ޝައިބާ އާއި ޝާހިދު
ޝައިބާ އާއި ޝާހިދު

އިއްޔެ "ވަގުތު އެހީ" އިން ވަނީ ތެލެސީމިއާގެ ބީޓާ މޭޖާ ދެކުދިން ކަމަށްވާ އއ.ހިމަންދޫ، ހަވީރީ މަންޒިލް، ފާތިމަތް ޝައިބާ އިލްޔާސް އާއި އަބްދުﷲ ޝަހީދު އަށް އެހީ ހޯދުމުގެ ގޮތުން އެ ދެކުދިންގެ މައުލޫމާތު ގެނެސްދީފައެވެ. އެކުދިންގެ އާއިލާއިން، އެހީ ހޯދުމަށް މަސައްކަތް ކުރަމުން ދަނީ އިންޑިއާގެ "ޔަޝޮޑާ" ކްލިނިކުގެ ޑޮކްޓަރަކު ދޭ، ފަރުވާއެއް ހޯދުމަށެވެ.

މި ދެކުދިންގެ ވާހަކަ "ވަގުތު އެހީ" އިން ގެނެސްދިނުމުން، އެކުދިންނަށް ދޭން ނިންމާފައިވާ ފަރުވާގެ ވާހަކަ ތެލެސީމިއާ ދާއިރާގައި ތަޖުރިބާ ލިބިފައިވާ ބައެއް ފަރާތްތަކާ ހަމައަށް ވަނީ ފޯރާފައެވެ. އަދި އެ ފަރުވާއާއި މެދު ބައެއް ފަރާތްތަކުން ދަނީ ކަންބޮޑުވުން ފާޅު ކުރަމުންނެވެ.

"ވަގުތު އެހީ" އަށް މައުލޫމާތު ދެއްވަމުން، މޯލްޑިވިއަން ބްލަޑް ސާވިސެސްގެ ޑޮކްޓަރު އަހްމަދު އުމަރު ވިދާޅުވީ، "ޔަޝޮޑާ" ކްލިނިކުން ދޭ ފަރުވާއަކީ އެކަމާ ބެހޭ ގޮތުން މާ ބޮޑު މައުލޫމާތެއް ލިބިފައި ނުވާ، އެކްސްޕެރިމެންޓަލް ފަރުވާއެއް ކަމަށެވެ.

"އިންޑިއާގެ ޔަޝޮޑާ ކްލިނިކުގެ ޑޮކްޓަރަކު ދެއްވާ ޓްރީޓްމެންޓެއް އެއީ، އެއްވެސް ކަހަލަ ރިސާޗެއް ހެދިފައިވާ ޓްރީޓްމެންޓެއް ނޫން އެއީ. އެއީ އެސްޓެބްލިޝްޑް ޓްރީޓްމެންޓެއް ވެސް ނޫން. އެއީ އެއްވެސް އޮގަނައިޒޭޝަނަކުން، ތެލެސީމިއާގެ ފަރުވާގައި ހަރަކާތްތެރިވާ އެއްވެސް އޮގަނައިޒޭޝަނަކުން އެކްސެޕްޓް ކޮށްފަ އިން ޓްރީޓްމެންޓެއް ނޫން." ޑރ. އުމަރު ވިދާޅުވިއެވެ.

ޑރ. އުމަރު ވިދާޅުވީ އެ ފަރުވާއާއި ބެހޭ ގޮތުން ރަސްމީ އެއްވެސް ދިރާސާއެއް ކުރެފައި ނުވުމުން، އެ ފަރުވާ އެއްވެސް ވަރަކަށް ކާމިޔާބު ވާނެތޯ އަދި ނޫންތޯ ވެސް ވިދާޅުވަން ވެސް ދަތި ކަމަށެވެ.

"މި ހުންނަނީ ހަމައެކަނި، މީހުން ބުނެފަ، މިފަރުވާ ނަގައިގެން ތިމަންނައަށް މިހެން ވެފަ އެބަ ހުއްޓޭ. އެހެން ބުނެފަ ހުންނަ ބުނުން އަޅުގަނޑުމެން ރިސާޗް ކޮށްލިޔަސް މި ފެންނަނީ." ޑރ. އުމަރު ވިދާޅުވިއެވެ. "މޯލްޑިވިއަން ބްލަޑް ސާވިސެސްއިން ވެސް ރެކޮމެންޑް ކުރާ ޓްރީޓްމެންޓެއް ނޫން އެއީ."

