މިޒްދާން އަހްމަދު ޖަލީލު

ދަރިންނަކީ މާތްﷲ އިންސާނުންނަށް ދެއްވާ ނިއުމަތެކެވެ. އަދި އެ ނިޔުމަތަކީ އަމާނާތެކެވެ. އެހެން ކަމުން ދަރިން ހެޔޮގޮތުގައި ތަރުބިއްޔަތު ކުރުމަކީ ކޮންމެ މަޔެއްގެ އަދި ބަފައެއްގެ މައްޗަށް ވާޖިބު ވެގެންވާ ކަމެކެވެ. އެމީހެއްގެ ދަރިންނަށް ދެރަ ގޮތެއް ދިމާވުމަކީ ޔަގީނުންވެސް އެއްވެސް މީހަކު އެދޭނެ ކަމެއް ނޫނެވެ. ވީމާ، ދަރިންނަށް ދިމާވާ މައްސަލަތަކަށް ހައްލު ހޯދައި އެ ދަރިންނަށް ޖެހޭ ދުނިޔެވީ ބަލިތަކަށް ޝިފާ ހޯދުމަކީ ކޮންމެ މީހަކުވެސް ކުރަން ބޭނުންވާނެ ކަމެކެވެ.

އެކަނިވެރި މައެއް ކަމަށްވާ، ގދ. ގައްދޫ، ކުދިލިބޫމާގެ، އައިޝަތު ރަޝީދާގެ ހަމައެކަނި ދަރިފުޅު ކަމަށްވާ އުމުރުން 12 އަހަރުގެ، މިޒްދާން އަހްމަދު ޖަލީލު އަކީ ނަފްސާނީ މައްސަލައެއް ކަމަށްވާ އެޓެންޝަން ޑެފިޝެންޓް ހައިޕާއެކްޓިވިޓީ ޑިސްއޯޑަރ (އޭޑީއެޗްޑީ) އަދި އޮޕޮޒިޝަނަލް ޑެފިޝެންޓް ޑިސްއޯޑަރ (އޯޑީޑީ) ހުންނަ ކުއްޖެކެވެ. މިޒްދާންގެ އޭޑީއެޗްޑީ ދުވަހެއް ދުވަހަށް ގޯސްވަމުންދާއިރު، އެކަމަށް ހައްލެއް ހޯދުމަށް ރަޝީދާ ވަނީ ގޮތް ހުސްވެފައެވެ.

މިޒްދާންގެ ހާލު ގޯސްވި ގޮތާއި، އޭނާގެ އުޅުމާއި، އޭޑީއެޗްޑީ އަދި އޯޑީޑީއަށް ފަރުވާ ހޯދުމަށް ދިމާވެފައިވާ ދަތިތަކާ ބެހޭ ގޮތުން ރަޝީދާ ވަނީ "ވަގުތު އެހީ" އަށް މައުލޫމާތު ދީފައެވެ.

ރަޝީދާ ބުނީ މިޒްދާން އަކީ އޭޑީއެޗްޑީ ހުންނަ ކުއްޖެއް ކަން އެނގުނީ އޭނާގެ އުމުރުން ދެ އަހަރުގައި ކަމަށެވެ. އޭރުވެސް އޭނާއަކީ ވަރަށް ހަނލަބޮލިކޮށް އުޅުނު ކުއްޖެއް ކަމަށް ރަޝީދާ ކިިޔައިދިނެވެ. ނަމަވެސް މިޒްދާންގެ ހާލު ކުރިއަށް ވުރެ އެތައް ގުނަ ގޯސްވީ، މީގެ އަހަރެއްހާ ދުވަސް ކުރިން އޭނާއަށް ފިޓު ޖެހުމަށްފަހު ކަމަށް އޭނާ ބުންޏެވެ.

"އޭގެ ފަހުން ގެންގުޅެން ހަމަ ވަރަށް އުނދަގޫ. މަގުމަތީގައިވެސް ވާގޮތަކީ، އޭޑީއެޗްޑީ ވީމަ މަގުމައްޗެއްގައެއް ސްކޫލެއް، އެއްވެސް ތަނެއް ނުބަލާ ހަމަ ރުޅި އަންނަ އިރަށް އެވަގުތު އެއްވެސް ވަރަކަށް ހިޔެއް ނުވާނެ ބަޔަކު އެތާ އުޅޭހެން." ރަޝީދާ ކިޔައިދިނެވެ.

