ބެސްޓްބައި މޯލްޑިވްސް (ބީބީއެމް) އިން މުޅި ދުނިޔެއަށް މަޝްހޫރު ޗޮކްލެޓް ބްރޭންޑެއް ކަމަށްވާ ވެލިޝް ބްރޭންޑް ރާއްޖެއަށް ތައާރަފްކޮށްފިއެވެ.

ބެލްޖިއަމްގެ ވެލިޝް ބްރޭންޑް ރާއްޖެއަށް ތައާރަފް ކުރުމަށް މިއަދު އެޗް.އައި.އެޗްގައި ހާއްސަ ރަސްމިއްޔާތެއް ބާއްވައިފައިވާއިރު އެ ރަސްމިއްޔާތުގައި ވެލިޝް ބްރޭންޑާއި އެ ބްރޭންޑުން އުފައްދާ ޗޮކްލެޓްގެ ވައްތަރުތަކާއި ބެހޭ ގޮތުން ރަސްމިއްޔާތުގައި ބައިވެރިވި ޝެފުންނަށް މައުލޫމާތު ދީފައެވެ. އަދި އެ ބްރޭންޑްގެ ބައެއް ޗޮކްލެޓްގެ ރަހަތަށް ވަނީ ރަސްމިއްޔާތުގެ ބައިވެރިންނަށް ދައްކާލާފައެވެ.

ވެލިޝް ބްރޭންޑްގެ ޗޮކްލެޓް ރާއްޖެ އަށް ތައާރަފް ކުރުން - ވަގުތު އިމޭޖެސް: މުހައްމަދު ޖިމީ

100 އިންސައްތަ ގުދުރަތީ ވަސީލަތްތަށް ބޭނުންކޮށްގެން ޗޮކްލެޓް އުފައްދާ ވެލިޝް އަކީ މުޅި ދުނިޔެއިން ޗޮކްލެޓް އުފެއްދުމަށް އެންމެ މަޝްހޫރު ކުންފުނިތަކުގެ ތިންވަނައިގައި ހިމެނޭ ކުންފުނި ކަމަށްވާ ކާގިލްގެ ބްރޭންޑެެކެވެ.

ބީބީއެމްއިން ރާއްޖެއަށް ވެލިޝް ބްރޭންޑްގެ ޗޮކްލެޓް ތައާރަފްކޮށްފައިވާއިރު އެ ބްރޭންޑްގެ ޗޮކްލެޓާއި ބެހޭ މައުލޫމާތާއި ރަހަ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހަރަކާތްތެރިވަމުން އަންނަ ޝެފުންނަށް ހިއްސާކުރުމަށް ވަނީ މިޗެލިންގް ތިން ތަރީގެ ޝެފެއް ކަމަށްވާ ބުރޫނޯ މެނާޑް ނެގެސްފައެވެ.

ވެލިޝް ބްރޭންޑްގެ ޗޮކްލެޓް ރާއްޖެ އަށް ތައާރަފް ކުރުން - ވަގުތު އިމޭޖެސް: މުހައްމަދު ޖިމީ

ވެލިޝް ބްރޭންޑް ރާއްޖެއަށް ތައާރަފްކުރުމަށް ބޭއްވުނު ރަސްމިއްޔާތަށް ފަހު "ވަގުތަށް" މައުލޫމާތު ދެމުން ބީބީއެމްގެ ހެޑް އޮފް މާކެޓިންގް އަލީ އަފްރާހް ހަސަން ވިދާޅުވީ ބީބީއެމްއަކީ އަބަދުވެސް ރާއްޖޭގައި ކެއްކުމުގެ ސިނާއަތް ކުރިއެރުވުމަށް މަސައްކަތް ކުރަމުން އަންނަ ކުންފުންޏެއް ކަމަށެވެ.

އަދި ބެލްޖިއަމްގެ ވެލިޝް ބްރޭންޑާއި އެކު ބީބީއެމްއަށް އިތުރު އާރޯކަމެއް ލިބިފައިވާ ކަމުގައިވެސް އަފްރާހް ވިދާޅުވިއެވެ.

