އައިޝަތު ޒިވާ ޒަހީން އޮޕަރޭޝަނަށް ފަހު

"ވަގުތު އެހީ" އިން މައުލޫމާތު ގެނެސްދިން ތުއްތު ތުއްތު އައިޝަތު ޒިވާ ޒަހީންގެ އޮޕަރޭޝަން ކާމިޔާބެވެ، އޭނާގެ ހާލު ރަނގަޅުވާން ފެށުމުން ހޮސްޕިޓަލުގެ އައިސީޔޫއިން ވޯޑްއަށް ބަދަލު ކޮށްފި ކަމަށް އޭނާގެ އާއިލާއިން ބުނެފިއެވެ.

ޒިވާގެ ހިތުގެ އޮޕަރޭޝަން ކޮށްފައި ވަނީ މިދިޔަ ޑިސެމްބަރު މަހުގެ 27 ވަނަ ދުވަހުއެވެ. އެދުވަހު ހެނދުނު ފެށި އެ އޮޕަރޭޝަން ކާމިޔާބުވުމަށްފަހު ޒިވާގެ ސިއްހަތު އެކަށީގެންވާ ވަރަށް ރަނގަޅުވަންދެން ބާއްވާފައި އޮތީ ހޮސްޕިޓަލުގެ އައިސީޔޫގައެވެ.

މިހާރު ޒިވާގެ ހާލު ސްޓޭބަލް ވެފައިވާއިރު އޭނާ ވަނީ ވޯޑްއަށް ބަދަލު ކޮށްފައެވެ. ޒިވާގެ އާއިލާއިން ބުނީ ޒިވާ ވޯޑްއަށް ބަދަލު ކުރީ މިދިޔަ ހޮނިހިރު ދުވަހު ކަމަށެވެ.

އޮޕަރޭޝަނަށް ފަހު ޑޮކްޓަރުން ބުނެފައި ވަނީ ހޮސްޕިޓަލުގައި އެއް މަސް ވަންދެން ޒިވާ ބާއްވަން ޖެހޭނެ ކަމަށެވެ. ނަމަވެސް ޒިވާ އެއްކޮށް ހޮސްޕިޓަލުން ދޫކޮށްލާނެ ދުވަހެއް އަދި ޔަގީނެއް ނުވެއެވެ.

އައިޝަތު ޒިވާ ޒަހީން

ޒިވާ އުފަންވެފައި ވަނީ ހިތަށް ލޭ ދައުރުވާ ދެ ހޮޅިއެއްގެ ބޮޑެތި މައްސަލަތަކާއެކުއެވެ. އެހެން ކަމުން މީގެ ކުރިން ޑޮކްޓަރުން ބުނެފައި ވަނީ ޒިވާގެ ފުރާނަ ސަލާމަތް ކުރަން ވަރަށް އަވަހަށް ފަރުވާ ފައްޓަން ޖެހޭ ކަމަށެވެ. ޒިވާ ބޭރަށް ގެންދިއުމަށް ޑޮކްޓަރު އެންގި ނަމަވެސް ތިން ދުވަސްވަންދެން އޭނާ ބޭރަށް ނުގެންދެވިގެން އާއިލާއިން މާލޭގައި މަޑު ކުރަން ޖެހުނެވެ. އެއީ އާއިލާގައި އެއްވެސް ވަރަކަށް އެވަރުގެ ދަތުރެއް ކުރުމުގެ މާލީ ތަނަވަސްކަން ނެތުމުގެ ސަބަބުންނެވެ.

ޒިވާގެ މައުލޫމާތު "ވަގުތު އެހީ" އިން ގެނެސްދިނުމާއެކު ގިނަ ބައެއްގެ އެހީތެރިކަން އާއިލާއަށް ލިބގެން ދިޔައެވެ. ނަތީޖާއެއްގެ ގޮތުން އޭގެ އަނެއް ދުވަހު ޒިވާ ގޮވައިގެން އިންޑިއާއަށް ފުރިއެވެ.

އެހެން ކަމުން އެހީ ފޯރުކޮށްދިން ހުރިހާ ފަރާތްތަކަށާއި، ޒިވާގެ ބަލި ހާލު ރަނގަޅުވުމަށް ހެޔޮ ދުއާ ކުރެއްވި ހުރިހާ ފަރާތްތަކަށް ހިތުގެ އެންމެ ފުންމިނުން ޝުކުރުއަދާ ކުރާ ކަމަށް ޒިވާގެ އާއިލާއިން ވަނީ ބުނެފައެވެ.

ޒިވާގެ އާއިލާއިން ބުނީ އޮޕަރޭޝަން ކާމިޔާބުވުމުން މިހާރު އާއިލާއަށް ކުޑަ ނަމަވެސް ހިތްހަމަ ޖެހުމެއް ލިބިފައިވާ ކަމަށެވެ.

ADS BY SHEESHA

 

3 ކޮމެންޓް

  1. ޢަލްހަމްދުﷲ

  2. ﷲ އަށް ހަމްދްހުރި

  3. ޢަލްހަމްދުﷲ