ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގައި އޯވާ ވޯޓަރ ޝޮޕިންގ ސެންޓަރެއް ގާއިމް ކުރުމުގެ ކޮންސެޕްޓްގެ މަސައްކަތް ކުރަމުން އަންނަ ކަމަށް އިކޮނޮމިކް މިނިސްޓަރ މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.

ވެލާނާ އެއާޕޯޓުގެ ވޯޓާ ފްރޮންޓް ރެސްޓޯރެންޓްތައް ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މިނިސްޓަރ ސައީދު ވަނީ ވަރަށް ބޮޑަށް އެއާޕޯޓްގައި މިހާރު ކުރެވެމުންދާ ތަރައްގީގެ މަޝްރޫއުތަކަށް ވަކިވަކިން އަލި އަޅުވާލާ ވާހަކަދައްކަވާފައެވެ.

އެގޮތުން ރައީސް އަބްދުﷲ ޔާމީންގެ ވިސްނުންފުޅުގައި ވެލާނާ އެއާޕޯޓް ތަރައްގީ ކުރުމުގައި، ހާއްސަ ކަންތައްތަކެއް ހުންނަކަމަށް ވަނީ ވިދާޅުވެފައެވެ. އެގޮތުން ވެލާނާ އެއާޕޯޓްގައި އޯވާ ވޯޓާ ޝޮޕިންގ ސެންޓަރއެއް ގާއިމް ކުރުމުގެ ވިސްނުން ގެންގުޅުއްވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

"މިހާރު އަޅުގަނޑުމެން އަތުގައި މި ސަރަހައްދުގެ ތަސައްވަރު ރައީސް ޔާމީންގެ ވިސްނުންފުޅުގައި، ވެލަނާ އިންޓަނޭޝަނަލް އެއާޕޯޓް ތަރައްގީ ކުރުމަށް ގެންގުޅުއްވާ ތަސައްވަރުގައި އޯވާ ވޯޓާ ޝޮޕިންގ ސެންޓަރއެއް އަޅުގަނޑުމެންނަށް ގާއިމް ކުރުމުގެ ކޮންސެޕްޓް މި ދަނީ ޑެވެލޮޕް ކުރަމުން". މިނިސްޓަރ ސައީދު ވިދާޅުވިއެވެ.

އަދި މި އެއާޕޯޓްގެ ހުރިހާ މަސައްކަތްތަކެއް ނިންމަން ވަގުތުތަކެއް ނަގާނެ ކަމަށާއި، ވަކިވަކި ޕްރޮޖެކްޓްތަކަށް ބަހާލައިގެން މަސައްކަތްތައް ކުރިއަށްގެންދަނީވެސް ހިނގަމުންދާ އެއާޕޯޓަކަށް ވާތީކަމަށްވެސް މިނިސްޓަރ ސައީދު ވިދާޅުވިއެވެ.

ވެލާނާ އެއާޕޯޓުގައި މިއަދު ބޭއްވި ރަސްމިއްޔާތުގެ ތެރެއިން - ވަގުތު އިމޭޖެސް: މުހައްމަދު ޖިމީ

"މިހުރިހާ މަސައްކަތްތަކެއް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގައި ނިމޭއިރު، އަޅުގަނޑަށް ކެރިދާނެ ބުނަން، މިއަށްވުރެ ރީތި، މިއަށްވުރެ ހިތްގައިމު އެއާޕޯޓެއް މި ސަރަހައްދުގައި ނޯންނާނެ. އެ ޔަގީންކަން އަޅުގަނޑަށް ކެރޭ ދޭން. އެއަށް ތިބޭފުޅުން ވިދާޅުވާނީ ސިންގަޕޫރް ތޯ ސްވިޒްލޭންޑްތޯ، އެއަށް ޑިބޭޓްކޮށްލައްވާ ތިޔަބޭފުޅުން". މިނިސްޓަރ ސައީދު ވިދާޅުވިއެވެ.

މިނިސްޓަރ ސައީދު ވިދާޅުވީ، މިހާރު އެއާޕޯޓްގައި ކުރިއަށްގެންދާ ބޮޑު މަޝްރޫއުގެ ތެރެއިން މިއަދު ހުޅުވިގެން މި ދިޔައީ ޕްރޮޖެކްޓްގެ ވަރަށް ކުޑަކުޑަ ތަންކޮޅެއް ކަމަސެވެ.

"މިތަނަަށް އަޅުގަނޑުމެން ބައެއް އިންޓަނޭޝަނަލް ބްރޭންޑްތައް ގެންނަން ދަތިބީ ޖާގަ ކުޑަވީމަ. އެއީ ދިވެހި ރާއްޖެއަށް މިހާތަނަށް ނާންނަ ބައެއް ބްރޭންޑްތައް. މިއަދު ހުޅުވިގެން ދިޔައީ، މި ކެޕޭސިޓީގައި އަޅުގަނޑުމެންނަށް އެސްޓަބްލިޝް ކުރެވޭނެ ބްރޭންޑްތައް". މިނިސްޓަރ ސައީދު ވިދާޅުވިއެވެ.

އަދި އާ ޓާމިނަލްގެ މަސައްކަތް ނިމޭއިރު، މިހާރު ޑިއުޓީ ފްރީގެ ކޮމާޝިއަލް ފްލޯ އޭރިއާ ގާތްގަނޑަކަށް ހަތަރު ގުނައަށް އިތުރުވެގެން ދާނެ ކަމަށާއި، އެއާއެކު މިހާރު ލިބޭ އާމްދަނީ ހަތަރު ގުނައަށް އިތުރުވެގެންދާނެކަމަށް ސައީދު ވިދާޅުވިއެވެ. އަދި އެއާޕޯޓްގައި މިހާރު ހުރި ވީއައިޕީ ޓާމިނަލް ނިމިގެންދާއިރު، އެތަނަކީ މިހާރު ވީއައިޕީ ޓާމިނަލްއަށް ދިމާވާ ގޮންޖެހުންތައް ހައްލުކުރެވި ކޮމާޝަލް ސްޕޭސް އިތުރުކުރެވިގެންދާނެ ކަމަށެވެ.

"އަދި އެތަނަށް އަންނަ ބައެއް ހައި ނެޓްވޯކް އިންޑިވިޖުއަލް ކަސްޓަމަރުންނަށް ފްލައި އޯވާއަކުން ސީދާ ޖެޓީއަށް މަގުމަތި ހުރަސްނުކޮށް ތިރިއަށް ލިފްޓަކުން ފޭބޭނެ އިންތިޒާމް ހަމަޖެހިފައި ހުންނާނެ. އެ މަސައްކަތް އިރާދަކުރެއްވިއްޔާ ވަރަށް އަވަަހަށް ނިމޭނެ". މިނިސްޓަރ ސައީދު ވިދާޅުވިއެވެ.

މިނިސްޓަރ ސައީދު ވިދާޅުވީ، އެއާޕޯޓްގެ ވޯޓާ ފްރޮންޓް ރެސްޓޯރެންޓްގެ ތިރީބައިގާ ހެދޭ ޖެޓީތައް ވަރަށް ބޮޑަށް މޮޑެނައިޒް ކުރެވޭނެ ކަމަށެވެ.