ސައުދީ އަރަބިއްޔާގެ ވެރިރަށް ރިޔާޒްގައި މިއަދު ފެށި އިންވެސްޓްމަންޓް ފޯރަމުގައި ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދު ބައިވެރިވެ ވަޑައިގެންފިއެވެ.

ޑރ.ވަހީދު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މި ފޯރަމުގައި އުރުދުން އާއި ބަހްރައިނާއި އެފްރިކާ އާއި އޭޝިއާގެ އެކިއެކި ގައުމުތަކުގެ ބޭފުޅުން ބައިވެރިވެވަޑައިގަންނަވާ ކަމަށެވެ. ޑރ.ވަހީދު ކުރެއްވި ޓްވީޓުގައި އެމަނިކުފާނުގެ އަރިހުގައި ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) ގެ ނައިބު ރައީސް މުހައްމަދު ބިން ރާޝިދާއި ޕާކިސްތާނުގެ ބޮޑުވަޒީރު އިމްރާން ޚާން ތިއްބެވިއެވެ.

މި ފޯރަމުގައި ޑރ.ވަހީދު ބައިވެރިވެ ވަޑައިގަންނަވަނީ ކޮން ހައްސިއްޔަތަކުން ކަމެއް އެނގިފައެއް ނުވެއެވެ.

ޑރ.ވަހީދު މި ފޯރަމުގައި ބައިވެރިވެ ވަޑައިގަންނަވާއިރު، ތުރުކީގައި ހުންނަ ސައުދީ އަރަބިއްޔާގެ ކޮންސިއުލޭޓު ތެރޭގައި ސައުދީގެ ނޫސްވެރިޔާ ޖަމާލް އަހުމަދު ޚާޝޮގީ މަރާލި މައްސަލަ އާއި ގުޅިގެން، ދުނިޔޭގެ ބޮޑެތި ކުންފުނިތަކާއި ބައެއް ގައުމުތަކުގެ ސަރުކާރު ތަކުން ވަނީ މި ފޯރަމް ބޮއިކޮޓް ކޮށްފައެވެ.

މި ފޯރަމް ބޮއިކޮޓް ކުރެއްވި ފާހަގަކޮށްލެވޭ ބޭފުޅުންގެ ތެރޭގައި އިންޓަނޭޝަނަލް މަނިޓަރީ ފަންޑް (އައި.އެމް.އެފް) ގެ އިސްވެރިޔާ ކްރިސްޓީން ލަގާޑް ވެސް ހިމެނި ވަޑައިގަންނަވައެވެ.

ތިން ދުވަހުގެ މުއްދަތަށް ކުރިއަށްދާ މި ފޯރަމުގެ މައިގަނޑު މަގުސަދަކީ ސައުދީ އަށް ފޮރިން އިންވެސްޓުމެންޓުތައް ގެނައުމަށް ޝައުގުވެރި ކުރުވުމެވެ.