(ހދ. ކުޅުދުއްފުށި) ދައުލަތުގެ ބަޖެޓުން ޚަރަދުކޮށްގެން ކުޅުދުއްފުށީގައި އަޅަމުންދާ އެއަރޕޯޓަށް ބޭނުންވާ ސަރަޙައްދުގައި ހުރި ބައެއް ގެތައް ތަޅާލުމުގެ މަސައްކަތް ފަށައިފިއެވެ. އެގޮތުން، ރަންވޭއާ އެންމެ ކައިރީގައި ހުރި ގެ، އިއްޔެވަނީ ތަޅާލާފައެވެ.

ކުޅުދުއްފުށީގެ މަށި ކުޅިންނާއި ފަޅުން ބައެއް ހިއްކައިގެން ތަރައްޤީކުރުމުގެ މަސައްކަތް ކުރަމުންދާ މި އެއަރޕޯޓުގެ ސަރަޙައްދަށް އަރަނީ 18 ގެއެކެވެ. އެގެތަކުގެ ތެރެއިން މީހުން ދިރިއުޅެނީ އެންމެ ނުވަ ގެއެއްގައެވެ. މި ގެތައް ހުސްކުރުމަށް ރީޖަނަލް އެއަރޕޯޓްސް އޮތޯރިޓީ އިން މުހުލަތެއް ދީފައިވެއެވެ. އަދި، އެމައްސަލަ ކުޅުދުއްފުށީ މެޖިސްޓްރޭޓް ކޯޓަށް ހުށަހަޅައިގެން ކުރިއަށް ގެންގޮސްފައި ވެސް މެއެވެ.

ކުޅުދުއްފުށީ އެއަރޕޯޓުގެ ރަންވޭގެ ބައެއްގައި ތާރު އަޅާ، އެހެން ބައެއްގައި ތާރު އެޅުމަށް ތައްޔާރުކޮށްފައި- ވަގުތު އިމޭޖަސް: އިބްރާހީމް މުޙައްމަދު

މައުލޫމާތު ލިބިފައިވާ ގޮތުގައި ކޯޓުން ދައުލަތަށް އަންގާފައިވަނީ، އެގެތަކުގެ ބަދަލަށްވާ އަގު ދިނުމާއި، އަށް މަސް ދުވަހުގެ މުއްދަތަކަށް، 10،000 ރުފިޔާއަށް ވުރެ ބޮޑު ނޫން އަދަދެއްގެ ކުލި ދިނުމަށެވެ. އަދި، މި ގެތަކުގެ ބަދަލުގައި އެހެން ގެތަކެއް އެޅުމަށް، ކުޅުދުއްފުށީގެ ބިމުން ގެވަޅު ދިނުމަށްވެސް އަންގާފައިވެއެވެ. 18 ގެ ހުސްކުރަން ޖެހުނުކަމުގައިވިޔަސް، ކޯޓުގެ ނިންމުމަށް ބޯލަނބާފައިވަނީ 16 ގެއަކުންނެވެ. އަނެއް ދެ ގޭގެ ވެރިންވަނީ މައްސަލަ އިސްތިއުނާފު ކޮށްފައެވެ.

ހުސްކުރަން އަންގާފައިވާ ގެތަކުގެ ތެރެއިން ބައެއް ގެތަކުން މީހުންވަނީ ނިކުމެފައެވެ. އަދި، އެގެތަކުގައި އެފަރާތްތަކުން ގެންގުޅިފައިވާ ފަރުނީޗަރާއި އެނޫންވެސް ހިފާ ތަކެތިވަނީ އެތަންތަނުން ނެރެފައެވެ. ހަމައެހެންމެ، ގެތަކުގައި ބޭނުންކޮށްފައިވާ ޓިނުވެސް ނައްޓާފައިވެއެވެ.

އެއަރޕޯޓު ސަރަޙައްދަށް އަރާ ގެއެއްގެ ފުރާޅުން ޓިނުތައް ނަގާ، ގެ ހުސްކޮށްފައި- ވަގުތު އިމޭޖަސް: އިބްރާހީމް މުޙައްމަދު

ގެތައް ތަޅާލުމުގެ މަސައްކަތް ފަށާފައިވާއިރު، އެއަރޕޯޓުގެ ރަންވޭގެ މަސައްކަތް ދަނީ ބާރު ސްޕީޑެއްގައި ކުރަމުންނެވެ. އެގޮތުން، ރަންވޭގެ އެއްފަޅީގައި އެއްކޮށް ތާރު އަޅާ ނިންމާލާފައިވާ މަންޒަރު، މިއަދު ފެނިފައިވެއެވެ. އަދި، އެހެން ފަޅިތަކުގައި ތާރު އެޅުމުގެ މަސައްކަތް، މިހާރުވެސް ދަނީ ބާރު ސްޕީޑުގައި ކުރަމުންނެވެ.

ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ޤައްޔޫމް ވިދާޅުވެފައިވަނީ މި މަހުގެ 23 ވަނަ ދުވަހު އޮންނަ ރިޔާސީ އިންތިޚާބުގެ ކުރިން، ކުޅުދުއްފުށީ އެއަރޕޯޓަށް ޓެސްޓު ފްލައިޓު ޖެއްސޭނެކަމުގައެވެ. އަދި، އަމާޒަށް ވާސިލުވުމަށް، މަސައްކަތް ކުރަމުންދާ އެމްޓީސީސީ އިން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.