ޑރ. އުމަރުގެ އިތުރުން ތެލެސީމިއާ ކަންކަމުގައި ދަރުމަވެރިއެއްގެ ގޮތުގައި މަސައްކަތް ކުރައްވާ، އަދި ތެލެސީމިއާ ކުދިންނާ ބެހޭ ތަޖުރިބާ ލިބިފައިވާ ބެލެނިވެރިއެއް ކަމަށްވާ ފިއުނާޒް ވަހީދު ވެސް ވަނީ "ވަގުތު" އަށް މައުލޫމާތު ދެއްވަމުން އެ ފަރުވާއާ މެދު ކަންބޮޑުވުން ފާޅު ކުރައްވާފައެވެ.

"މީގެ ލިބޭނެ ގެއްލުމެއް، އަދި ކުއްޖާއަށް، ނޭނގޭނެ. ވަގުތީ ހައްލެއް ލިބިދާނެ. އެކަމަކު ދާއިމީ ގޮތުން ކުއްޖާއަށް ބޮޑު ގެއްލުމެއް ލިބުމަކީ އެއީ ބޮޑު މައްސަލައެއް ދެއްތޯ؟" ފިއުނާޒް ވިދާޅުވިއެވެ.

ފިއުނާޒް ވިދުވީ، ބޭރުގެ ބައެއް ގައުމުތަކުގެ ދިރާސާތަކުގެ މައްޗައް ބިނާ ކުރެވިގެން ޓްރަޔަލް ފަރުވާތައް ބަލި މީހުންގެ ރުހުމާއެކު ދެވޭ ކަމަށެވެ. އެހެން ނަމަވެސް ޔަޝޮޑާ ކްލިނިކުން ދޭ ފަރުވާއަކީ އެފަދައިން ދެވޭ ފަރުވާއެއް ވެސް ނޫން ކަން އޭނާ ވަނީ ފާހަގަ ކުރައްވާފައެވެ.

"ކަމުގެ ގޮތުން ކިރިޔާ ވެސް ހައްލެއް ފެންނަ އިރަށް އެކަމެއް ވެސް ނަގަން ބޭނުންވޭ ދެއްތޯ." ފިއުނާޒް ވިދާޅުވި އެވެ. "ވަގުތީ ހައްލެއް ފެންނާތީ، ބެލެނިވެރިން ޑެސްޕަރޭޓް ވެފައި ހުންނަވާތީ ބައެއް ފަހަރު އެ ޑިސިޝަން ނެގެނީ ކަން ނޭނގެ. އެކަމަކު އޭގެން ދިގުމުއްދަތުގައި، އޭގެން ވާނެ ގޮތަކާ ދޭތެރޭ ވެސް ވިސްނާލަން ޖެހޭ ދެއްތޯ."

ޝައިބާ އަދި ޝާހިދުގެ މަންމަ މިކަމާއި ގުޅޭ ގޮތުން "ވަގުތު އެހީ" އާއި ވާހަކަ ދައްކަމުން ބުނީ އެ ފަރުވާގެ ސަބަބުން ބައެއް ފަރާތްތަކުގެ ބަލި ފަސޭހަ ވެގެން ގޮސްފައިވާ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށެވެ. އަދި މިހާރު ލޭ އެޅުމަކީ ވެސް ފަސޭހަ ކަމެއް ނޫންކަމުން އަދިވެސް ވިސްނަނީ "ޔަޝޮޑާ" ކްލިނިކުން ފަރުވާ ހޯއްދުމަށް ކަމަށް ބުންޏެވެ. ދެކުދިންގެ މަންމަ ބުނީ އިންޑިއާއަށް ފުރުމުގެ ކުރިން އިތުރު ދިވެހި ޑޮކްޓަރަކާ އެކު މަޝްވަރާ ކުރުމަށް ނުވިސްނާ ކަމަށެވެ.

އިންޑިއާގެ ޔަޝޮޑާ ކްލިނިކުން ދޭ ފަރުވާ އަކީ ދުވާލަކު 8 ގުޅަ ބޭސް ކާން ޖެހޭ ފަރުވާ އެކެވެ. އަދި އެ ބޭހުގެ ހަރަދުތައް ބަލާއިރު މަހަކު ކުއްޖަކަށް 10000ރ. ޖެހޭނެ ކަމަށް ވަނީ ލަފާ ކުރެވިފަ އެވެ.

