ސަރުކާރު ކުންފުނިތަކުގެ ބޯޑުގައި ތިއްބަވާ ބޭފުޅުންގެ ތެރެއިން މިހާރު ވެސް 27 އިންސައްތަ ބޭފުޅުންނަކީ އަންހެން ބޭފުޅުން ކަމަށް ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރޭޝަން ބޯޑުން ވިދާޅުވެއްޖެއެވެ.

ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރޭޝަން ބޯޑްގެ ރައީސް މުހައްމަދު ނިޒާރު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ސަރުކާރު ކުންފުނިތަކުގެ ބޯޑުތަކުގައި މިހާރު 27 އިންސައްތަ ކަނބަލުން އެބަތިއްބަވާ ކަމަށެވެ.

ސަރުކާރު ކުންފުނިތަކުގެ ބޯޑު މެންބަރުންގެ 20 އިންސައްތަ އަންހެނުންނަށް ހެއްދެވުމަކީ ރައީސް ޔާމީން 2013 ވަނަ އަހަރު ވެރިކަމަށް ވަޑައިގެންނެވި އިރު އެމަނިކުފާނުގެ ވައުދެކެވެ. އެވައުދު ރައީސް ޔާމީން މިހާރު މިވަނީ ފުރިހަމަ ކުރައްވާފައެވެ.

ރައީސް ޔާމީން މިފަހަރުގެ ރިޔާސީ އިންތިޚާބާއި ދިމާކޮށް ވައުދުވެ ވަޑައިގެންފައި ވަނީ ކުރިއަށް އޮތް ފަސް އަހަރު ވެރިކަން ކުރުމުގެ ފުރުސަތު ލިބިވަޑައިގެންފިނަމަ ސަރުކާރު ކުންފުނިތަކުގެ ބޯޑުގެ 50 އިންސައްތަ އަކީ އަންހެނުންނަށް ކަމަށް ހެއްދެވުމަށެވެ.

ސިޔާސަތު ކަނޑައަޅާ ލެވަލް އާއި ނިންމުންތައް ނިންމާ ލެވަލްގައި އަންހެން ބޭފުޅުންގެ ބައިވެރިވުން މަދު ވުމަކީ އަންހެނުންގެ ޙައްޤުގައި މަސައްކަތް ކުރާ ފަރާތްތަކުގެ ވަރަށް ބޮޑު ކަންބޮޑުވުމެކެވެ. ރާއްޖޭގައި އަންހެނުން މަތީ ތައުލީމް ހާސިލް ކުރާ މިންވަރު އިތުރުވެ، އަދި ވަޒީފާ އަދާ ކުރާ މިންވަރު ވެސް ވަނީ އިތުރު ވެފައެވެ. ނަމަވެސް މަތީ ވަޒީފާތަކުގައި އަދިވެސް އަންހެނުން އެކަށީގެންވާ އަދަދަކަށް ހަރަކާތްތެރިވާ މަންޒަރެއް ނުފެނެއެވެ.