މިދިޔަ މަހު މީރާ އަށް މީރާއަށް 1.3 ބިލިއަން ރުފިޔާ ބަލައިގެންފިއެވެ.

މީރާ އިން ވިދާޅުވި ގޮތުގައި މި އަދަދަކީ ވޭތުވެދިޔަ އަހަރުގެ މި މުއްދަތުގައި ލިބުނު އާމްދަނީއަށްވުރެ 25.9 އިންސައްތަ އިތުރު އަދަދެކެވެ.

މިދިޔަ އަހަރުގެ މި މުއްދަތުގައި ލިބުނު އާމްދަނީއަށް ވުރެ މި އަހަރު ލިބުނު އާމްދަނީ އިތުރުވި މައިގަޑު ސަބަބަކީ ޓޫރިޒަމް ލޭންޑް ރެންޓު، ލޭންޑް އެކުއިސިޝަން އެންޑް ކޮންވާޝަން ފީ އަދި ޓޫރިޒަމް ދާއިރާ ނޫން ދާއިރާގެ ޖީ.އެސް.ޓީގެ ގޮތުގައި ލިބުނު އާމްދަނީ އިތުރުވުން ކަމަށް މީރާ އިން މައުލޫމާތުދެއެވެ.

މިދިޔަ މަހު މީރާ އަށް ބަލައިގަތް އާމްދަނީގެ އެންމެ ބޮޑު ބައެއް ހިއްސާކުރަނީ ޖީ.އެސް.ޓީއެވެ. އެއީ 507.83 މިލިއަން ރުފިޔާއެވެ. ދެން އެންމެ ބޮޑު އާމްދަނީއެއް ލިބިފައިވަނީ ޓޫރިޒަމް ލޭންޑް ރެންޓުންނެވެ. އެއީ 326.77 މިލިއަން ރުފިޔާއެވެ. މީގެ އިތުރުން، ލޭންޑް އެކުއިސިޝަން އެންޑް ކޮންވާޝަން ފީގެ ގޮތުގައި 82.36 މިލިއަން ރުފިޔާ، ގްރީން ޓެކްސްގެ ގޮތުގައި 63.12 މިލިއަން ރުފިޔާ، އެއަރޕޯޓު ސަރވިސް ޗާޖްގެ ގޮތުގައި 61.10 މިލިއަން ރުފިޔާ އަދި އެހެނިހެން ޓެކުހާއި ފީގެ ގޮތުގައި ލިބިފައިވާ 231.18 މިލިއަން ރުފިޔާ ހިމެނެއެވެ.

މިދިޔަ މަހު މީރާ އަށް ބަލައިގަނެފައިވާ އާމްދަނީގެ ތެރޭގައި 59.4 މިލިއަން އެމެރިކާ ޑޮލަރު ވެސް ހިމެނެއެވެ.