ADS BY SHEESHA

ޝައިބާ އާއި އޭނާގެ ކޮއްކޮ ޝާހިދުގެ ފަރުވާއަށް އެހީ ހޯދުމަށް ހިމަންދޫގެ "ނިކަ ސްޕޯޓްސް ކްލަބް" އާއި ހިމަންދޫ ކައުންސިލާއި އެހެނިހެން ސަރުކާރުގެ އިދާރާތަކާއި ގުޅިގެން މިހާރު ވަނީ އިވެންޓުތަކެއް ބާއްވަން ހަމަޖެހިފައެވެ. އެގޮތުން މި މަހުގެ 6 ވަނަ ދުވަހު އއ. އަތޮޅުގެ އެކި ރަށްތަކުގައި ފަންޑު ފޮށި ބެހެއްޓުމަށް ވަނީ ނިންމާފައެވެ. އަދި މި މަހުގެ 7 ވަނަ ދުވަހު އެހީ ހޯދުމަށް ހިމަންދޫގެ ހުރިހާ ގޭބީސީތަކަށް ޒިޔާރަތް ކުރުމަށް ނިންމާފައިވާއިރު މި މަހުގެ 8 ވަނަ ދުވަހު ހިމަންދޫގައި އެކަމަށް ހާއްސަ ކުޑަކުދިންގެ ހަވީރެއް ބާއްވަން ވަނީ ހަމަޖެހިފައެވެ.

5 ކޮމެންޓް

  1. ބަލަ ދަރިއެއްލިބޭނީ ދުނިޔޭގަ ހުރެވިގެންދޯ
    ފުރާނަޔައްވުރެ މުހިންމީ ދަރިންތަ؟؟؟؟؟؟؟؟؟

  2. އިންޑިޔާއަކީ މީހުންގެ އަތުން ލާރިހޯދުމަށް މަކަރާ ހީލަތް ހަދައިގެން ކޮންމެ ފަދަ ކަމެއް ކުރަން ޖެހިލުން ވާނެ ބައެއް ނޫން. ރާއްޖޭގައި ތިބި 700 ވަރަކަށް ތެެލަސީމިއާކުދިން ގެ ބޯކާލައިގެން މަހަކު 10،000 ރުފިޔާގެ ބޭސް ވިއްކާނެ މޮޅު ގޮތެއް މިމީހުން އެހޯދީ. ސަރުކާރުން މިފަދަ ކަންކަމަށް ހިތްވަރު ނުދިނުން ބުއްދިވެރި.

  3. މީވެސް ވަރަށް ވާހަކަ

    މި ބޭހުގެ މޮޅުވާހަކަ ދައްކާ މީހުން ކިހާވަރަކަށްބާ މިބޭސް ރީސާރޖް ކުރީ މީތި އެހާ މޮޅު ނަމަ ޑރ ވިޖޭ ރަމަނާން މި ބޭސް މޮޅުކޮށްގެން މީޑިއާގަ ވާހަކަ ނުދެއްކީ ދުނިޔޭގަ ތެލަސީމިއާ އަށް އޮތް ހަމައެކަނި ފަރުވާ ބޯންމެރޯ އަށް ވާއިރު އިތުރު ފަރުވާއެއް އުފެއްދިކަން އެޔީ އޭނަ މަސްހޫރުވެ އެތައްގޮތަކުން ކުރިއަރާނެ ކަމަކަށް ވީއިރު އެކަން އެއްވެސް މީޑިއާ އެއްގަ ނުދައްކާނީ ނޫނީ އެއްވެސް ރިސާރޖް އަކުން ނުދެއްކުމީ މި ބޭހަކީ އެންމެ އެކަށީގެންވާ ބޭސް ނޫން ކަމުގެ ހެއްކެއް ނޭގި ތިބެ އަމިއްލަ އަށް ގޯނުހަދާ..

