ލިވްއަބޯޑް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ލޭމް) އިން 2014 ވަނަ އަހަރުން ފެށިގެން ދެމުން އަންނަ "މޯލްޑިވްސް ބޯޓިންގ އެވޯޑްސް"އަށް ކުރިމަތިލުމަށް ހުޅުވާލައިފިއެވެ.

އެ އެވޯޑަށް ކުރިމަތިލުމަށް އަންނަ ނޮވެމްބަރު މަހުގެ ފަސް ވަނަ ދުވަހާއި ހަމައަށް ފުރުސަތު ވަނީ ހުޅުވާލާފައެވެ. ލޭމް އިން ބުނީ، މި އެވޯޑަށް ކުރިމަތިލާން ބޭނުންވާ ފަރާތްތަކުން އެކަމަށް ހާއްސަކޮށް ތައްޔާރުކޮށްފައިވާ ފޯމާއި އަދި އެކަމަށް ބޭނުންވާ ޑޮކިޔުމެންޓްތައް ހުށަހެޅުމަށެވެ.

މި ފަހަރުވެސް ލޭމް އިން އެ އެވޯޑް ދިނުމަށް ހަމަޖެހިފައި ވަނީ 26 ދާއިރާއަކުންނެވެ. ލޭމް އިން ބުނީ، އެ އެވޯޑަށް ކުރިމަތިލާ ފަރާތްތައް ދެމުން ގެންދާ ހިދުމަތްތައް ބަލައި މާކްސް ދޭނީ އެކަމަށް ހާއްސަ ޖަޖުންގެ ޕެނަލަކުންނެވެ.

މި އެވޯޑަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން އެ ކެޓަގަރީތަކަށް ނޮމިނޭޓްވާ ފަރާތްތައް އެވޯޑަށް ހޮވުމަށް، އަންނަ ނޮވެމްބަރު މަހުގެ ފަސް ވަނަ ދުވަހުން ފެށިގެން ޑިސެންބަރު މަހުފެ ފަސް ވަނަ ދުވަހުގެ ނިޔަލަށް އެސްއެމްއެސް މެދުވެރިކޮށް އަދި އޮންލައިންކޮށް ވެސް ވޯޓު ލެވޭނެއެވެ.

އެގޮތުން ކޮންމެ ނަމްބަރަކުންވެސް 50 އެސްއެމްއެސް ކުރެވޭއިރު، އޮންލައިންކޮށް ވޯޓު ލެވޭނީ ކޮންމެ މެއިލް އައިޑީއަކުން އެއް ވޯޓެވެ.

"މޯލްޑިވްސް ބޯޓިން އެވޯޑް" މިއަހަރު ދޭ ކެޓަގަރީތަކުގެ ތެރޭގައި، އެންމެ ރަނގަޅު ޔޮޓު ބިލްޑަރާއި، އެންމެ ރަނގަޅު ލިވްއެބޯޑާއި، ދެ ސައިޒަކުން އެންމެ ރަނގަޅު ފައިބަރު އުޅަނދާއި، އެންމެ މޮޅު ބޯޓު ޑިޒައިނާއި، އަހަރުގެ ލިވްއެބޯޑް ބްރޭންޑާއި، އަހަރުގެ ލިވްއެބޯޑް އޮޕަރޭޓަރާއި، އެންމެ މޮޅު ޑައިވިންގ ގިއަރއާއި، އަހަރުގެ އެންމެ ރަނގަޅު ކައްޕިތާނާއި، އެންމެ ރަނގަޅު މެރިން އިންޖީނާއި، އިންޝުއަރެންސް ޕާޓުނަރު ފަދަ ދާއިރާތައް ހިމެނެއެވެ.