ރަޝީދާ މިހާރު ހުރީ މިޒްދާންއަށް ފަރުވާ ހޯދުމަށް، އޭނާ ގޮވައިގެން އިންޑިއާގެ ބެންގަލޫރުގައެވެ. ނަފްސާނީ މައްސަލަތަކާ ބެހޭ ޑޮކްޓަރުން ބުނެފައި ވަނީ މިޒްދާންއަށް ފަރުވާ ދެވެން އޮތީ އޭނާގެ މައްސަލަތަކަށް ތެރަޕީ އާއި ބޭސްތަކެއް ދީގެން ކަމަށެވެ. ނަމަވެސް ރަޝީދާ ބުނީ އެ ތެރަޕީތަކަކީ ވަރަށް އަގުބޮޑު ތެރަޕީތަކެއް ކަމަށެވެ. އެހެން ކަމުން މިހާރު އޭނާ ހުރީ ގޮތް ހުސްވެފައެވެ.

ރަޝީދާ ބުނީ މާލޭގެ ބައެއް ހޮސްޕިޓާތަކާއި ކްލިނިކްތަކުގައި މިޒްދާންއަށް ފަރުވާ ހޯދުމަށް މައްސައްކަތް ކުރި ކަމަށެވެ. ނަމަވެސް މާލެއިން ދިން ބޭހުން އެއްވެސް ވަރަކަށް ފައިދާ ނުކުރާ ކަމަށް އޭނާ ކިޔައިދިނެވެ.

"މާލެއިންވެސް ދައްކައިގެން އެއްވެސް ކަހަލަ އިފެކްޓެއް ނާދޭ. މާލެއިންވެސް ދެއްކިން މައްސަލަ. އެ ބޭސް ބުއީމަވެސް ބޮލަށް އެނބުރުން އަރާފަ ކުއްޖާ ވެއްޓެނީ އެއްވެސް ވަރަކަށް ނުނިދާ، ހޭލާ އޮންނަނީ." ރަޝީދާ ކިޔައިދިނެވެ.

މިޒްދާންގެ އޭޑީއެޗްޑީ އަދި އޯޑީޑީގެ ސަބަބުން އޭނާއަށް ވަނީ ތައުލީމީ ގޮތުންވެސް ހުރަސް އެޅިފައެވެ. އެހެން ކަމުން، އޭނާއަށް ފަރުވާ ނުލިބި ހޭދަވާ ކޮންމެ ދުވަހަކީ، ތައުލީމު ހާސިލް ކުރުމުގެ ފުރުސަތު ގެއްލި އޭނާގެ މުސްތަގުބަލަށް އެކަމުގެ ނޭދެވޭ އަސަރު ކުރާނެ ދުވަހެކެވެ.

"މިހާރު ކަލާފާނުންވެސް ކަނޑާލައިގެން ނެރެ ޖަމާލުއްދީން ސްކޫލަށް ބަދަލު ކޮށްފިން. އެ ސްކޫލުގައިވެސް ހަމަ ތަފާތު މައްސަލަތައް ތަފާތު ކަންތައްތައް ދިމާވޭ. އެހެންވީމަ ސްކޫލު ބަދަލުކޮށްލައިފިން އަޅުގަނޑު މި އަހަރު." ރަޝީދާ ކިޔައިދިނެވެ.

މިޒްދާންގެ އޭޑީއެޗްޑީ އަދި އޯޑީޑީއަށް ހައްލެއް ނުލިބި ގިނަ ދުވަސްތަކެއް ވަމުންދާއިރު، އެކަމަށް ހައްލެއް ހޯދައި އޭނާ ހަރުދަނާ ރައްޔިތެއްގެ ގޮތުގައި މުޖުތަމައުއަށް ނެރެވެން އޮތީ އޭނާއަށް ބޭނުންވާ ތެރަޕީތައް ދީގެންނެވެ. އެތެރަޕީތައް ހޯދުމަށް މިޒްދާންގެ މަންމަ، ރަޝީދާއަށް ވަނީ ދިވެހިންގެ ދީލަތި އެހީ ބޭނުންވެފައެވެ.

