މިދިޔަ މަހު މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) މެދުވެރިކޮށް ދައުލަތަށް އެއް ބިލިއަން ރުފިޔާގެ އާމްދަނީއެއް ލިބިއްޖެއެވެ.

މީރާއިން އާންމުކުރި ތަފާސް ހިސާބުތައް ދައްކާ ގޮތުން މިދިޔަ މަހު ލިބުނު އެއް ބިލިއަން ރުފިޔާގެ އާމްދަނީގެ ތެރެއިން އެމެރިކާ ޑޮލަރުން 38.5 މިލިއަން (593 މިލިއަން ރުފިޔާ) ލިބުނެވެ. އަދި މިއީ މިދިޔަ މަހު ލިބޭނެ ކަމަށް ލަފާކުރި އަދަދަށް ވުރެ 16 ޕަސެންޓް އިތުރު އަދަދެއް ނަމަވެސް، މިއީ މިދިޔަ އަހަރުގެ އޮގަސްޓް މަހާއި އަޅާބަލައިރު، މަދު އަދަދެކެވެ.

މީރާ އިން ބުނީ، އަންދާޒާ ކުރިވަރަށްވުރެ ގިނައިން މިދިޔަ މަހު އާމްދަނީ ލިބިފައި ވަނީ، ރާއްޖެ ޒިޔާރަތްކުރި ޓޫރިސްޓުންގެ އަދަދު 10 ޕަސެންޓް މައްޗަށް ދިއުމާއި އަދި ޓެކްސްތަކުގެ ފީތައް އިތުރުވުމާއި، ޓޫރިޒަމްގެ ބޭނުމަށް ކުއްޔަށް ދޫކުރި ތަންތަނުގެ ލީޒް މުއްދަތު އިތުރުކުރުމުގެ ފީ އިން ކަމަށެވެ.

މީރާ އިން ބުނީ، މިދިޔަ މަހުގެ އާމްދަނީގެ އެންމެ ބޮޑު ބައެއް ހިއްސާކުރަނީ މުދަލާއި ޚިދުމަތުގެ އަގުން ނަގާ ޓެކްސް (ޖީއެސްޓީ) އިން ކަމަށެވެ. އެގޮތުން ޖީއެސްޓީގެ ގޮތުގައި އެކަނި ވެސް 529 މިލިއަން ރުފިޔާ ލިބުނުކަމަށް ބުނެފައި ވެއެވެ. އަދި އާމްދަނީގެ ދެވަނަ އަށް އެންމެ ބޮޑު ޕަސެންޓެއް ހިއްސާ ކުރާ ވިޔަފާރީގެ ފައިދާ އިން ނަގާ ޓެކްސް (ބީޕީޓީ)އިންނެވެ. ބީޕީޓީގެ ގޮތުގައި 121 މިލިއަން ރުފިޔާ ލިބުނެވެ.

އަދި ލީސް މުއްދަތު އިތުރު ކުރުމުގެ ފީގެ ގޮތުގައި 76 މިލިއަން ރުފިޔާ ލިބުނުއިރު، ގްރީން ޓެކްސްގެ ގޮތުގައި 62 މިލިއަން ރުފިޔާ އާއި، އެއާޕޯޓް ޑެވެލޮޕްމެންޓް ފީގެ ގޮތުގައި، 49 މިލިއަން ރުފިޔާ، އަދި އެހެނިހެން ޓެކުހުގެ ފީގެ ގޮތުގައި، 172 މިލިއަން ރުފިޔާ ހިމެނެއެވެ.