ސަރަހައްދީ ފެންވަރުގައި ފަތުރުވެރިކަމުގެ ދާއިރާއިން ހޮވާލެވޭ ފަރާތްތަކަށް ދެވޭ ސައުތް އޭޝިއަން ޓްރެވަލް އެވޯޑްސް (ސަޓާ)ގެ މި އަހަރުގެ އެވޯޑް ހަފްލާގައި ހާއްސަ އެވޯޑެއް އޭސް އޭވިއޭޝަނަށް ލިބިއްޖެއެވެ.

މި އަހަރުވެސް އޭސް އޭވިއޭޝަންއަށް ލިބުނީ ސައުތް އޭޝިޔާގެ ލީޑިންގ ޖީއެސްއޭ ސާވިސް ޕްރޮވައިޑާ ކެޓަގަރީންނެވެ. މިއީ އެ އެވޯޑް އޭސް އޭވިއޭޝަންއަށް ލިބުނު ދެ ވަނަ ފަހަރެވެ.

މި އަހަރުގެ އެވޯޑް ހަފްލާ ބާއްވާފައި ވަނީ، މިދިޔަ ސެޕްޓެމްބަރު މަސް ތެރޭގައި މުމްބާއީގެ ތާޖް ޕެލެސް ހޮޓަލްގައެވެ.

ސަޓާ އެވޯޑްސްއަށް 50 ދާއިރާއަކުން ޖުމްލަ 500 އަށް ވުރެ ގިނަ ފަރާތުން ވަނީ ނޮމިނޭޝަން ހުށަހަޅައިފައެވެ.

އޭސް އޭވިއޭޝަން ސާވިސް މޯލްޑިވްސްގެ މެނޭޖިންގ ޑައިރެކްޓަރ މުހައްމަދު ފިރާގް ވިދާޅުވީ، މިދިޔަ އަހަރު އައްޑޫ ސިޓީގައި ގަމުގައި ބޭއްވި ސަޓާ އެެވޯޑް ހަފްލާގައި އެ ކުންފުންޏަށް ލީޑިންގ ޖީއެސްއޭ ސާވިސް ޕްރޮވައިޑާ ކެޓަގަރީން އެވޯޑް ލިބުނުއިރު، މި އަހަރު އެ އެވޯޑް އަނެއްކާވެސް ދަމަހައްޓަން ފުރުސަތު ލިބުމަކީ ޝަރަފެއް ކަމަށެވެ.

ކަންޓްރީ މެނޭޖަރ އޮފް އޭސް އޭވިއޭޝަން މޯލްޑިވްސް ރޯޝަން މަޑުރަވަލާ ވިދާޅުވީ، ކަސްޓަމަރުންގެ ޑިމާންޑާއި އެއްވަރަށް އަބަދުވެސް މަސައްކަތް ކުރަމުން އަންނައިރު، މިފަދަ އެވޯޑްތައް ލިބެން ފެށުމުން މިހާރު ދެވޭ ހިދުމަތްތަކަށްވުރެ ރަނގަޅު ހިދުމަތްތަކެއް ދެވޭތޯ މަސައްކަތް ކުރަމުންދާ ކަމަށެވެ.

އޭޝިއާ ސަރަހައްދުގެ ރިސޯޓްތަކާއި ގެސްޓް ހައުސްގެ އިތުރުން ސަފާރީތަކާއި ޓްރެވަލް ކުންފުނިތަކަށް ހުޅުވާލައިގެން ދޭ ސަޓާ އެވޯޑަކީ ހައިރައިޒުން އިންތިޒާމުކޮށްގެން ބާއްވަމުން އަންނަ އެވޯޑެކެވެ.