ހދ. ކުޅުދުއްފުށީގައި ދިމާވެފައިވާ ކުނީގެ މައްސަލަ ހައްލު ކުރުމަށް ވެމްކޯއިން ފަށާފައިވާ މަސައްކަތުގެ ތެރެއިން، އެ ރަށުގެ ކުނިކޮއްޓަށް ޖަމާވެފައިވާ ކުނިތައް ނެގުމަށްޓަކައި ކޮޅުވެއްޓިއެއް މިއަދު އެރަށަށް ދިއުމަށް ފުރާފައިވާކަމަށް ވެމްކޯއިން ބުނެފިއެވެ.

ވެމްކޯއިން ބުނީ، މިއަދު ކޮޅުވެއްޓި އެރަށަށް ދާން ފުރާފައިވާއިރު، ކޮޅުވެއްޓި އެރަށަށް ގޮސް ވަރަށް އަވަހަށް އެ މަސައްކަތް ކުރަމުންދާނެ ކަމަށެވެ.

 

ވެމްކޯ އިން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ، ކުޅުދުއްފުށި ކުށި ކޮށި ސަރަހައްދުގައި ޖަމާވެފައިވާ ކުނިތައް ހުސްކުރުމަށް މަސައްކަތް ކުރުމަށް މިދިޔަ އޮގަސްޓް މަސް ތެރޭގައި އެރަށަށް ހާއްސަ ޓީމެއް ފޮނުވި ކަމަށެވެ.

އެގޮތުން އެރަށުގެ ކުނިކޮއްޓަށް ގިނަ އަދަދަކުން ކުނި ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާތީ، އެ ތަން ސާފް ކުރުމަށް ކޮޅުވެއްޓިއަށް އެ ރަށަށް ގެންދަން ނިންމީކަމަށް ވެމްކޯއިން ބުންޏެވެ.

ރައީސުލް ޖުމްހޫރިއްޔާ އަބުދުﷲ ޔާމީން އަބުދުލް ގައްޔޫމު ދާދިފަހުން ކުޅުދުއްފުއްޓަށް ކުރެއްވި ދަތުރުފުޅެއްގައި ވާހަކަދައްކަވަމުން ވަނީ ކުޅުދުއްފުށީގެ ކުނީގެ މައްސަލަ ހައްލުކުރުމަށް ވެމްކޯއާ ހަވާލުކުރާނެ ކަމަށް ވިދާޅުވެފައެވެ.

"ވަގުތު" އާ ވާހަކަދައްކަމުން ވެމްކޯގެ މެނޭޖިންގ ޑައިރެކްޓަރ، މުހައްމަދު ޝިފާއު ވިދާޅުވީ، ވެކްމޯއިން އެރަށުގެ ކުނި މެނޭޖް ކުރަން ފެށުމަށް ތައްޔާރީތައް ވަމުން އަންނަ ކަމަށެވެ. އެހެން ނަމަވެސް، އެރަށުގެ ކުނި މެނޭޖް ކުރުމަށް ރަސްމީކޮށް ވެމްކޯއާއި އަދި ހަވާލުކޮށްފައެއް ނުވެއެވެ.

ޝިފާއު ވިދާޅުވީ، އެރަށުގެ ކުނި މެނޭޖް ކުރުމަށް ތައްޔާރީތައް ވަމުންދާއިރު، މިހާރުން މިހާރަށް ކުރަން ޖެހޭ ކަންތައްތައް ކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

"ކުނިގޮނޑު އެއްކޮށް އެ އޮތީ ފުރިފައި. އަޅުގަނޑުމެންނަށް މަސައްކަތެއްވެސް ކުރެވެން އަންނަނީ އެ ކުނިގޮނޑު އެއްކޮށް ސާފު ކޮށްގެން. އެހެންވީމަ މިއަދު މި ލޭންޑިންގ ކްރާފްޓް ފުރުވައިގެން މި އުޅެނީ އެތަނުގައި ހުރި ކުނިތައް ނެގުމަށް". ޝިފާއު ވިދާޅުވިއެވެ.

ޝިފާއު ވިދާޅުވީ، ގާތްގަނޑަކަށް ދެ މަސް ދުވަހުގެ ތެރޭގައި އެ މަަސައްކަތް އެއްކޮށް ނިންމާލެވޭނެ ކަމަށެވެ. އަދި މިހާރުވެސް ޕެރެލަލްކޮށް އެތަނުގެ އޮޕަރޭޝަންތައް ފެށުމަށް ތައްޔާރުވަމުން އަންނައިރު، އެރަށަށް ބޭނުންވާ މެޝިނަރިޒް އާއި ވެހިކަލްތަށް އެރަށަށް ގެންދާނެކަމަށް ޝިފާއު ވިދާޅުވިއެވެ.

ވެމްކޯއިން އެރަށުގެ ކުނީގެ ނިޒާމް ބެލެހެއްޓުމުގެ ކަންކަން ހަވާލުމުގެ މަސައްކަތް ކުރަމުން އަންނައިރު، އެ ކުންފުނީގެ އުއްމީދަކީ މިހާރަށްވުރެ ރަނގަޅަށް އެރަށުގެ ކުނީގެ ކަންތައް ބަލަހައްޓައި، މެނޭޖް ކުރުމެެވެ.