މިދިޔަ މަހު ރާއްޖެއަށް އިމްޕޯޓްކުރި މުދަލުގެ އަދަދު 33 ޕަސެންޓް އިތުރުވެއްޖެއެވެ.

ކަސްޓަމްސް އިން އާންމުކުރި މިދިޔަ މަހުގެ ތަފާސް ހިސާބު ދައްކާ ގޮތުން މިދިޔަ މަހު 4.1 ބިލިއަން ރުފިޔާގެ މުދާ ރާއްޖެ އެތެރެކުރިއިރު، މިއީ މިދިޔަ އަހަރުގެ އޮގަސްޓް މަހު އެތެރެކުރި އަދަދަށް ވުރެ 33 ޕަސެންޓް އިތުރު އަދަދެކެވެ. އަދި މިދިޔަ އަހަރުގެ އޮގަސްޓް މަހު އެތެރެކުރީ 3.16 ބިލިއަން ރުފިޔާގެ މުދަލެވެ.

މިގޮތުން ރާއްޖެއަށް އެންމެ ގިނައިން މުދާ އެތެރެ ކުރި ގައުމުގެ ތެރޭގައި އެންމެ ކުރީގައި އުޅެނީ ޗައިނާއެވެ. ރާއްޖެއަށް އެތެރެ ކުރިން މުދަލުގެ ތެރެއިން ޗައިނާއިން މިދިޔަ މަހު އެތެރެކޮށްފައި ވަނީ 19 ޕަސެންޓް މުދަލެވެ. އަދި ދެވަނައަށް އެންމެ ގިނަ މުދާ ރާއްޖެއަށް އެެތެރެކޮށްފައި ވަނީ ޔޫއޭއިންނެވެ. ރާއްޖެއަށް އެތެރެ ކުރިން މުދަލުގެ ތެރެއިން ޔޫއޭއިން 18 ޕަސެންޓް މުދާ ވަނީ އެތެރެކޮށްފައެވެ.

އެ ހިސާބުތައް ދައްކާ ގޮތުން އިމްޕޯޓް ޑިއުޓީ އާއި އެހެނިހެން ފީގެ ގޮތުގައި ލިބުނު މިންވަރުވެސް ވަނީ އިތުރުވެފައެވެ، އެގޮތުން މިދިޔަ މަހު ވަނީ 280 މިލިއަން ރުފިޔާ ޑިއުޓީ އާއި އެހެނިހެން ފީތަކުގެ ގޮތުގައި ލިބިފައިވާކަމަށާއި، މިއީ މިދިޔަ އަހަރުގެ އޮގަސްޓް މަހު އިމްޕޯޓް ޑިއުޓީގެ ގޮތުގައި ލިބުނު ވަރާއި ބަލާއިރު، 14 ޕަސެންޓް އިތުރުވުމެއްކަމަށް ބުނެފައި ވެއެވެ.

އެ ހިސާބުތައް ދައްކާ ގޮތުން މިދިޔަ މަހު ރާއްޖެއިން އެކްސްޕޯޓް ކުރި މުދަލުގެ މިންވަރު ވަނީ މަދުވެފައެވެ. މިދިޔަ އަހަރުގެ އޮގަސްޓް މަހު 315 މިލިއަން ރުފިޔާ ރާއްޖެއިން ބޭރަށް އެކްސްޕޯޓް ކޮށްފައިވާއިރު، މިދިޔަ މަހު އެކްސްޕޯޓްކުރީ 259 މިލިއަން ރުފިޔާގެ މުދަލެވެ.