"އަޅުގަނޑުވެސް އެކަނި އުޅޭ އަންހެނަކަށް ވީމަ، ފައިސާގެ ދަތިކަންވެސް ވަރަށް ބޮޑުވާނެ. އެކަނި ވީމަ އެކަނި ލިބޭ އާންމުދަނީއިން ކުށްޔަށް ދައްކާފައި ކުއްޖާޔަށް އެއްވެސް ވަރަކަށް އެހީވާ ވަރަކަށް އާންމުދަނީ ނުލިބޭ. ދެން އެހެންވީމަ ވަރަށް އުނދަގޫ މިހާރު ގެންގުޅެން، ދުވަސްވާ ވަރަކަށް ހައްތަހާ އުނދަގޫ ވަމުން އަންނަނީ." ރަޝީދާ ކިޔައިދިނެވެ.

މިޒްދާންގެ ހާލަތާއި ގުޅޭ އިތުރު މައުލޫމާތު ހޯދައި އެހީތެރިވާން ބޭނުންވާ ފަރާތްތަކުން އައިޝަތު ރަޝީދާގެ ފޯން ނަމްބަރު 9114843 އަށް ގުޅުއްވުމުން މައުލޫމާތު ސާފުވާނެއެވެ. އެހީތެރިވެއްދެވަން ބޭނުންފުޅުވާ ފަރާތްތަކުން އައިޝަތު ރަޝީދާގެ ބީއެމްއެލް ރުފިޔާ އެކައުންޓް 7704258721101 އަށް ފައިސާ ޖަމާކޮށްދިނުމަށް އާއިލާ އިން އެދެއެވެ.

މާތްﷲ މިޒްދާންއަށް އަވަސް ޝިފާއެއް މިންވަރު ކުރައްވައި، އޭނާގެ އާއިލާއަށް ހިތްވަރު ދެއްވައި ބާއްޖަވެރި މުސްތަޤުބަލެއް މިންވަރު ކުރައްވާށިއެވެ. އަދި އަޅަމެންނީ އެކަކު އަނެކަކަށް އެހީތެރިވެދޭ ބަޔަކުކަމުގައި ލައްވާށިއެވެ. އަދި އަޅަމެންގެ މި މުޖުތަމަޢަކީ ބަލިމަޑުކަމާއި ނުރައްކާތެރި ރޯގާތަކުން ރައްކާތެރި، ދުޅަހެޔޮ މުޖުތަމައެއްކަމުގައި ލައްވާށިއެވެ. އާމީން!


މީސްތަކުންނަށް އެހީވުމާއި ބެހޭގޮތުން ބައެއް އާޔަތްތަކާއި ޙަދީޘްތައް

1. މީސްތަކުންނަށް އެހީތެރިވުމަކީ އަދި މީސްތަކުންގެ ޙާޖަތްތައް ފުއްދައިދިނުމަކީ އިޙުސާންތެރިކަމުގެ ތެރެއިން ހިމެނޭ ކަމެކެވެ.

ﷲ ސުބުޙާނަހޫ ވަތަޢާލާ ވަޙީކުރައްވާފައިވެއެވެ.

(وَأَحْسِنُوا ، إِنَّ اللَّـهَ يُحِبُّ الْمُحْسِنِينَ) سورة البقرة: 195

މާނައީ: "އަދި ތިޔަބައިމީޙުން އިޙުސާންތެރިވާށެވެ. ހަމަކަށަވަރުން ﷲ އިޙުސާންތެރިވާ މީސްތަކުންދެކެ ލޯބިވެވޮޑިގަންނަވައެވެ."

2. ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރައްވާފައިވެއެވެ.

