"ދިރާގު މޯލްޑިވްސް އޭރޯޕްރެސް ޗެމްޕިއަންޝިޕް 2018 - އަ ގެދަރިންގ ފޯރ ކޮފީ ލަވަރސް" ގެ އެއްވަނައަށް ރަހްމާ މުހްމޫދު (ރަހޫ) ހޮވިއްޖެވެ. އޭނާ ވެގެންދާނީ އޮސްޓްރޭލިއާގެ ސިޑްނީގައި އޮންނަ ވޯރލްޑް އޭރޯޕްރެސް ޗެމްޕިއަންޝިޕްގައި ރާއްޖެ ތަމްސީލު ކުރާނެ ބައިވެރިޔާ އަށެވެ.
ވޯލްޑް އޭރޯޕްރެސް ޗެމްޕިއަންޝިޕް އަކީ ދުނިޔޭގެ މަޤުބޫލުކަން ލިބިފައިވާ ކޮފީ އިވެންޓެކެވެ. އެންމެ ފުރަތަމަ 2010 ގައި ލަންޑަން ގައި ފެށި މިމުބާރާތް ކޮންމެ އަހަރަކުވެސް ތަފާތު ޤައުމެއްގެ ތަފާތު ސިޓީއެއްގައި ބާއްވައެވެ.
މިއަހަރު ސިޑްނީގައި ބާއްވާ މުބާރާތުގައި ތަފާތު 50 ޤައުމެއްގެ ޗެމްޕިއަނުން ވާދަކުރާއިރު، ރަހޫ ސިޑްނީއަށް ދާނީ ރާއްޖެ ތަމްސީލު ކުރާށެވެ.
މިއަދު ހަވީރު 15:30 އިން ރަސްރަނި ބަގީޗާގައި ފެށި މި މުބާރާތުގައި 15 މީހަކު ވަނީ ބައިވެރިވެފައެވެ. މިރޭ ރަސްރަނީގައި ކުރިއަށްދިޔައީ މި މުބާރާތުގެ ސެމީ ފައިނަލް އާއި ފައިނަލްއެވެ. ސެމީ ފައިނަލްގައި ފަސް މީހަކު ވަނީ ވާދަކޮށްފައެވެ.
އެ ފަސް ފައިނަލިސްޓުންނަކީ، ނާފިއު، އަބްދުލް މުމިތް، ރަހޫ، ހައްވާ ޝަހާ (ޝާ) އަދި މިރާޝްއެވެ. މީގެ ތެރެއިން ސެމީ ފައިނަލްގެ ފުރަތަމަ ރައުންޑްގައި ވާދަކޮށްފައި ވަނީ ޝާ، ނާފިއު އާއި މިރާޝް އެވެ. ދެ ވަނަ ރައުންޑްގައި ވާދަކޮށްފައި ވަނީ ރަހޫ އަދި މުމިތުއެވެ.
ސެމީގެ ދެ ރައުންޑުން ނާފިއު، މުމިތް އަދި މިރާޝް ކަޓުވާލުމަށްފަހު މި މުބާރާތުގެ ފައިނަލް ރައުންޑްގަައި ވާދަކޮށްފަައި ވަނީ ޝާ އާއި ރަހޫއެވެ. މި މުބާރާތުގެ ދެވަނައަށް ޝާ ހޮވިގެންދިޔައިރު، ތިން ވަނައަށް ހޮވިފައި ވަނީ މުމިތުއެވެ.
ދިރާގުގެ ޕްރޮޑަކްޝަން އެންޑް ޑިވެލޮޕްމެންޓް މެނޭޖަރ މުހައްމަދު ފާހިރު ވިދާޅުވީ، މިއީ ޒުވާނުންނަށް އެ މީހުންގެ ހުނަރު ދައްކާލުމަށް ހުޅުވިގެންދާ ވަރަށް ރަނުގެ ފުރުސަތެއް ކަމަށާއި ދިރާގުން މިފަދަ އިވެންޓެއްގައި ބައިވެރިވީ ޒުވާނުންނަށް ފުރުސަތުތަކެއް ހޯދާދިނުމަށް ކަމަށެވެ.
“މިފަދަ އިވެންޓެއް ހޯސްޓް ކުރުމުގެ ފުރުސަތު އަޅުގަނޑުމެންނަށް ލިބުމަކީ ވަރަށް ބޮޑު އުފަލެއް. އެއީ މިފަދަ އޮޕަޗުނިޓީއެއް ދިވެހި ޒުވާނުންނަށާއި ކޮފީ ކަމުދާ މީހުންނަށް ހުޅުވާލަދެވުނީތީ" ފާހިރު ވިދާލުވިއެވެ.
ފާހިރު ވިދާޅުވީ، ވަރަށް ފަހަކާއި ޖެހެންދެން ކޮފީއަކީ ހަމައެކަނި ކޮންމެ ދުވަހަކު ބޯން އެކަނި ހުންނަ އެއްޗެއްކަމަށް ގިނަ ބަޔަކު ދެކެމުން އައި ކަމަށާއި، އެހެން ނަމަވެސް އެކަން ބަދަލުވެ މިފަދަ އިވެންޓްތަކުގެ ސަބަބުން ކޮފީއަކީ ހަމައެކަނި ކޮފީއަކަށް ނުވެ ގިނަ ފުރުސަތުތައް ހުޅުވާލެވިފައިވާ އެއްޗަކަށްވެފައިވާ ކަމަށެވެ.
ކޮފީ ލެބް ރޯސްޓަރސް ގެ ސީ.އީ.އޯ އަފްރާހް ވިދާޅުވީ، މޯލްޑިވްސް އޭރޯފްރެސް ޗެމްޕިއަންޝިޕް ބާއްވާތާ މިއީ ދެވަނަަ އަހަރު ކަމަށާއި މިދިޔަ އަހަރުގެ މުބާރާތައްވުރެ މި އަހަރުގެ މުބާރާތް ދިރާގުގެ އެހީގައި ފުރިހަމަވެފައި ވަރުގަދަ ކަމަށެވެ. އަދި އެކަމަށްޓަކައި ދިރާގަށް ޝުކުރުވެރިވާކަމަށްވެސް ވިދާޅުވިއެވެ.
އަދި ޒުވާނުންނަށް ފުރުސަތު ދިނުމުގެ ގޮތުން ބާއްވާ މިފަދަ ހަރަކާތްތަކުގަައި ދިރާގުގެ އެހީލިބޭނެ ކަންވެސް އަފްރާހް ފާހަގަކުރިއެވެ.
މި މުބާރާތް ކުރިއަށްދިޔަ ވަގުތު ނިޝް އާއި މަންދީރާ ބޮޑު ބެރު ގްރޫޕްގެ ހުށަހެޅުންތައް ވަނީ ފެނިގެން ގޮސްފައެވެ. އަދި މި ހަރަކާތުގެ ތެރެއިން ރާއްޖޭގެ ކުރެހުންތެރިންގެ ކުރެހުންތައް ލައިވްކޮށް ދައްކައިދީ އެ ކުރެހުންތައް ވިއްކުމަށްވެސް ފުރުސަތު ދީފައި ވެއެވެ. އަދި މީގެ އިތުރުން، އެކި ބާވަތުގެ ކޮފީ ރަހަ ބަލާލުމުގެ ފުރުސަތުވެސް ދިނެވެ.