އާންމު ތަނެއްގައި މީހަކު އިސްލާމް ދީނާ ޚިލާފު ކަމެއް ކުރި ކަމަށް ތުހުމަތު ކުރުމަކީ ޖިނާއީ ކުށެއް ކަމަށް ކަނޑައަޅާ ގޮތަށް ގާނޫނުލް އުގޫބާތަށް އިސްލާހު ގެނައުމުގެ ބިލަށް ލަފާ ދިނުމަށް، ޚިޔާލު ފާޅުކުރުމުގެ ހައްގު ކަށަވަރު ވާނެ ބައިތައް އިތުރު ކުރަން ހުށަހަޅާނެ ކަމަށް އެޗްއާރުސީއެމް އިން ވިދާޅުވެއްޖެއެވެ.

އެ ބިލަށް ޚިޔާލު ދިނުމަށް ކުރަމުންދާ މަސައްކަތުގެ އަދާހަމަތައް ހިއްސާކުރައްވަމުން އެޗްއާރުސީއެމްގެ މެމްބަރު ޑރ.އަހުމަދު އަދުހަމް އަބްދުﷲ "ވަގުތު" އަށް ވިދާޅުވީ މިހާރު ކުރިއަށް ދަނީ ރިވިއުކުރުމުގެ މަސައްކަތް ކަަމަށެވެ. އަދި ދާދި އަވަހަށް އެ ބިލަށް އެޗްއާރުސީއެމްގެ ފަރާތުން ކަންކަން ހުށަހަޅާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

" ޚިޔާލު ފާޅު ކުރުމުގެ މިނިވަންކަން ކަށަވަރު ކުރުމަށް ޓަކައި ބިލުގައި ހިމަނާނެ ބައިތައް ހިއުމަން ރައިޓްސް ކޮމިޝަނުން ގެންދަނީ ރިވިއު ކުރަމުން، ރިވިއުކޮށް ނިންމައި ވަރަށް އަވަހަށް ރައްޔިތުންގެ މަޖިލީހަށް ޚިއްސާ ކުރާނަން" އަދުހަމް ވިދާޅުވިއެވެ.

އާންމު ތަނެއްގައި މީހަކު އިސްލާމް ދީނާ ޚިލާފު ކަމެއް ކުރި ކަމަށް ތުހުމަތު ކުރުމަކީ ޖިނާއީ ކުށެއް ކަމަށް ކަނޑައަޅާ ގޮތަށް ގާނޫނުލް އުގޫބާތަށް އިސްލާހު ގެނައުމުގެ ބިލް ހުށަހެޅުއްވީ ޖުޑީޝަން ސަރވިސް ކޮމިޝަން (ޖޭއެސްސީގެ) ރައީސް އަދި ތުޅާދޫ ދާއިރާގެ މެމްބަރު ހިސާން ހުސެއިންއެވެ.

މަޖިލީހުގެ ތަޅުމުން މި ބިލް ބަލައިގަނެ ދިރާސާކުރަން ޖުޑިޝަރީ ކޮމިޓީއަށް ފޮނުވާފައި ވާއިރު މި ބިލަށް ބޮޑެތި ފާޑުކިޔުންތަކެއް ވަނީ އަމާޒުވެފައެވެ. ޖުޑީޝަރީ ކޮމިޓީން ވަނީ އިސްލާމިކް މިނިސްޓްރީއާއި ހިއުމަން ރައިޓްސް ކޮމިޝަންއާއި، ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުގެ ލަފާ ބިލާ ގުޅޭ ގޮތުން މައުލޫމާތު ހޯދުމަށް ނިންމައިފައެވެ.

ނަފުރަތުގެ އަމަލުތައް ބަޔާން ކުރުމުގެ މަގްސަދުގައި ކަމަށް ބުނެ ހުށަހެހަޅާފައިވާ އެ ބިލާ ދެކޮޅަށް ގިނަ އިލްމުވެރިން ދަނީ ހިޔާލު ފާޅުކުރަމުންނެވެ. އަދި ބިލާ އެއްކޮޅަށް އާއްމުންވެސް ވެސް އަންނަނީ މީސް މީޑިއާގައި ކެމްޕޭން ކުރަމުންނެވެ. އަދި "އާދައިގެ" ގޮތަށް ކޮމިޓީގެ ދިރާސާ ކުރުމުގެ މަރުހަލާ ގެންދާތީ ވެސް ދަނީ ނުރުހުން ފާޅު ކުރަމުންނެވެ.

މީގެ އިތުރުން ވެރިކަން ކުރާ ކޯލިޝަންގައި ހިމެނޭ ޖުމްހޫރީ ޕާޓީއާއި އަދާލަތު ޕާޓީ ވެސް މި ބިލާ ދެކޮޅުކަން ފާހަގަކޮށްލެވެއެވެ. އަދި އެމްޑީޕީގެ ބައެއް މަޖިލިސް މެންބަރުންނާއި ބައެއް ކައުންސިލަރުން ވެސް ވަނީ ބިލާ ދެކޮޅަށް ނުކުންނަވައި ވާހަކަ ދައްކަވައިފައެވެ.

އެ ބިލަށް ފާޑުކިއުން އަމާޒުވެފައިވަނިކޮށް އިސްލާމް ދީނަށް ފުރައްސާރަ ކުރުމުގެ ކުށް ތަފްސީލްކޮށް ބަޔާން ކުރާ ބިލެއް ވެސް މަޖިލީހަށް ހުށަހެޅިއެވެ. ސަރުކާރުގެ ފަރާތުން މި ބިލު ވެސް ހުށަހެޅުއްވީ ހިސާނެވެ.