(الْمُسْلِمُ أَخُو الْمُسْلِمِ لَا يَظْلِمُهُ وَلَا يُسْلِمُهُ وَمَنْ كَانَ فِي حَاجَةِ أَخِيهِ كَانَ اللَّهُ فِي حَاجَتِهِ) متفق عليه.
(رواه البخاري 6551 و مسلم 2850)

މާނައީ: އެއްމުސްލިމަކީ އަނެއްމުސްލިމްގެ އަޚާއެވެ. އޭނާ (އެމީހެއްގެ އަޚާގެ މައްޗަށް) އަނިޔާވެރިއެއްނުވާނެއެވެ. އަދި އަނިޔާ ލިބެން ދޫނުކުރާނެއެވެ. އެމީހެއްގެ އަޚާގެ ޙާޖަތް ފުއްދުމުގައި ދެމިހުރި މީހާގެ ޙާޖަތުގައި ﷲ ވޮޑިގެންވާނެއެވެ."

3. ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރައްވާފައިވެއެވެ.

(مَنْ نَفَّسَ عَنْ مُؤْمِنٍ كُرْبَةً مِنْ كُرَبِ الدُّنْيَا، نَفَّسَ اللهُ عَنْهُ كُرْبَةً مِنْ كُرَبِ يَوْمِ الْقِيَامَةِ، وَمَنْ يَسَّرَ عَلَى مُعْسِرٍ، يَسَّرَ اللهُ عَلَيْهِ فِي الدُّنْيَا وَالْآخِرَةِ، وَمَنْ سَتَرَ مُسْلِمًا، سَتَرَهُ اللهُ فِي الدُّنْيَا وَالْآخِرَةِ، وَاللهُ فِي عَوْنِ الْعَبْدِ مَا كَانَ الْعَبْدُ فِي عَوْنِ أَخِيهِ) رواه مسلم في صحيحه: 2699

މާނައީ: "އަދި އެމީހެއްގެ އަޚާގެ ކިބައިން ދުނިޔެ މަތީގައި ދަތިކަމެއް ފިލުވައިދީފި މީހަކަށް، އެމީހަކަށް ޤިޔާމަތްދުވަހުން ޖެހޭ މުޞީބާތްތަކުގެ ތެރޭން މުޞީބާތެއް ﷲ ފިލުއްވައިދެއްވާހުއްޓެވެ. އަދި އުނދަގުލެއް ޖެހިފައިވާ މީހާއަށް ފަސޭހަކޮށްދީފިމީހަކަށް، ﷲ އެމީހަކަށް ދުނިޔެމަތީގަޔާއި އާޚިރަތުގައި ފަސޭހަކޮށްދެއްވާނެއެވެ. އަދި މުސްލިމެއްގެ (ޢައިބު ފޮރުވައިދީފިމީހާ)ގެ ޢައިބު، ދުނިޔެއާއި އާޚިރަތުގައި ﷲ އެމީހެއްގެ ޢައިބުފޮރުވައިދެއްވާ ހުއްޓެވެ. އަދި ހަމަކަށަވަރުން އެމީހެއްގެ އަޚާއަށް އެހީވުމުގެ މަތީގައި ހުންނަމީހާއަށް އެހީތެރިވޮޑިގަތުން މަތީގައި ﷲ ވޮޑިގެންވެއެވެ."

4. އަދިވެސް ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ އެކަމަށް ބާރުއެޅުއްވުމުގެ ގޮތުން ޙަދީޘްކުރައްވާފައިވެއެވެ.

(أَحَبُّ النَّاسِ إِلَى اللَّهِ تَعَالَى أَنْفَعُهُمْ لِلنَّاسِ ، وَأَحَبُّ الْأَعْمَالِ إِلَى اللَّهِ تَعَالَى سُرُورٌ تُدْخِلُهُ عَلَى مُسْلِمٍ ، أَوْ تَكْشِفُ عَنْهُ كُرْبَةً ، أَوْ تَقْضِي عَنْهُ دَيْنًا ، أَوْ تَطْرُدُ عَنْهُ جُوعًا) رواه الطبراني في المعجم الكبي: 13646 و صححه الألباني.

މާނައީ: "ﷲތަޢާލާއަށް އެންމެ ލޮބުވެތިވެގެންވަނީ މީސްތަކުންނަށް އެންމެ މަންފާބޮޑު މީހެކެވެ. ﷲއަށް އެންމެ ލޮބުވެތިވެގެންވާ ޢަމަލަކީ މީހަކު މުސްލިމަކަށް ގެނެސްދޭ އުފާވެރިކަމެކެވެ ނުވަތަ މީހެއްގެ ކިބައިން މުޞީބާތް ފިލުވައިދޭ ފިލުވައިދިނުމެވެ. ނުވަތަ ދަރަނި އަދާކޮށްދޭ ކޮށްދިނުމެވެ. ނުވަތަ މީހެއްގެ ކިބައިން ބަނޑުހައިހޫނުކަން ފިލުވައިދޭ ފިލުވައިދިނުމެވެ."

