ހދ. ކުޅުދުއްފުށީގައި ދިމާވެފައިވާ ކުނީގެ މައްސަލަ ހައްލު ކުރުމަށް ވެމްކޯއިން ފަށާފައިވާ މަސައްކަތުގެ ތެރެއިން، އެ ރަށުގެ ކުނިކޮއްޓަށް ޖަމާވެފައިވާ ކުނިތައް ނެގުމުގެ މަސައްކަތް މިއަދު ފަށައިފިއެވެ.

ވެމްކޯއިން ބުނީ މި މަސައްކަތަށް ބޭނުންވާ ކޮޅުވެއްޓިވެސް އެރަށް ގޮސްފައިވާ ކަމަށެވެ. އަދި މަސައްކަތުގެ ދުވެލި ހަލުވި ކުރުމަށް އިތުރު ކޮޅުވެއްޓިއެއް އެރަށް ގެންދިޔުމަށް ނިންމާފައިވާކަމަށް ވެމްކޯ އިން ބުންޏެވެ.

ރައީސުލް ޖުމްހޫރިއްޔާ އަބުދުﷲ ޔާމީން އަބުދުލް ގައްޔޫމު ދާދިފަހުން ކުޅުދުއްފުއްޓަށް ކުރެއްވި ދަތުރުފުޅެއްގައި ވާހަކަދައްކަވަމުން ވަނީ ކުޅުދުއްފުށީގެ ކުނީގެ މައްސަލަ ހައްލުކުރުމަށް ވެމްކޯއާ ހަވާލުކުރާނެ ކަމަށް ވިދާޅުވެފައެވެ.

އެހެންވެ ވެމްކޯއިން މިހާރު ދަނީ އެރަށުގައި ކުނި މެނޭޖް ކުރުމަށްޓަކައި ކުރަން ޖެހޭ ކަންކަން ކުރަމުންނެވެ.

ވަގުތު" އާ ވާހަކަދައްކަމުން ވެމްކޯގެ މެނޭޖިންގ ޑައިރެކްޓަރ، މުހައްމަދު ޝިފާއު އިއްޔެ ވިދާޅުވީ، ގާތްގަނޑަކަށް ދެ މަސް ދުވަހުގެ ތެރޭގައި އެ މަަސައްކަތް އެއްކޮށް ނިންމާލެވޭނެ ކަމަށެވެ. އަދި މިހާރުވެސް ޕެރެލަލްކޮށް އެތަނުގެ އޮޕަރޭޝަންތައް ފެށުމަށް ތައްޔާރުވަމުން އަންނައިރު، އެރަށަށް ބޭނުންވާ މެޝިނަރިޒް އާއި ވެހިކަލްތަށް އެރަށަށް ގެންދާނެކަމަށް ޝިފާއު ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު