ބައިނަލްއަގުވާމީ ގޮތުން މިއަދު ފާހަގަ ކުރަމުން އަންނަ އެއަރ ޓްރެފިކް ކޮންޓްރޯލަރުންގެ ދުވަސް ވެލާނާ އިންޓަނޭޝަނަލް އިންޓަނޭޝަނަލް އެއަރޕޯޓު (ވީއައިއޭ) ގައި ފާހަގަކޮށްފިއެވެ.

މިއަދު ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓުގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި އެކަމަށް ބޭއްވި ކުޑަ ހަފްލާގައި ވަނީ މޯލްޑިވްސް އެއަރޕޯޓް ކޮމްޕެނީ (އެމްއޭސީއެލް) ގައި މަސައްކަތްކުރަމުން އަންނަ އެއަރ ޓްރެފިކް ކޮންޓްރޯލަރުންގެ އަގު ވަޒަން ކުރުމުގެ ގޮތުން ހާއްސަ ކޭކެއް ފަޅާފައެވެ.

ވެލާނާ އެއާޕޯޓުގައި ބޭއްވި ރަސްމިއްޔާތުގެ ތެރެއިން - ވަގުތު އިމޭޖެސް: އަލީ ޔާމީން

ކޭކު ފެޅުމަށް ފަހު މީޑިއާތަކަށް މައުލޫމާތު ދެއްވަމުން އެމްއޭސީއެލްގެ މެނޭޖިންގް ޑިރެކްޓަރ އާދިލް މޫސާ ވިދާޅުވީ އެއަރ ޓްރެފިކް ކޮންޓްރޯލިން އަކީ ރާއްޖޭގައި އޮތް އެންމެ ނުރައްކާތެރި މަސައްކަތް ކަމަށާއި އެއީ ދުޅަހެޔޮ އެއަރޕޯޓަކަށް ކޮންމެހެން ލާޒިމު ކާނާއެއް ކަމަށެވެ.

އަދި އެއަރ ޓްރެފިކް ކޮންޓްރޯލަރުންނާއި އެމްއޭސީއެލްގެ މެނޭޖުމެންޓާއި ކުރެވޭ މަޝްވަރާތަކުގެ ސަބަބުން ވަރަށް ބޮޑު އަދަދެއް އެމްއޭސީއެލްއިން ސަލާމަތްވާ ކަމަށާއި އެކަމުގެ ސަބަބުން އެއަރޕޯޓުގެ ހިންގުން ހަރުދަނާވާ ކަމަށް އާދިލް މޫސާ ވިދާޅުވިއެވެ.

"ހަޤީގަތުގައި އެމްއޭސީއެލްގެ އެންމެ މުހިންމު ދައުރެއް އަދާކުރާ ބަޔަކީ އެއަރ ޓްރެފިކް ކޮންޓްރޯލަރުން. އެ ކޮންޓްރޯލަރުންގެ މަޝްވަރާއާއި ލަފާގެ މަތިން ކުންފުންޏަށް ވަނީ ވަރަށް ގިނަ ހެޔޮ ބަދަލުތަށް ގެނެވިފަ. އަދި އެކަމުގެ ސަބަބުން ކުންފުނީގެ ހިންގުން ވަނީ އިތުރަށް ހަރުދަނާވެފަ" އާދިލް މޫސާ ވިދާޅުވިއެވެ.

ވެލާނާ އެއާޕޯޓުގައި ބޭއްވި ރަސްމިއްޔާތުގެ ތެރެއިން - ވަގުތު އިމޭޖެސް: އަލީ ޔާމީން

އަދި އަންނަ އަހަރުގެ ކުރީކޮޅުގައި އެމްއޭސީއެލްގައި މަސައްކަތް ކުރަމުން އަންނަ އެއަރ ޓްރެފިކް ކޮންޓްރޯލަރުންނަށް ހާއްސަކޮށްގެން ޓްރެއިނިންގް ޕްރޮގްރާމްތަކެއް ކުރިއަށް ގެންދަން ނިންމާފައިވާ ކަމަށްވެސް އާދިލް ވިދާޅުވިއެވެ.

ބައިނަލް އަގުވާމީ އެއަރ ޓްރެފިކް ކޮންޓްރޯލަރުންގެ ދުވަހާއި ބެހޭގޮތުން މީޑިއާތަކަށް މައުލޫމާތު ދެއްވަމުން އެމްއޭސީއެލްގެ އެއަރ ޓްރެފިކް ކޮންޓްރޯލިންގ ގެ ރޭޑާ ރޭޓަރ ކޮންޓްރޯލަރ އާމިނަތު ލިޝާނީ ވިދާޅުވީ އެއަރ ޓްރެފިކް ކޮންޓްރޯލް ސާވިސް އެހާ މުހިންމު ސާވިސްއަކަށް ވަނީ ބޯޓުފަހަރު އެދާންޖެހޭ މަންޒިލަށް ސަލާމަތާއި އެކުގައި ވާސިލް ވުމަށް އެހީތެރިވެދޭތީ ކަމަށާއި އެމްއޭސީއެލްގައި އެއަރ ޓްރެފިކް ކޮންޓްރޯލް ކުރުމަށް ބޭނުން ކުރަމުން އަންނަނީ ދެ ޓަވަރުގެ އިތުރުން ސެންޓަރެއް ކަމަށެވެ.

ވެލާނާ އެއާޕޯޓުގައި ބޭއްވި ރަސްމިއްޔާތުގެ ތެރެއިން - ވަގުތު އިމޭޖެސް: އަލީ ޔާމީން

"އަޅުގަނޑުމެންގެ މި އިންނަނީ ދެ ޓަވަރާއި ސެންޓަރެއް. ސެންޓަރުން ކޮންޓްރޯލް ކުރާނީ ރާއްޖޭގެ ސަރަހައްދުން ދަތުރުކުރާ ބޯޓުތަކުގެ ޓްރެފިކް. ޓަވަރުން ބަލަހައްޓާނީ ވެލާނާ އެއަރޕޯޓު ސަރަހައްދުން ދަތުރުކުރަމުން އަންނަ އުޅަނދު ފަހަރުގެ ޓްރެފިކް ކަންކަން" ލިޝާނީ ވިދާޅުވިއެވެ.

އެމްއޭސީއެލްްގައި 90 އެއަރ ޓްރެފިކް ކޮންޓްރޯލަރުން ތިބި އިރު އެ ކޮންޓްރޯލަރުންގެ ބެލުމުގެ ދަށުން ކޮންމެ ދުވަހަކު 600 އުޅަނދުފަހަރު ވައިގެ މަގުން ރާއްޖޭގެ އެކިއެކި ކަންކޮޅުތަކަށް ދަތުރުކުރެއެވެ.