ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްވެގެން ދާނީ މި ސަރަހައްދުގައިވެސް އެހެން ގައުމުތަކަށް ހުރި ނަމޫނާއަކަށް ކަމަށް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް)ގެ މެނޭޖިންގ ޑިރެކްޓަރ އާދިލް މޫސާ ވިދާޅުވެއްޖެއެވެ.

މިއަދު ހަވީރު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގެ ރަންވޭ ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އާދިލް ވިދާޅުވީ، ރައީސް ޔާމީންގެ އިގްތިސާދީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްވެގެން ދާނީ މި ސަރަހައްދުގައިވެސް ނަމޫނާއަކަށް ކަމަށެެވެ. އަދި އާ ރަންވޭއަކީ މި ސަރުކާރުން އިގްތިސާދަށް އަޅައިދިން އާ ފާލަމެއް ކަމަށްވެސް އާދިލް ވިދާޅުވިއެވެ. އަދި އެއާލައިންތަކަށާއި، ދަތުރުވެރިންނަށް ފޯރުކޮށްދިން އާ ޔަގީންކަމެއް ކަމަށެވެ.

"ކުރިއަށް އޮތް ދެ ތިން އަހަރުގެ ތެރޭގައި އާ ޓާމިނަލްގެ މަސައްކަތް ނިމުމާއެކު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް ފެންނާނީ ރައީސް ޔާމީންގެ ޗާލު ނަލަ އިގްތިސާދީ ދުވެލީގެ އެންމެ ހިތްގައިމު އެއް މަންޒަރުގެ ގޮތުގައި". އާދިލް ވިދާޅުވިއެވެ.

އާދިލް ވިދާޅުވީ، ޖީއެމްއާރް އަތުން އެއާޕޯޓް ނަގާ ސަރުކާރުން އެ އެއާޕޯޓް ހިންގަން އެމްއޭސީއެލްއާ ހަވާލުކުރުމަކީ ދިވެހިންނަށް ލިބިގެން ދިޔަ ކާމިޔާބީއެއް ކަމަށެވެ.

"މި ކާމިޔާބީގެ ވަރަށް ކުޑަކުޑަ މިސާލެއް ދަންނަވާލާނަން. ޖީއެމްއާރްއަށް އެއާޕޯޓްދިން ފުރަތަމަ އަހަރު އެމްއޭސީއެލްއަށް ލިބުނީ އެންމެ 15 މިލިއަން ދިވެހި ރުފިޔާ. މިއަދު އެމްއޭސީއެލްގެ ފައިދާ އަހަރަކު އިތުރަށް ލިބޭކަން މި ފުރުސަތުގައި ފާހަގަކޮށްލަން". އާދިލް ވިދާޅުވިއެވެ.

އާދިލް ވިދާޅުުވީ، ވެލާނާ އެއާޕޯޓުން މި ފެންނަ ތަރައްގީގެ މޭސްތިރިއަކީ ރައީސް އަބްދުﷲ ޔާމީން ކަމަށެވެ. އަދި މިއީ އެމަނިކުފާނުގެ ދުރުވިސްނުމުގެ ނަމޫނާއެއް ކަމަށާއި، މި ސަރުކާރުން ނޫނީ އެއާޕޯޓްގެ ތަރައްގީއަށް މިހާ ކުރު މުއްދަތެއްގައި މިހާބޮޑު ހޭދައެއްކޮށްފައި ނުވާނެ ކަމަށް އާދިލް ވިދާޅުވިއެވެ.

ކުރީގެ ސަރުކާރުތަކުން އެއާޕޯޓް ތަރައްގީ ކުރަން މާބޮޑު ކަމެއްކޮށްފައި ނުވާކަން ފާހަގަކުރަމުން އާދިލް ވިދާޅުވީ، ކުރީގެ ސަރުކާރު ތަކުން އެއާޕޯޓް ތަރައްގީ ކުރުމަށް އެކި ފޭސްތަކަށް ހޭދަކޮށްފައި ވަނީ އެންމެ ފަސް މިލިއަން ޑޮލަރު ކަމަށެވެ.

