އަންނަ ނޮވެމްބަރު މަހުގެ ދެ ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ދިރާގު ރޯޑް ރޭހުގެ ބައިވެރިންނަށް ހިލޭ ތަމްރީނު ދޭން ތައްޔާރުވެއްޖެއެވެ.

ދިރާގުން ބުނިގޮތުގައި، އެ ތަމްރީނުތައް ދިނުމަށް ހަތަރު ޕާޓްނަރެއް މިހާރު ވަނީ ހަމަޖައްސާފައެވެ. އެއީ އައި ރަނާސް، ސާއިދު ސްޕޯޓްސް، ކޭވައި ސްޕޯޓްސް އެކަޑެމީ އަދި ޓްރެއިން ވިތް ކައިއެވެ.

އައި ރަނާސް އިން ތަމްރީނު ދޭނީ ދިރާގު ރޯޑް ރޭހުގައި ބައިވެރިވާ އަންހެން ބޭފުޅުންނަށެވެ. ސާއިދުގެ އެކަޑެމީން ޓްރެއިނިން ދޭނީ ދިރާގު ރޯޑު ރޭހުގައި އަލަށް ބައިވެރިވި މީހުންނަށެވެ. ކޭވައި ސްޕޯޓްސް އެކަޑެމީން ރޯޑު ރޭހުގައި ބައިވެރިވި 70 އަށްވުރެ ގިނަ މީހުންނަށް ޓްރެއިނިން ދޭއިރު، ޓްރެއިން ވިތް ކައިން ބުންވަރު ވަރުގަދަކުރަން ޓްރެއިނިންގ ހަދަން ފުރުސަތު ދޭނެއެވެ.

އެ ފަރާތްތަކާއެކު ތަމްރީން ހަދަން ބޭނުންވާ ބައިވެރިން، އެ ފަރާތްތަކަށް މެއިލް ކޮށްގެންނާއި ސޯޝަލް މީޑިއާ މެދުވެރިކޮށް މެސެޖު ކޮށްގެން ވެސް ޓްރެއިނިންގ ގައި ބައިވެރިވެވޭނެއެވެ.

4000 ބައިވެރިންނާއެކު މި އަހަރު ކުރިއަށްގެންދާ ދިރާގު ރޯޑް ރޭހަށް ހާއްސަ ޓީޝާޓްގެ އަގު 100 ރުފިޔާއަށް ވަނީ ބޮޑުކޮށްފައެވެ. އަދި ދިރާގް ރޯޑް ރޭހުގެ ބައިވެރިން ލާ ޓީޝާޓްގެ ޑޮނޭޝަން އިން ލިބޭ ހުރިހާ ފައިސާއެއް ހަދިޔާ ކުރަނީ މުބާރާތުގައި ބައިވެރިވާ އެންޖީއޯތަކަށެވެ.