މޯލްޑިވްސް ލިވިންގ އެކްސްޕޯ 2018 ފަށައިފިއެވެ.

ހައިރައިޒުން އިންތިޒާމުކޮށްގެން ބާއްވާ މި އެކްސްޕޯ މިއަދު މެންދުރު ފެށިއިރު، ތިން ދުވަހުގެ މުއްދަތަކަށް މި އެކްސްޕޯ ކުރިއަށްދާނެއެވެ. މިއަދު ނޭޝަނަލް އާޓް ގެލަރީގައި ބޭއްވި ރަސްމިއްޔާތެއްގައި މި އެކްސްޕޯ ހުޅުވައިވެއްދީ މޯލްޑިވްސް ފައިނޭންސް އެންޑް ލީސިންގ ކޮމްޕެނީގެ ޑެޕިޔުޓީ ޑައިރެކްޓަރ އަދި ސީއީއޯ މުހައްމަދު ގިޔާސްއެވެ.

އެކްސްޕޯ ކުރިޔަށްދާ ގަޑިތަކަށް ބަލާއިރު، މިއަދު މެންދުރު ފަހު 2:00 އިން އިރުއޮއްސި 6:00 އަށް އަދި ރޭގަނޑު 8:00 އިން 11:00 އަށް ކުރިއަށްދާނެއެވެ. އަދި މާދަމާ ހަވީރު 4:00 އިން އިރުއޮއްސި 6:00 އަށް، އަދި ރޭގަނޑު 8:00 އިން 11:00 އަށް ކުރިއަށްދާނެއެވެ. އަންނަ ހޮނިހިރު ދުވަހަކީ މި އެކްސްޕޯ އޮންނަ އެންމެ ފަހު ދުވަހެވެ. އެ ދުވަހުމެންދުރުފަރު 2:00 އިން އިރުއޮއްސި 6:00 އަށް، އަދި ރޭގަނޑު 8:00 އިން 11:00 އަށް މި އެކްސްޕޯ ކުރިއަށްދާނެއެވެ.

ލިވިން އެކްސްޕޯ 2018 ފެށުމުގެ ރަސްމިއްޔާތު - ވަގުތު އިމޭޖްސް: އަމީން ފަހުމީ

މޯލްޑިވްސް ލިވިންގ އެކްސްޕޯގެ މިފަހަރުގެ މެއިން ސްޕޮންސަރަކީ ކޮލަންބޯގައި ރިއަލް އެސްޓޭޓްގެ ޚިދުމަތް ދިނުމުގައި މިހާރު އެންމެ ކުރިއަރާފައިވާ އެއް ކުންފުނިކަމަށްވާ ކޮލަންބޯ ސިޓީ ސެންޓަރެވެ. މި އެކްސްޕޯގެ ކޯސްޕޮންސަރަކަށް ކޮރަލް ބްލެވަރޑް ހަމަޖައްސާފައިވާއިރު ހޮސްޕިޓަލިޓީ ޕާޓްނަރަކީ ޗަންޕާ ސެންޓްރަލް ހޮޓެލްއެވެ.

ލިވިން އެކްސްޕޯ 2018 ފެށުމުގެ ރަސްމިއްޔާތު - ވަގުތު އިމޭޖްސް: އަމީން ފަހުމީ

މި އެކްސްޕޯގެ ޒަރިއްޔާއިން ދިވެހިންނަށް އެޕާޓްމެންޓްސް ބެލުމާއި، ރެޖިސްޓަރކުރުމުގެ ފުރުސަތު ލިބޭނެއެވެ. އަދި ރާއްޖެ އާއި ރާއްޖެއިން ބޭރުގެ ޕްރޮޕަޓީސްތަކުގެ އަގުވެސް އެއްތަނަކުން ބަލާލެވޭނެކަމަށް ހައިރައިޒްއިން މައުލޫމާތުދެއެވެ.

މިފަހަރު އެކްސްޕޯގެ ތެރެއިންވެސް ވިޒިޓް އެންޑް ވިންގެ ނަމުގައި ގިނަ ލަކީޑްރޯތަކެއް ކުރިއަށްދާނެއެވެ. އެ ލަކީ ޑްރޯއިން ހޮވޭ ފަރާތްތަކަށް މުނި ހޯމްކެއާ އަދި ލިންޓެލް އިންވެސްޓްމަންޓް އެންޑް މެނޭޖްމަންޓް ސާވިސްގެ ފަރާތުން ހުށަހަޅާފައިވާ އިނާމުތައް ލިބޭނެއެވެ.

އޭގެ

ތެރޭގައި ބެޑްރޫމް ސެޓު، ސޯފާ ސެޓު އަދި ޑައިނިން ޓޭބަލް ފަދަ އަގުހުރި އިނާމުތައް ހިމެނެއެވެ.

މިފަހަރުގެ އެކްސްޕޯގައި 28 ވުރެ ގިނަ ފަރާތުން ބައިވެރިވާނެކަމަށް ހައިރައިޒުން ބުނެއެވެ.

ހައިރައިޒްއިން ލިވިންގ އެކްސްޕޯ ކުރިއަށްދާތާ މިއީ ހަ ވަނަ އަހަރެވެ.