މިއަދަކީ ދިވެހިރާއްޖޭގެ މައި ބޭންކް، ބީއެމްއެލް އަށް ތަފާތު ދުވަހެކެވެ. ތަފާތު ކުލަކުލައިގެ ފުއްޕާހަމާއި އެކި ކަހަލަ ކަރުދާސް ބޭނުންކޮށްގެން ބީއެމްއެލްގެ ބްރާންޗްތަކާއި ޑިޕާރޓްމަންޓްތައް މިއަދު ވަނީ ޒީނަތްތެރިކޮށްފައި ހުއްޓެވެ. ކުޑަ ކުދިންނަށް ހާއްސަކޮށްގެން އެކި އުމުރުފުރާ އާ ގުޅޭ ހަރަކާތްތަކެއްވެސް ވަނީ ހިންގާފައެވެ. ހުރިހާ މުވައްޒަފުންގެ މޫނު މަތިން ވެސް ފެނިގެން ދިޔައީ އުފާވެރި ކަމެވެ. މިއަދަކީ ބޭންކުގެ މުވައްޒަފުންގެ ކުދިން ބޭންކަށް ޒިޔާރަތްކުރުމަށް ހާއްސަކުރެވުނު ދުވަހެކެވެ.

ބީއެމްއެމްގައި މަސައްކަތް ކުރާ މުވައްޒަފުންގެ ކުދިންނަށް، އެކުދިންގެ މައިންބަފައިން ކުރާ މަސައްކަތްތައް ދައްކާލުމަށް މިއަދު ޚާއްސަ ކުރެވިގެން ދިޔައިރު، މިއަދު ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ޤާއިމްކޮށްފައިވާ ބީއެމްއެލްގެ ބޭންކުތަކުގައި ކުޑަކުދިންނަށް ޚާއްސަ ހަރަކާތްތައް ކުރިއަށް ގެންގޮސްފައި ވެއެވެ.

ބީއެމްއެލް އިން ކުރިޔަށް ގެންދިޔަ ހަރަކާތުގެ ތެރެއިން - ފޮޓޯ: ބީއެމްއެލް

މިކަމާއި ގުޅޭގޮތުން ބޭންކް އޮފް މޯލްޑިވްސްގެ ޑެޕިއުޓީ ސީއީއޯ މުހައްމަދު ޝަރީފް ވިދާޅުވީ މިއަދަކީ މުވައްޒަފުން ހާއްސަ އިސްކަމެއް ކަމެއް ދޭ ދުވަހެއް ކަމަށާއި، ބީއެމްއެލްގައި މަސައްކަތް ކުރަމުން އަންނަ ހުރިހާ މުވައްޒަފުންނަކީ ވެސް ވަރަށް ބުރަކޮށް މަސައްކަތް ކުރާ މުވައްޒަފުން ކަމަށެވެ. އަދި އެ މުވައްޒަފުންގެ ހިދުމަތްތަކަކަކީ އަގުވަޒަން ކުރެވޭ ވަރަށްވުރެ ބުރަ މަސައްކަތެއް ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ބީއެމްއެލް އިން ކުރިޔަށް ގެންދިޔަ ހަރަކާތުގެ ތެރެއިން - ފޮޓޯ: ބީއެމްއެލް

"ކުދިންނަށް މި ފަދަ ހިތްގައިމު މާހައުލެއް ގާއިމްކޮށްލެވޭ ކަމީ ހުރިހާ މުވައްޒަފުންނަށްވެސް ލިބޭ އުފަލެއް. ބޭންކުގެ މުވައްޒަފުންނަކީ ކޮންމެ ކަމެއްގައިވެސް ނަމޫނާ އަދި ބީއެމްއެލް އަކީ ގައުމުގެ އިގްތިސާދު ބިނާކުރުމުގައި އެންމެ އިސްދައުރެއް އަދާކުރަމުންދާ އެއް ކުންފުނި،"

ބީއެމްއެލް އިން ކުރިޔަށް ގެންދިޔަ ހަރަކާތުގެ ތެރެއިން - ފޮޓޯ: ބީއެމްއެލް

މި ދުވަސް ފާހަގަކުރަމުންދާ މުވައްޒަފުންވެސް ބުނީ މިއަދު ކުރެވޭ އިހުސާސްތައް ވަރަށް ތަފާތު ކަމަށާއި ކުދިންނާއި އާއިލާގެ ތުއްތު ކުދިންނާއެކު، މިފަދަ ވަގުތުކޮޅެއް ހޭދަކޮށްލެވުމުން ވަރަށް އުފާކުރާ ކަމަށެވެ.