"އެކަމަކު މިއަދު އަޅުގަނޑުމެން މި ހެކި ވަނީ އެއް ބިިލިއަން ޑޮލަރުގެ މަޝްރޫއެއްގެ އެއްބައި ނިންމުން. ރަންވޭ ހަދާފައި އެވަނީ ދުނިޔޭގެ ކުރިއަރާފައިވާ ގައުމުތަކުގެ ތަޖުރިބާކާރުންގެ ބެލުމުގެ ދަށުންކަން އަޅުގަނޑު ފާހަގަކޮށްލަން. އެހެންކަމުން ރަންވޭގެ ކޮލެޓީއާއި ދޭތެރޭ ސުވާލެއް ނެތް. އަދި އެއާޕޯޓުގެ މުޅި ތަރައްގީ ކުރިއަށްގެންދަނީ އެ ކޮލެޓީ ކަށަވަރުކޮށް ދުރު މުސްތަގުބަލަށް ބިނާކޮށް". އާދިލް ވިދާޅުވިއެވެ.

އާދިލް ވިދާޅުވީ، ރައީސް ޔާމީންގެ ވިސްނުން ހުރީ އެއާޕޯޓްގެ މަޝްރޫއު ނިންމާ، 1.5 މިލިއަން ފަތުރުވެރިން އަހަރެއްގެ ތެރޭގައި އަންނަ ރާއްޖެއަށް، 7.5 މިލިއަން ފަތުރުވެރިން އަހަރެއްގެ ތެރޭގައި ގެނައުން ކަމަށެެވެ. އަދި ތަރައްގީވެ ނިމޭ ފުރަތަަމަ އަހަރުވެސް 3000 ވަޒީފާ އެއާޕޯޓްގައި އުފެދިގެންދާނެކަމަށްވެސް އާދިލް ފާހަގަކުރެއްވިއެެވެ.

އާދިލް ވިދާޅުވީ، އެމްއޭސީއެލްއަށް އެވަރުގެ ބޮޑު ލޯނެއް ރާއްޖެއިން ބޭރުގެ ބޭންކްތަކުން ދޭނީ އެ ކުންފުނީގައި، އެ ލޯންތައް ދެއްކޭނެކަމުގެ ގާބިލްކަން ހުރުމުން ކަމަށާއި، އެ ފައިސާ އަނބުރާ ދެެއްކޭނެ ވަރުގެ ގާބިލްކަން އެމްެއޭސީއެލްގައި އެބަހުރި ކަމަށެވެ.

"އަޅުގަނޑު ޔަގީންކަން އަރުވަން ރައީސް އަބްދުﷲ ޔާމީން އެންމެ ބޮޑު އިސްކަމެއް ދެއްވައިގެން ބޮޑު މަޝްރޫއުތައް ކުރިއަށްއެގެންދަވަނީ އެމަނިކުފާނަށް އޭގެ ގައުމީ ފައިދާ އެނގިވަޑައިގަންނަވާތީ. އެމްއޭސީއެލް ހިންގަން ތިބި ވެރިންނާއި، 2500 މުވައްޒަފުން ރެއާއި ދުވާލު މަސައްކަތް ކުރަމުން އެ ގެންދަވަނީ ރާއްޖޭގެ ތާރީހުގައިވެސް ހިންގާ އެންމެ ބޮޑު މަޝްރޫއަކީ މިވަގުތު ގައުމަށް ބޭނުންކަމެއްކަން ދެނެ ތިބެ.". އާދިލް ވިދާޅުވިއެވެ.

އާދިލްގެ ވާހަކަފުޅުގައި، ސަަރުކާރުގެ އިސްވެރިންނަށާއި، ކުންފުނީގެ އިސްވެރިންނަށް އަދި ކުންފުނީގެ މުވައްޒަފުންނަށް ވަނީ ޝުކުރު އަދާކުރައްވަފައެވެ.