އެނބޫދޫ ލެގޫންގައި ކުރިއޯ ކަލެކްޝަން ބަލީ ހިލްޓަންއިންވެސް ރިސޯޓެއް ތަރައްގީ ކުރުމަށް ނިންމާފައިވާކަމަށް ރާއްޖެއިން ބޭރުގެ ނޫސްތަކުން ބުނަން ފަށައިފިއެެވެ.

ސާއި ލެގޫން މޯލްޑިވްސްގެ ނަމުގައި އެނބޫދޫ ލެގޫންގައި ތަރައްގީ ކުރަން ނިންމާފައިވާ މި ރިސޯޓްގެ ނިންމުމަށް ހަމަޖެހިފައި ވަނީ އަންނަ އަހަރުގެ ތެރޭގައެވެ.

އެނބޫދޫ މަޝްރޫއު ހިންގަނީ ސިންހާ އެސްޓޭޓް ޕަބްލިކް ކޮމްޕެނީ ލިމިޓެޑުންނެވެ. މިއީ ތައިލެންޑްގެ އެންމެ ވަރުގަދަ ކުންފުނިތަކުގެ ތެރޭގައި ހިމެނޭ ކުންފުންޏެކެވެ. ރިސޯޓް ހަބަރުތައް ގެނެސްދޭ ބޭރުގެ ނޫސްތައް ބުނާގޮތުގައި، އެ ރިސޯޓް ހެދުމަށް މިހާރު ސިންހަ އެސްޓޭޓާއެކު ވަނީ އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ.

އެނބޫދޫގައި، އިންޓަރގްރޭޓް ރިސޯޓްސްގެ ގޮތުގައި ނުވަ ރިސޯޓެއް ތަރައްގީކުރާއިރު ފުރަތަމަ ފިޔަވަހީގެ ދަށުން ތަރައްގީކުރުމަށް ހަމަޖެހިފައިވަނީ 3 ރިސޯޓެވެ. އެ ތިން ރިސްޓުގައި 800 އެނދު ހިމެނެއެވެ. އެނބޫދޫ ފަޅުގައި 30 ރެސްޓޯރެންޓް ހެދުމަށް ހަމަޖެހިފައިވެއެވެ.

މި މަޝްރޫޢުގައި ހިމެނޭ ހާޑްރޮކް ރިސޯޓް މި އަހަރުގެ ފަހުކޮޅު ހުޅުވުމަށް ވަނީ ނިންމާފައެވެ.