މާލެ އާއި ހުޅުލެއާ ދެމެދު އަޅާ ބުރިޖަށް ދަތުރުކުރާ މަގު ފުޅާކުރުމަށް "ޗާ ޓައިމް" ތަޅާލުމާއި ގުޅިގެން، އެތަން ހިންގި ނިއު ޕޯޓު ކުންފުންޏަށް 15 މިލިއަން ރުފިޔާ ދޫކުރުން މަޑުޖައްސާލުމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ހައުސިން މިނިސްޓްރީއަށް އަންގައިފިއެވެ.

އެތަން ތަޅާލުމާއި ގުޅިގެން ބަދަލުގެ ގޮތުގައި ދައުލަތުން އެ ކުންފުންޏާށް 15 މިލިއަން ރުފިޔާ ދޭން ނިންމުމުގައި ކޮރަޕްޝަން ހިމެނޭ ކަމަށް ތުހުމަތުކޮށް ހުށަހެޅި މައްސަލައެއް އޭސީސީއަށް ވަނީ ހުށަހަޅާފައެވެ. އަދި އެކަން އޭސީސީން ދަނީ ބަލަމުންނެވެ.

އޭސީސީން ހައުސިންގ މިނިސްޓްރީ އަށް އިއްޔެ ފޮނުވި ސިޓީގައި ބުނެފައި ވަނީ، ޗާޓައިމް ތަޅާލުމާއި ގުޅިގެން ބަދަލުގެ ގޮތުގައި 15 މިލިއަން ރުފިޔާ ދޭން ނިންމާފައިވާކަމުގެ މައުލޫމާތެއް ލިބިފައިވާކަމަށާއި، އަދި އެ ފައިސާ ވަރަށް އަވަހަށް ނިއު ޕޯޓަށް ދޫކުރަން މަސައްކަތް ކުރަމުންދާ ކަމުގެ ޝަކުވާއެއް ހުށަހަޅާފައިވާ ކަމަށެވެ.

އަދި އެކަން އޭސީސީން ބަލަމުން އަންނައިރު ބަލައި އެ މުއައްސަސާއިން ވަކި އެއްޗެއް އަންގަންދެން އެ ފައިސާ ދޫ ނުކުރުމަށް ހައުސިން މިނިސްޓްރީން ވަނީ އަންގައިފައެވެ. އަދި އެކަމާ ގުޅުން ހުރި އެންމެހާ ލިޔެކިޔުންތައް ފޮނުވަން ވެސް ހައުސިން މިނިސްޓްރީ އަށް ވަނީ އަންގާފައެވެ.

ޗާޓައިމް ތަޅާލީ، ކޮންސަލްޓަންޓު ލަފާގެ މަތިން އެތަނާ ހެދި ބޮޑުތަކުރުފާނުމަގު ފުޅާކުރެވޭނެ ގޮތެއް ނެތިގެންނެވެ. ޗާ ޓައިމް ހިންގަމުން ދިޔައީ ސްޓްރާޑާ ޕްރައިވެޓް ލިމިޓެޑުންނެވެ. ބުރިޖު ބަލާ ޕްލެޓްފޯމް ސަރަހައްދު ތަރައްގީކޮށް ހިންގަނީވެސް އެކުންފުނިންނެވެ.