މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (ޢެމްއޭސީއެލް) އިން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގައި ހިންގާ ދޮވެމި ޝޮޕް ބޮޑުކޮށް މިއަދު ހުޅުވައި، ތިން މީހަކަށް ރާއްޖެއިން ބޭރަށް ދެވޭ ހާއްސަ ޕްރޮމޯޝަނެއް ފަށައިފިއެވެ.

މިއަދު ވެލާނާ އެއާޕޯޓްގައި ބޭއްވި ރަސްމިއްޔާތެއްގެ ތެރެއިން އެ ފިހާރަ ހުޅުވައިދެެއްވީ، އިކޮނޮމިކް މިނިސްޓަރ މުހައްމަދު ސައީދު އާއި، އެމްއޭސީއެލްގެ މެނޭޖިންގ ޑިރެކްޓަރ އާދިލް މޫސާއެވެ.

2014 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 14 ވަނަ ދުވަހު ދޮވެމި ޝޮޕް ހުޅުވިގެންދިޔައިރު، ހިދުމަތްދެމުން ދެމުން ދިޔައީ 60 ސްކޮޔާ މީޓަރު ހުރި ކުޑަ ތަންކޮޅެއްގައެވެ. ނަމަވެސް މިއަދު އެތަން ބޮޑުކޮށް ހިދުމަތް ދޭން ފެށިއިރު، މިހާރު އެ ފިހާރާގައި 110 ސްކޮޔާ މީޓަރު ހުންނާނެއެވެ. ލަގްޒަރީ ބްރޭންޑްތަކަށް ހާއްސަކޮށް ހުޅުވި އެ ފިހާރައިން މިހާރުވެސް 25 ބްރޭންޑެއްގެ ތަކެތި ލިބެން ހުންނައިރު، އެ ފިހާރައަށް އަލަށް ބޮޑުކުރެވުނު ބަޔާއެކު، އިތުރު 13 ބްރޭންޑެއްގެ ތަކެތި އެ ފިހާރައިން ލިބޭ ގޮތް ވަނީ ހަމަޖައްސާފައެވެ. އަދި މިހާރު އެތަން ފެންނަނީ ވަރަށް ހިތްގައިމުކޮށް ކަން ފާހަގަކޮށްލަން ޖެހެއެވެ.

ދޮވެމި ޝޮޕް ބޮޑުކުރުމަށްފަހު އަލުން މިއަދު ހުޅުވުން - ވަގުތު އިމޭޖެސް: މުހައްމަދު ޖިމީ

ދޮވެމި ޝޮޕްގެ އަލަށް އިތުރު ކުރެވުނު ބަޔާއެކު ފިހާރަ ވަރަށް ބޮޑުކަމަށް ފަހަގަކުރެވޭއިރު، މިއަދުން ފެށިގެން ކުރިއަށް އޮތް ތިން މަސް ދުވަހަށް ހާއްސަކޮށް ކޮންމެ މަހަކު ނެގޭ ނަސީބުވެރިއަކަށް، ދުބާއި، މެނިއްލާ، ނުވަތަ ބެންގކޮކް ދެކޮޅު ޓިކެޓް ލިބޭ ޕްރޮމޯޝަނެއް ވަނީ ފަށާފައެވެ.

ދޮވެމި ޝޮޕް ބޮޑުކުރުމަށްފަހު އަލުން މިއަދު ހުޅުވުން - ވަގުތު އިމޭޖެސް: މުހައްމަދު ޖިމީ

މި ޕްރޮމޯޝަންގައި ހުރިހާ ދިވެހިންނަށާއި، ވޯކްމާކިޓް ހޯލްޑަރުންނަށް ބައިވެރިވެވޭނެއެވެ. މި ޕްރޮމޯޝަން ކުރިއަށްދާ ގޮތަށް ބަލާއިރު، ވަކި ބްރޭންޑެއްގެ ތަކެތި ގަތުމުން ކޫޕަނެއް ލިބޭނެއެވެ. އަދި ކޮންމެ މަހަކު ހޮވޭ ނަސީބުވެރިއަކަށް ދުބާއި، މެނިއްލާ، ނުވަތަ ބެންގކޮކް އަށް ދިއުމަށް ދެކޮޅު ޓިކެޓް ލިބޭނެއެވެ.

މީގެ އިތުރުން މިއަދު ފޭސްބުކް އަދި ޓްވިޓާގައިވެސް ހާއްސަ ޕްރޮމޯޝަނެއް ފަށަން ތައްޔާރުވަމުން އަންނަކަމަށް އެމްއޭސީއެލް އިން މައުލޫމާތުދެއެވެ.

ދޮވެމި ޝޮޕް ބޮޑުކުރުމަށްފަހު އަލުން މިއަދު ހުޅުވުން - ވަގުތު އިމޭޖެސް: މުހައްމަދު ޖިމީ

ދޮވެމި ޝޮޕްއިން ދުނިޔޭގެ މަޝްހޫރު ބްރޭންޑްތަކުގެ އައިނާއި، ގަޑި، ސެންޓާއި، މޭކަޕް ސާމާނުގެ އިތުރުން، ބޮޑީ ބަޓަރ ފަދަ ތަކެތި ލިބެން ހުރެއެވެ. އަދި އެއާޕޯޓުން ހިދުމަތް ހޯދަން އަންނަ ދަތުރުވެރިންނަށް ފަސޭހަކަމާއެކު ބްރޭންޑެޑް ތަކެތި ލިބޭނެ މަގު ވަނީ ތަނަވަސްކޮށްދީފައެވެ.