މިއަހަރުގެ އޮގަސްޓް މަހުގެ ތެރޭގައި ރާއްޖެއަށް މުދާ އެތެރެކުރި މިންވަރު 33 އިންސައްތަ އިތުރުވެ، ކަސްޓަމްސްއަށް ލިބުނު އާމްދަނީ 14 އިންސައްތައަށް އިތުރުވެފައިވާ ކަމަށް މޯލްޑިވްސް ކަސްޓަމްސް ސަރވިސްއިން ހާމަކޮށްފިއެވެ.

ކަސްޓަމްސް އިން މިއަދު އާންމު ކުރެއްވި ބަޔާނެއްގައި ވިދާޅުވީ މިއަހަރުގެ އޮގަސްޓް މަހު ރާއްޖެއަށް އިމްޕޯޓު ކުރެވުނު މުދަލުގެ ސީއައިއެފް އަގު 2017 ވަނަ އަހަރުގެ އޮގަސްޓް މަހާ އަޅާބަލާއިރު 33 އިންސައްތަ އިތުރުވެފައިވާ ކަމަށެވެ. އެގޮތުން މިދިޔަ އަހަރުގެ އޮގަސްޓް މަހު ދިވެހިރާއްޖެއަށް 3.16 ބިލިއަން ރުފިޔާގެ މުދާ އިމްޕޯޓްކޮށްފައިވާއިރު މި އަހަރުގެ އޮގަސްޓް މަހު މި ޢަދަދު ވަނީ 4.1 ބިލިއަން ރުފިޔާއަށް އިތުރުވެފައެވެ.

އިމްޕޯޓްކުރި މުދަލުގެ އަގުގެ ގޮތުން 19 އިންސައްތަ ޗައިނާ އިން އިމްޕޯޓްކޮށްފައިވާއިރު، ޔޫ.އޭ.އީ އިން 18 އިންސައްތަ އަދި ސިންގަޕޫރުން 11 އިންސަައްތަ މުދާ ވަނީ އެތެރެކޮށްފައިވެއެވެ.

އިމްޕޯޓު ޑިއުޓީއާއި އެހެނިހެން ފީގެ ގޮތުގައި ކަސްޓަމްސަށް ލިބުނު އާމްދަނީ ވަނީ 2017 ވަނަ އަހަރުގެ އޮގަސްޓް މަހާއި އަޅާބަލާއިރު ހުސްވި އޮގަސްޓް މަހު 14 ޕަސެންޓް އިތުރުވެފައެވެ. މިއަހަރުގެ އޮގަސްޓް މަހު އިމްޕޯޓު ޑިއުޓީއާއި އެހެނިހެން ފީގެ ގޮތުގައި ދަޢުލަތަށް 280 މިލިއަން ރުފިޔާ ލިބިފައިވާއިރު 2017 ވަނަ އަހަރުގެ އޮގަސްޓްމަހު ލިބިފައިވަނީ 245 މިލިއަން ރުފިޔާ އެވެ.

2017 ވަނަ އަހަރުގެ އޮގަސްޓް މަހު 315 މިލިއަން ރުފިޔާގެ މުދާ ރާއްޖެއިން އެކްސްޕޯޓްކޮށްފައިވާއިރު، މިދިޔަ އޮގަސްޓް މަހު އެކްސްޕޯޓްކުރި މުދަލުގެ މިންވަރަކީ 259 މިލިއަން ރުފިޔާއެވެ. ދިވެހިރާއްޖެއިން މައިގަނޑު ގޮތެއްގައި އެކްސްޕޯޓްކުރަނީ މަހުގެ ބާވަތްތަކެވެ.

މިދިޔަ އޮގަސްޓް މަހު އެކްސްޕޯޓްކުރި މުދަލުގެ 20 އިންސައްތަ ޖަރުމަނު ވިލާތަށް އެކްސްޕޯޓްކޮށްފައިވާއިރު، ތައިލެންޑަށް 15 އިންސައްތަ އަދި އިނގިރޭސި ވިލާތަށް 14 އިންސައްތަ އެކްސްޕޯޓްކޮށްފައިވެއެވެ. މީގެއިިތުރުން، ފަރަންސޭސި ވިލާތައަށް 10 އިންސައްތަ ވަނީ އެކްސްޕޯޓްކުރެވިފައެވެ.