  4. ތެލަސީމިއާ ކުއްޖެއް

    ތި ބޭސް ތަކުގެ ސައިޑް އިފެކްޓްސް އެގިލައްވާތޯ ތި ބޭހަކީ ކެންސަރު ބަލީގެ މީޙުނަށްވެސް ބޭނުންކުރާ ބޭހެއް އަދި ތި ބޭހުގައި ކީމޯ ތެރަޕީގައި ހިމެނޭ މާއްދާތައް ވެސް ހިމެނޭ ތިބޭހަކީ ދަރިމައިވުމަށް އޮތް ހުރަހެއް އަޅުގަނޑުވެސް ތިބޭސް ފަށަން ވަރަށް ވާހަކަ ދެއްކިން އެގޮތުން އެންމެ ފަހުގެ އިންޓަރނޭޝަނަލް ކޮންފެރެންސް ގައިވެސް ތިބޭހުގެ ވާހަކަ ދެކެވުނު އެތާގަ ތިބ ހުރިހާ ޑޮކްޓަރުން ވެސް ވިދާޅުވި ރައްކާތެރިއެއް ނޫނޭ ދެން ތި ބޭހުގަ އެޗް ބީ ކިރިޔާ ހުންނަނީ 7 ގަ ނޫނީ 8 ގަ އޭގެ ސބަބުން ލިވާ އަދި ސްޕްލިން ފަދަ ގުނަވަންތައް ހަލާކުވޭ ނުވިތާކަަށް ކާކުތޯ ދަރިއެއް ބޭނުން ނުވާނީ އެކަމަކު ތިބޭހަކީ އެކަމަށް އޮތް ބޯޑު ރިސްކެއް ސޯ ވަގުތީ އުފަލަށްޓަކާ ދާއިމީ އުފާ މަހުރޫމް ކުރާނީ މޮޔައެއް ތިޔައީ ރަނގަޅު ބޭހެއް ނަމަ އިންޓަރނޭޝަނަލް ތެލެސީމިއާ ފެޑެރޭޝަން ޓިފް އިން ވެސް ތިބޭސް ބޭނުން ކުރުމަށް ލަފާ ދޭނެ އެކަމަކު ނޮވެމްބަރުގަ ބޭއްވި ކޮންފެރެންސް ގަ ވެސް އެފަރާތުން ވިދާޅު ވީ މި ބޭހަކީ އެކްސްޕްރިމެންޓް ކުރަމުންދާ ބޭހެކެ ބައިވަރު ސައިޑް އިފެކްޓްސް ހުރެޔޭ ރައްކާތެރިއެއް ނޫނޭ ރިކޮމެންޑް ކުރަމޭ މި ބޭސް ބޭނުން ނުކުރުމަށް .. ލޭ އަޅައިގެން ހަމަ ނޯރމަލް ލައިފް އުޅެވޭ ތަކްލީފް އުފުލަން ޖެހޭ އެކަމަކު އަމިއްލަ އަށް ކަމުގެ މާހިރުން ރައްކާތެރިކަމެއް ނޫން ކަމަށް ފާޅުގަ ބުނަނިކޮށް ބޭނުން ކުރުމަކީ ބޮޑު ނުރައްކަލަކަށް އަމިއްލަ އަށް ފުންމާލުން

  5. އަޅުގަނޑު ލޭއަޅާތާ 21 އަހަރުފަހުން މިހާރު ތި ފަރުވާކޮށްގެން ލޭއަޅާކަށް ނުޖެހޭ.. ކުރިން މަހަކު ދެފަހަރު ލޭ އެޅިން .. މިހާރު ބޭސްކާން ފެށިތާ ދެމަސް.. އަދި ލޭ އަޅާކަށް ނުޖެހޭ.. ދެމަސްވީ ލޭ ނާޅާތާ
    ލޭއެޅުމަކީ ރަނގަޅު ފަރުވާ އެކޭތޯ ތި ވިދާޅުވަނީ..؟ އޭގެ ސަބަބުން ދަގަނޑުގެ ބައި ގިނަވެ އެތަކެއް ބަލިތަކެއް ޖެހުމަށް މަގުފަހިވޭ.. ލޭ އެޅުމަށް ވުރެ ބޭހެއް ކައިގެން ހުރުން މާ ރަނގަޅު.. އަދި ތެލެސިމިއާ ސެންޓަރުން ދަގަނޑުގެ ބައި ދައްކުރުމަށް ދިން އެލްވަން ގެ ސަބަބުން އަޅުގަނޑުގެ ލޭ އަވަހަށް ދަށްވުމަށް މެދުވެރިވި،،