މިއަދުގެ ހަރަކާތްތަކުގައި ބައިވެރިވި މުވައްޒަފަކު ބުނެފައި ވަނީ މިއަދު ކުރެވުނީ ތަފާތު އިހުސާސެއް ކަމަށާއި، އެގޮތުން އޮފީހުގައި ކުރަމުންދާ މަސައްކަތް ކުދިންނަށް މިއަދު ދައްކުވައިދެވިފައިވާ ކަމަށެވެ.

ބީއެމްއެލް އިން ކުރިޔަށް ގެންދިޔަ ހަރަކާތުގެ ތެރެއިން - ފޮޓޯ: ބީއެމްއެލް

"އެހެން ކުދިންނާއެކު އުފާވެރި އަދި ތަފާތު ކުޅިވަރުކުޅުމުގެ ހަރަކާތްތަކުގައި މިވަނީ ބައިވެރިވެފަ. މިއީ މަސައްކަތް ބުރަ އޮފީހެއް. އެކަމަކު އާއިލާގެ ފަރާތުން ލިބެމުން އަންނަ ލޯބިންނާއި މަސައްކަތުގެ މާހައުލަކީ މަސައްކަތްކުރުމަށް އިތުރު ހިތްވަރެއް ލިބޭ ކަމެއް،"

ބީއެމްއެލް އިން ކުރިޔަށް ގެންދިޔަ ހަރަކާތުގެ ތެރެއިން - ފޮޓޯ: ބީއެމްއެލް

950 އަށްވުރެ ގިނަ މުވައްޒަފުން މަސައްކަތްކުރާ ބީއެމްއެލްގައި މިއަދު ކުރިއަށްދިޔަ މި ހަރަކާތަކީ މުވައްޒަފުން މަސައްކަތް ކުރުމަށް ހުންނަ ޝައުގުވެރިކަން މަތީ ފެންވަރެއްގައި ހިފެހެއްޓުމުގެ ގޮތުން ކުންފުނިން ހިންގާ ތަފާތު ހަރަކާތްތަކުގެ ތެރެއިން އެއް ހަރަކާތެވެ. މިއަހަރު ބީއެމްއެލް އިން ވަނީ އޭޝިއާގެ ކުންފުނިތަކުގެ ތެރެއިން މަސައްކަތްކުރަން އެންމެ ރަނގަޅު ކުންފުނިތަކަށް ދޭ އެވޯޑް ޖެހިޖެހިގެން ދެވަނަ އަހަރު ހޯދާފައެވެ.

ބީއެމްއެލް އިން ކުރިޔަށް ގެންދިޔަ ހަރަކާތުގެ ތެރެއިން - ފޮޓޯ: ބީއެމްއެލް

ބީއެމްއެލް އިން ވަނީ ކުޑަކުދިންނަށް އަމާޒުކޮށްގެން ބީއެމްއެލް ކިޑްސް ސޭވަރ ޕްރޮމޯޝަނެއް މި މަ މަހުގެ އެއްވަނަ ދުވަހު ފަށާފައެވެ. ޕްރޮމޯޝަންގެ މުއްދަތުގައި ކިޑްސް ސޭވަރ އެކައުންޓް ހުޅުވާ ފަރާތްތަކުގެ ތެރެއިން ގުރުއަތުން ހޮވޭ ފަރާތަކަށް 15،000 ރުފިޔާ ދިނުމަށްވަނީ ހަމަޖެހިފައެވެ. އަދި އިތުރު 3 ފަރާތަކަށް 5،000 ރުފިޔާވެސް ލިބިގެން ދާނެއެވެ.