ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ބޭނުންކުރަމުންދާ ވ.އަންބަރާގައި ރިސޯޓެއް ތަރައްޤީކުރުމަށް ސްރީލަންކާ އާއި ޗައިނާގެ ކުންފުންޏަކުން ތައްޔާރުވެއްޖެއެވެ.

ޚަބަރުތައް ބުނާގޮތުގައި ސަތޭކަ އެންދުގެ މި ރިސޯޓު ހުޅުވުމަށް ހަމަޖެހިފައިވަނީ 2020 ވަނަ އަހަރުގައެވެ.

50 މިލިއަން ޑޮލަރު ޚަރަދުކޮށްގެން ތަރައްޤީކުރާ މި ރިސޯޓަކީ، ސްރީލަންކާގެ ސިލޯން ހޮޓެލް ކޯޕަރޭޝަން (ސީއެޗްސީ) އާއި ޗައިނާގެ، ޗައިނާ ހާބަރ އިންޖިނޭރިންގ ކޮމްޕެނީ (ސީއެޗްއީސީ) ގުޅިގެން ތަރައްޤީކުރާ މަތީ ފަންތީގެ ފެންވަރު ރަނގަޅު ރިސޯޓެކެވެ.

ރާއްޖޭގެ އިޤްތިސާދު ކުރިއެރުވުމަށްޓަކައި ކުރެވޭ މަސައްކަތްތަކުގެ ތެރެއިން ގިނަ ރިސޯޓުތަކެއް ކުރިއަށްއޮތް ދުވަސްތަކުގައި ހުޅުވިގެންދާނެ ކަން ސަރުކާރުން ހާމަކުރައްވާފައިވާއިރު، ފާއިތުވެދިޔަ ދުވަސްތަކުގައި ގިނަ އަދަދެއްގެ ރިސޯޓްތައް ތަރައްޤީކުރުމުގެ މަސައްކަތް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ވަނީ ފަށާފައެވެ. އަދި މިދިޔަ އަހަރު އެކަނިވެސް 20 ރިސޯޓެއް ވަނީ ހުޅުވާފައެވެ.