަނޑުމެންގެ ޓީމުގެވެސް ވަރަށް ބޮޑު އެދުމެކެވެ. އަޅުގަނޑުމެންގެ ހެޔޮ ދުއާ ވަނީ ރައްޔާން އާއެކުއެވެ.

އަދި ރައްޔާންއަށް ދިމާވެފައިވާ ސިއްހީ މައްސަލަތަކާ ގުޅޭ އިތުރު މައުލޫމާތު ހޯދައި އެހީތެރިވާން ބޭނުންވާ ފަރާތްތަކުން ރައްޔާންގެ އެއްބަފާ ބޭބެ އަހްމަދު ރިސާލް މުހަންމަދްގެ ފޯން ނަމްބަރު 7829624 އަށް ގުޅުއްވައިގެން މައުލޫމާތު ހޯދެވުމަށް ދަންނަވަމެވެ. ރައްޔާންއަށް އެހީތެރިވެއްދެވަން ބޭނުންފުޅުވާ ފަރާތްތަކުން އަހްމަދު ރިސާލް މުހަންމަދްގެ ބީއެމްއެލް އެކައުންޓް 7705328494101 އަށް ފައިސާ ޖަމާކޮށްދިނުމަށް އާއިލާ އިން އެދެއެވެ.

މާތްﷲ ރައްޔާންއަށް އަވަސް ޝިފާއެއް މިންވަރު ކުރައްވައި، ރައްޔާންއަށް ބާއްޖަވެރި މުސްތަޤުބަލެއް މިންވަރު ކުރައްވާށިއެވެ. އަދި އަޅަމެންނީ އެކަކު އަނެކަކަށް އެހީތެރިވެދޭ ބަޔަކުކަމުގައި ލައްވާށިއެވެ. އަދި އަޅަމެންގެ މި މުޖުތަމަޢަކީ ބަލިމަޑުކަމާއި ނުރައްކާތެރި ރޯގާތަކުން ރައްކާތެރި، ދުޅަހެޔޮ މުޖުތަމައެއްކަމުގައި ލައްވާށިއެވެ. އާމީން!

މީސްތަކުންނަށް އެހީވުމާއި ބެހޭގޮތުން ބައެއް އާޔަތްތަކާއި ޙަދީޘްތައް

1. މީސްތަކުންނަށް އެހީތެރިވުމަކީ އަދި މީސްތަކުންގެ ޙާޖަތްތައް ފުއްދައިދިނުމަކީ އިޙުސާންތެރިކަމުގެ ތެރެއިން ހިމެނޭ ކަމެކެވެ.

ﷲ ސުބުޙާނަހޫ ވަތަޢާލާ ވަޙީކުރައްވާފައިވެއެވެ.

(وَأَحْسِنُوا ، إِنَّ اللَّـهَ يُحِبُّ الْمُحْسِنِينَ) سورة البقرة: 195

މާނައީ: "އަދި ތިޔަބައިމީޙުން އިޙުސާންތެރިވާށެވެ. ހަމަކަށަވަރުން ﷲ އިޙުސާންތެރިވާ މީސްތަކުންދެކެ ލޯބިވެވޮޑިގަންނަވައެވެ."

2. ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރައްވާފައިވެއެވެ.

(الْمُسْلِمُ أَخُو الْمُسْلِمِ لَا يَظْلِمُهُ وَلَا يُسْلِمُهُ وَمَنْ كَانَ فِي حَاجَةِ أَخِيهِ كَانَ اللَّهُ فِي حَاجَتِهِ) متفق عليه.
(رواه البخاري 6551 و مسلم 2850)

މާނައީ: އެއްމުސްލިމަކީ އަނެއްމުސްލިމްގެ އަޚާއެވެ. އޭނާ (އެމީހެއްގެ އަޚާގެ މައްޗަށް) އަނިޔާވެރިއެއްނުވާނެއެވެ. އަދި އަނިޔާ ލިބެން ދޫނުކުރާނެއެވެ. އެމީހެއްގެ އަޚާގެ ޙާޖަތް ފުއްދުމުގައި ދެމިހުރި މީހާގެ ޙާޖަތުގައި ﷲ ވޮޑިގެންވާނެއެވެ."

3. ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރައްވާފައިވެއެވެ.

(مَنْ نَفَّسَ عَنْ مُؤْمِنٍ كُرْبَةً مِنْ كُرَبِ الدُّنْيَا، نَفَّسَ اللهُ عَنْهُ كُرْبَةً مِنْ كُرَبِ يَوْمِ الْقِيَامَةِ، وَمَنْ يَسَّرَ عَلَى مُعْسِرٍ، يَسَّرَ اللهُ عَلَيْهِ فِي الدُّنْيَا وَالْآخِرَةِ، وَمَنْ سَتَرَ مُسْلِمًا، سَتَرَهُ اللهُ فِي الدُّنْيَا وَالْآخِرَةِ، وَاللهُ فِي عَوْنِ الْعَبْدِ مَا كَانَ الْعَبْدُ فِي عَوْنِ أَخِيهِ) رواه مسلم في صحيحه: 2699

މާނައީ: "އަދި އެމީހެއްގެ އަޚާގެ ކިބައިން ދުނިޔެ މަތީގައި ދަތިކަމެއް ފިލުވައިދީފި މީހަކަށް، އެމީހަކަށް ޤިޔާމަތްދުވަހުން ޖެހޭ މުޞީބާތްތަކުގެ ތެރޭން މުޞީބާތެއް ﷲ ފިލުއްވައިދެއްވާހުއްޓެވެ. އަދި އުނދަގުލެއް ޖެހިފައިވާ މީހާއަށް ފަސޭހަކޮށްދީފިމީހަކަށް، ﷲ އެމީހަކަށް ދުނިޔެމަތީގަޔާއި އާޚިރަތުގައި ފަސޭހަކޮށްދެއްވާނެއެވެ. އަދި މުސްލިމެއްގެ (ޢައިބު ފޮރުވައިދީފިމީހާ)ގެ ޢައިބު، ދުނިޔެއާއި އާޚިރަތުގައި ﷲ އެމީހެއްގެ ޢައިބުފޮރުވައިދެއްވާ ހުއްޓެވެ. އަދި ހަމަކަށަވަރުން އެމީހެއްގެ އަޚާއަށް އެހީވުމުގެ މަތީގައި ހުންނަމީހާއަށް އެހީތެރިވޮޑިގަތުން މަތީގައި ﷲ ވޮޑިގެންވެއެވެ."

4. އަދިވެސް ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ އެކަމަށް ބާރުއެޅުއްވުމުގެ ގޮތުން ޙަދީޘްކުރައްވާފައިވެއެވެ.

(أَحَبُّ النَّاسِ إِلَى اللَّهِ تَعَالَى أَنْفَعُهُمْ لِلنَّاسِ ، وَأَحَبُّ الْأَعْمَالِ إِلَى اللَّهِ تَعَالَى سُرُورٌ تُدْخِلُهُ عَلَى مُسْلِمٍ ، أَوْ تَكْشِفُ عَنْهُ كُرْبَةً ، أَوْ تَقْضِي عَنْهُ دَيْنًا ، أَوْ تَطْرُدُ عَنْهُ جُوعًا) رواه الطبراني في المعجم الكبي: 13646 و صححه الألباني.

މާނައީ: "ﷲތަޢާލާއަށް އެންމެ ލޮބުވެތިވެގެންވަނީ މީސްތަކުންނަށް އެންމެ މަންފާބޮޑު މީހެކެވެ. ﷲއަށް އެންމެ ލޮބުވެތިވެގެންވާ ޢަމަލަކީ މީހަކު މުސްލިމަކަށް ގެނެސްދޭ އުފާވެރިކަމެކެވެ ނުވަތަ މީހެއްގެ ކިބައިން މުޞީބާތް ފިލުވައިދޭ ފިލުވައިދިނުމެވެ. ނުވަތަ ދަރަނި އަދާކޮށްދޭ ކޮށްދިނުމެވެ. ނުވަތަ މީހެއްގެ ކިބައިން ބަނޑުހައިހޫނުކަން ފިލުވައިދޭ ފިލުވައިދިނުމެވެ."

 

ADS BY ASTERS

3 ކޮމެންޓް

  1. ވަގުތު ޓީމުން ތިކޮއްދޭ މަސައްކަތައް ސާބަސް. ރައްޔާންއަށް އަވަސް ސިފާއަކަށް އެދެން.

  2. ނައިފަރުގަ ހުންނަނީ ހޮސްޕިޓަލެއް.. ސިއްހީ މަރުކަޒެއް ނޫން... ކުޑަ ދަރިފުޅަށް އަވަސް ޝިފާ އެއް މިންވަރު ކުރައްވާށި.....

  3. ރައްޔާން ކޮއްކޮގެ ފަރާތުން

    ރައްޔާން މިވަގުތުވީ އިންޑިޔާއަށް ގެންގޮއްސަ. ރައްޔާންގެ ދޮންބެވެސް ވީ އެކޮޅުގަ.