ހައުސިން ޑިވެލޮޕްމެންޓް ފިނޭންސް ކޯޕަރޭޝަން (އެޗްޑީއެފްސީ) އިން ގެދޮރު އިމާރާތް ކުރުމަށް ދޫކުރާ ފެސިލިޓީ އާއި ލޯނުތަކާއި، އެކުންފުނިން މެނޭޖް ކުރުމުންދާ ސަރުކާރުގެ ހައުސިންގ ސްކީމްތަކުގެ ދަށުން ބޭންކްގެ އެއްވެސް ޚިދުމަތެއް މެދުވެރިކޮށް ފައިސާ ދައްކަމުން ގެންދަވާ ފަރާތްތަކުން ދައްކަވާފައިވާ ފައިސާ އަކީ ކޮންފަރާތަކުން ޖަމާކޮށްފައިވާ ފައިސާއެއްކަން ވަކި ނުވާގޮތަށް އެކުންފުނީގެ އެކައުންޓަށް ޖަމާ ކުރެވެމުންދާކަން ފާހަގަ ކުރެވިފައިވާ ކަމަށް އެޗްޑީއެފްސީ އިން ވިދާޅުވެއްޖެއެވެ.

އެޗްޑީއެފްސީ އިން މިއަދު ނެރުއްވި ސާކިއުލާއެއްގައި ވިދާޅުވީ ފެސިލިޓީ/ލޯނު އެކައުންޓްތަކަށް އެފައިސާ ކްރެޑިޓް ކުރެވޭނީ މިއީ ކޮންބައެއް ކަން ފާހަގަ ކުރެވިގެން ކަމުގައި ވާތީވެ، މިއަދުން ފެށިގެން 30 ދުވަހުގެ ތެރޭގައި އެޗްޑީއެފްސީގެ ނަންބަރ: 3000125/3000101/3000133 އަށް ގުޅުއްވައިގެން ފައިސާ ޖަމާކުރެވިފައިވާ ކަމުގެ ޔަޤީންކަން ނުލިބިވާ ފަރާތްތަކުން، އެފަރާތެއްގެ ފެސިލިޓީ/ލޯނު އަކުއުންޓަށް ފައިސާ ޖަމާ ކުރެވިފައިވޭތޯ ކަށަވަރު ކުރެއްވުމަށް ދަންނަވާ ކަމަށެވެ.

އަދި ކުރިޔަށް އޮތްތާގައި މިކަން ތަކުރާރު ވިޔަ ނުދިނުމަށްޓަކައި ފައިސާ ޖަމާ ކުރެއްވުމުށްފަހު އެފައިސާ ޖަމާކުރައްވާ ފަރާތުގެ ފެސިލިޓީ/ލޯނު ނަންބަރ ނުވަތު އައިޑެންޓިޓީ ކާޑު ނަންބަރު އިނގޭނޭފަދަ ގޮތަށް ލިޔުއްވުމަށްފަހު އެޗްޑީއެފްސީ އަށް ފޮނުއްވުމަށް ސާކިއުލާގައި ވަނީ ވިދާޅުވެފައެވެ.

އެޗްޑީއެފްސީ އަކީ 2004 ވަނަ އަހަރުގެ ޖަނަވަރީ މަހުގެ 28 ވަނަ ދުވަހު އުފެއްދި ކުންފުންޏެކެވެ. ދިވެހި ސަރުކާރުގެ 49 އިންސައްތަ ހިއްސާ އާއި އިންޓަނޭޝަނަލް ފައިނޭންސް ކޯޕަރޭޝަން (އައިއެފްސީ) ގެ 18 އިންސައްތަ ހިއްސާ އާއި އޭޝިއަން ޑިވެލޮޕްމެންޓް ބޭންކް (އޭޑީބީ) ގެ 18 އިންސައްތަ ހިއްސާ އާއި އިންޑިއާގެ އެޗްޑީއެފްސީ އިންވެސްޓްމަންޓްގެ 15 އިންސައްތަ ހިއްސާ އޮންނަ އެޗްޑީއެފްސީ އަކީ ގިނަ އަދަދެއްގެ ހައުސިން ލޯނު ދޫކޮށްފައިވާ ކުންފުންޏެކެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ރައްުޔިތުން

    މުޅިން ހާލި ހެދެނީ

  2. ފަޤީރު ކަލޯ!

    އެޗް ޑީ އެފް ސީ ގައި ތިބީ ވަރަށް ފަރުވާކުޑަ ބައެއް! އެމީހުން ބުނެގެން ސިލިޕް ވައިބާ ކުރަމުން މިގެންދަނީ އެކަމަކު ފައިސާގެ ސިލިޕް ލިބުނުކަންވެސް އަންގައި ނުލާތާ މިހާރު ދެމަސް ވީއެވެ. ޢެތައްފަހަރަކު ފޮނުވައިގެންވެސް ޖަވާބެއް ނުދޭ! މިހެންވެ ފައިސާ ޓްރާންފަރ ނުކޮށް ފައިސާ ޖަމާކޮށްފައި ސިލިޕް ފޮރުވައިގެން މިގެންގުޅެނީ!