އާންމުކޮށް ބޭނުންކުރާ ގިނަ ހިދުމަތްތަކަށް އެއް ތަނަކުން ބިލްދެއްކޭނެ ހިދުމަތް ޤާއިމް ކުރުމުގެ ނިޔަތުގައި އުފެއްދި ދިވެހި ފުރަތަމަ މޮބައިލް އެޕްލިކޭޝަން "ޕޭޔާރ" ލޯންޗުކޮށްފިއެވެ.

"ޕޭޔާރ" އެޕްލިކޭޝަން ތަރައްގީ ކުރި ޕޭޔާރ ޕްރައިވެޓް ލިމިޓެޑްގެ ސީއީއޯ އަލީ ހާރިސް ވިދާޅުވި ގޮތުގައި މި އެޕްލިކޭޝަނުގެ މަގުސަދަކީ ހުރިހާ ޕޭމަންޓެއް އެއްތަނަކަށް ގެނެސް ފަސޭހަކަމާއި އެކު ހިދުމަތްތަކަށް ފައިސާ ދެއްކޭނެ މަގު ފަހިކޮށް ދިނުމެވެ. އެގޮތުން، މިއަދުން ފެށިގެން ރާސްޓަސް، ރީލޯޑް، އޫރިދޫގެ ބިލްތަކަށް ފައިސާ ދެއްކުމުގެ އިތުރަށް ލަވަފޮށި، އައިޓިއުންސް، ގޫގަލް ޕްލޭ، ޕްލޭސްޓޭޝަން ނެޓްވޯކް އަދި ސްޕޮޓިފައިގެ ގިފްޓް ކާޑުތައް ގަންނަން ލިބޭނެކަމަށް ހާރިސް ވަނީ ވިދާޅުވެފައެވެ. މީގެ އިތުރަށް، ކުރިޔަށް އޮތްތަނުގައި ޕޭޔާރ މެދުވެރިކޮށް ކަރަންޓް، ފެން ބިލް ދެއްކުމުގެ ހިދުމަތާއި އަދިވެސް އެހެނިހެން ގިނަ ހިދުމަތްތަކެއް ލިބިގެންދާނެކަމަށް އެކުންފުނިން ހާމަކުރެއެވެ.

މިހާރުވެސް ވަކިވަކިން އޮންލައިންކޮށް ބިލް ދެއްކޭ އެޕްލިކޭޝަންތައް ހުރިކަމުގައިވިޔަސް، ކޮންމެ ހިދުމަތަކަށް ވަކި އެޕްލިކޭޝަނެއް އެޅުމުގެ ބަދަލުގައި އެ ހުރިހާ ހިދުމަތަކަށް ޕޭޔާރ މެދުވެރިކޮށް ފައިސާ ދެއްކޭނެކަމަށް ހާރިސް ވަނީ ވިދާޅުވެފައެވެ. އަދި "ޕޭޔާރ"ގައި އެއް ފަހަރު ދައްކަން ބޭނުންވާ ބިލް އެޑްކުރުމަށްފަހު ކޮންމެ މަހަކު ބިލް ތައްޔާރުވުމުން ނޮޓިފިކޭޝަން ލިބޭނެއެވެ.

އަދި މާކެޓްގައި ހުރި އެޕްލިކޭޝަންތަކާ އިހިލާފަށް އެއް އެކައުންޓަށްވުރެ ގިނަ އެކައުންޓްތައް މެނޭޖްކޮށް، އެއްފަހަރާ އެތައް ބިލެއް ދެއްކުމުގެ ހިދުމަށް "ޕޭޔާރ" މެދުވެރިކޮށް ލިބިގެން ދާނެއެވެ.

މުސްތަގުބަލުގައި "ޕޭޔާރ" ޕޭމަންޓް ހިދުމަތުގެ އިތުރަށް، ފައިނޭޝަލް އެވެއާނެސް އިތުރުކޮށް، މަހެއްގެ މައްޗަށް ހިނގާ ހަރަދުތައް ޓްރެކް ކުރެވޭ ފަދަ އެޕްލިކޭޝަނަކަށް "ޕޭޔާރ" ވެގެން ދާނެކަމަށް ހާރިސް ހާމަކުރެއެވެ.

"ޕޭޔާރ"ގެ އެންމެ ބޮޑު އުންމީދަކީ، ދުނިޔޭގެ އެންމެ މަގުބޫލް ޕޭމަންޓް އެޕްލިކޭޝަންތައް ކަމުގައިވާ އެލީޕޭ، ވީޗެޓްޕޭ ފެންވަރުގެ ހިދުމަތެއް ރާއްޖެއަށް ތައާރަފްކުރުމެވެ. މި ފަދަ ހިދުމަތެއް ތައާރަފްކޮށް ފުރިހަމަ ކުރުމަށް ހިދުމަތް ފޯރުކޮށްދޭ ފަރާތްތަކުގެ އެއްބާރުލުމާއި އެހީތެރިކަމަށް "ޕޭޔާރ" އިން އެދެއެވެ.

"ޕޭޔާރ"ގެ ސަބަބުން ދިވެހިންގެ ދިރިއުޅުން އިތުރަށް ފަސޭހަކޮށް ބިލްދައްކަން ކިއުގައި ޖެހުމުގެ ސަގާފަތް ނައްތާލައި ބިލްތައް ދައްކަން އެތައް އެޕްލިކޭޝަނެއް އެޅުމުގެ ބޭނުން ކެނޑިގެންދާނެކަމަށް މި ހިތްގައިމު އެޕްލިކޭޝަން ތަރައްގީ ކުރި ފަރާތުން ދެކެއެވެ. ޕޭޔަރ އެޕްލިކޭޝަން މިހާރުން ފެށިގެން ގޫގަލް ޕްލޭސްޓޯ އަދި އެޕަލް އެޕްސްޓޯއިން ޑައުންލޯޑުކުރެވޭނެއެވެ.