6 ކޮމެންޓް

  1. ތިހަދަނީ ހާދަ ބޮޑު ދޮގެއްހެން ހީވެއޭ!!

  2. އަޅުގަނޑަށް އެނގިފައި އޮތް ގޮތުން އޭޑީއެޗްޑީ ފަދަ އެކި ކަހަލަ ބިހޭވިއަރަލް ޑިސްއޯރޑަރސް ތަކަށް ހުޅުމާލޭގައި ހުންނަ މޯލްޑިވްސް އޯޓިޒަމް އެސޯސިއޭޝަން އިން އެކި ހިދުމަތްތައް ފޯރުކޮށްދޭ. ތިހާ ސިވިއަރ ކޭސްއެއް ކަމުން މެއިންސްޓްރީމް ސްކޫލްއެއްގެ ބަދަލުގައި މިހާރަށް އެ ތަނަށް ވެއްދުން އެއީ އެންމެ ރަނގަޅު ކަމެއްކަމުގައި އަޅުގަނޑަށް ފެންނަ ކަމަކީ. އެ ފަދަ ތަނަކަށް ދަރިފުޅު ވެއްދޭނެފަދަ ތަނަވަސްކަމެއް ލިބިގެންދާނެ ކަމަށް އުއްމީދުކުރަން އިންޝާﷲ.

  3. ތީ ރަނގަޅުވާ ކަމެއް ނޫން.. ބޭސް ކުރިޔަސް ނުވާނެ ރަނގަޅެއް.. ސިކުނޑީގައި ހުންނަ އުނި ކަމެއްގެ ސަބަބުންވާ ކަމެއް ތިއީ

  4. ބޮލުގާ ކުލަޖައްސާފަހުރީ ބަލިކަމުންބާ

  5. ފުރަތަމަ މިޒްދާން އަށް ގެއްލިފައިވާ ބައްޕައެއްގެ ލޯބި އެކުޑަ ކުއްޖާއަށް އިއާދަ ކޮށްދީ. އެކަން އެއީ ފަރުވާގެ ފުރަތަމަ ފިޔަވައްސަށް ހަދާފި ނަމަ ފަރުވާގެ މަގު ކުރުވެގެން ދިޔުމުގެ ަމަގެއް އަޅާއާ މިއަޅާގެ ރައްބު މިންވަރު ކުރެއްވުމަކީ ވެސް އެކަށީގެންވާ އުންމީދު ކުރެވޭ ކަމަކަށް ވެގެންދާނެ. މައިންބަފައިންގެ ހަމަޖެހޭ އަޅާލުމާ އޯގާތެރި ކަމުގެ ދިރިއުޅުމުގެ ތެރެއިން ވަރަށް ގިނަ ކަންކަމަށް ފަރުވާ ލިބިގެންދާނެ. އަތުން ބޭހަށޭ ކިޔާ ލާރިތަކެއް ނަގުމުގެ ކުރިން
    މިކަންކަމާ ވިސްނާލުން ރަނގަޅުވާނެ ކަމަށް ފެމޭ

    • އެ ބައްޕަގެ ހާލު ތިބޭފުޅާއަށް އެނގިލެއްވިނަމަ ހިޔެއް ނުވޭ ތިހެން ބުނުއްވާނެހެނެއް. ފިޓުނުޖެހުނަސް އެ ބައްޕަ ހޭބުއްދި ނުހުންނަ ފަހަރު ގިނައީ. ދެން ކުއްޖާގެ މަންމައަށް އިތުރަށް އެ ޖެހުނީ އެހެން ބުރައެއް އުފުލަން. ފައިސާ ހޯދަން ވެސް ދެގުނަ ނޫން ހަތަރުގުނައަށް މަސއްކަތްކުރަން ޖެހޭނީ.