ޔޫތު ސިޓީއެއްގެ ގޮތުގައި ހުޅުމާލެ ތަރައްޤީވަމުން އަންނައިރު ހުޅުމާލެެ ސްމާޓް ސިޓީއަކަށް ހެދުމަށް ޒުވާނުންގެ ހިޔާލު ހޯދުމަށް ޔޫއެންޑީޕީން ޒުވާނުންނަށް ހާއްސަކޮށްގެން ހިންގާ އާބަން އިނޮވޭޝަން ޗެލެންޖުން އެއްވަނަ އަށް ހޮވޭ މީހަކަށް ނުވަތަ ގްރޫޕަކަށް އެޖަމިއްޔާއާއެކު މަސައްކަތްކުރަން 120،000 ރުފިޔާގެ ފަންޑެއް ދޭން ޔޫއެންޑީޕީން ނިންމައިފިއެވެ.

ސްމާޓް ސިޓީއަކަށް ހުޅުމާލޭ ހަދަން ޒުވާނުންގެ އުފެއްދުންތެރި ހިޔާލު ހޯދުމަށް ޔޫއެންޑީޕީ އާއި އުރީދޫ އަދި ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ގުޅިގެން ކުރިއަށް ގެންދާ އެ ޗެލެންޖުގައި ބައިވެރިވުމުގެ ފުރުސަތު މިމަހުގެ 15 ވަނަ ދުވަހުގެ ނިޔަލަށް ހުޅުވާލާފައިވާއިރު ޗެލެންޖުގައި ބައިވެރިވެވޭނީ 18 އަހަރާއި 34 އަހަރާއި ދެމެދުގެ ޒުވާނުންނަށް އެކަންޏެވެ.

އެ ޗެލެންޖުގައި އެކަކު އެކަނި ނުވަތަ ތިން މީހުންނާއި ފަސް މީހުން ހިމެނޭ ގްރޫޕުތަކަށް ބައިވެރިވެވޭއިރު އެޗެލެންޖުގައި ބައިވެރިވާ ފަރާތްތަކުގެ ތެރެއިން 40 ފަރާތެއް ހޮވުމަށް ފަހު އެމީހުންނަށް ހާއްސަކޮށްގެން ވޯކްޝޮޕެއް ކުރިއަށް ގެންދާނެއެވެ. އެގޮތުން އެމްޓީސީސީ އާއި ވެމްކޯ އަދި އެޗްޑީސީގެ އިތުރުން ދެކުނު ކޮރެޔާގެ ވެރިރަށް ސޯލްގެ މެޓްރޮޕޮލިޓަން ގަވާމެންޓުން އެ ޗެލެންޖުގެ ބައިވެރިންނަށް މައުލޫމާތު ދޭނެއެވެ.

އާބަން އިނޮވޭޝަން ޗެލެންޖުންގެ ބައިވެރިންގެ ތެރެއިން އެއް ވަނަ އަށް ހޮވޭ ފަރާތަކަށް ޔޫއެންޑީޕީއާއި އެކު މަސައްކަތްކުރުމުގެ ފުރުސަތު ލިބިގެންދާއިރު އެ ޕްލޭން ފުރިހަމަ ކުރުމަށް ހަ މަސް ދުވަސް ދޭން ޔޫއެންޑީޕީއިން ވަނީ ނިންމާފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

 1. ފުލެޓު ދޮންބެ

  ތިތާ ފުލެޓެއް އަޅާބަލަ މިއުޅެނީ ބޯހިޔާވެހިކަމެއް ނުލިބިގެން

 2. މާހިރު

  ދޮގެއްނޫން ޔާންޓޭވެސް ފެއިލްވީ އެކަމާހުރެ ބޯކޮށް ފުލެޓް އަޅައި އަޅައި އަޅައި ފުރާނުލެވެންޏާ ފުލެޓް ދޮންބެއާ ހަވާލުކޮށްބަލަ

 3. މ މިއު މަ

  ހުޅުމާލެ އަކީ ސިޓީ އެއް ނޫން. އެއީ މާލެ ސިޓީގެ ޓައުން އެއް، ނޫނީ މުނިސިޕަލްޓީއެއް. ކީއްވެތަ މި މީހުނަށް މިވަރު ނޭނގިގެން މި އުޅެނީ؟؟؟ އެންމެ ކުޑަ މިނުން ރައީސް އަށް ވެސް އެވަރު ނޭނގޭ. ބޯ ހަލާކު.

  • ތ

   ބޯ ހަލާކު ވުމަކީ؟