ބީބީއެމްގެ ހެޑް އޮފް މާކެޓިންގް އަލީ އަފްރާހް ހަސަން - ވަގުތު އިމޭޖެސް: މުހައްމަދު ޖިމީ

"އެނގިވަޑައިގަންނަވާނެ ބީބީއެމްއަކީ އަބަދުވެސް ކެއްކުމުގެ ދާއިރާއަށް މީހުން އަހުލުވެރިކުރުމަށް ހާއްސަ އިސްކަމެއްދޭ ކުންފުންޏެއް. އެގޮތުން މިއަދު އަނެއްކާވެސް މިވަނީ ދުނިޔޭގެ މަޝްހޫރު ޗޮކްލެޓް ބްރޭންޑެއް ރާއްޖެ ތައާރަފްކުރެވިފައި. އަދި މި ބްރޭންޑްގެ ޗޮކްލެޓްތަކާއި ބެހޭ މައުލޫމާތު ޝެޝަންތަށް މިއަދުން ފެށިގެން އެވަނީ ފެށިފަ. އަދި މިކަމުގެ ސަބަބުން ރާއްޖޭގައި މަސައްކަތް ކުރާ ކައްކާއިންނަށް އެމީހުންގެ ހުނަރު ބޭނުންކޮށްގެން ވެލިޝްގެ ރަހަތަށް ދިވެހިންނަށާއި ރާއްޖެ އަންނަ ފަތުރުވެރިންނަށް ދައްކާލެވޭނެ" އަފްރާހް ވިދާޅުވިއެވެ.

ބީބީއެމް އިން އެންމެ ހާއްސަ އިސްކަމެއް ދެނީ ދިވެހި ކައްކާއިން ތަމްރީންކޮށް އެ ކައްކާއިންނަކީ ދުނިޔޭގެ ފެންވަރުގައި ގުނާލެވޭ ކައްކާއިންނަށް ހެދުމަށް ކަމަށްވެސް އަފްރާހް ވިދާޅުވިއެވެ.

ވެލިޝް ބްރޭންޑްގެ ޗޮކްލެޓް ރާއްޖެ އަށް ތައާރަފް ކުރުން - ވަގުތު އިމޭޖެސް: މުހައްމަދު ޖިމީ

ވެލިޝް ބްރޭންޑާއި ބެހޭ ގޮތުން "ވަގުތަށް" މައުލޫމާތު ދެމުން ކާޖިލްގެ ސީނިއާ ސޭލްސް މެނޭޖަރ، އޭޝިއާ ޕެސެފިކް ކާގިލް ކޮކޯ އެންޑް ޗޮކްލެޓްސް އެރިކް ގަގޮނޮން ވިދާޅުވީ ކާގިލްއިން އަބަދުވެސް މަސައްކަތް ކުރަނީ ފެންވަރު ރަނގަޅު ޗޮކްލެޓްގެ ބާވަތްތަށް ބާޒާރަށް ނެރުމަށް ކަމަށެވެ. އަދި އެ ކުންފުނީގެ ވެލިޝް ބްރޭންޑް ރާއްޖެއަށް ތައާރަފް ކުރެވިފައިވާއިރު ވެލިޝް ބްރޭންޑަށް ރާއްޖޭގައި ބޮޑު ތަރުހީބެއް ލިބޭނެ ކަމަށް އުންމީދު ކުރާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ވެލިޝް ބްރޭންޑްގެ ޗޮކްލެޓް ރާއްޖޭގެ ކަންކޮޅުތަކުން ލިބެން ހުންނާނީ މިމަހުގެ ފަހުކޮޅުގައެވެ. އަދި ހޯލްސޭލް އަދި ރީޓެއިލް ކުރާ ފަރާތްތަކަށްވެސް ބީބީއެމް މެދުވެރިކޮށް ލިބޭނެ އިންތިޒާމު ވަނީ ހަމަޖެހިފައެވެ.