ދިވެހިރާއްޖެ އަށް މިހާރު ވެސް ދުވާލަކު ދެދަތުރު ކުރަމުން އަންނަ ޤަތަރު އެއާވޭސް އިން މިމަހުގެ 28 ވަނަ ދުވަހުން ފެށިގެން ދުވާލަކު ތިން ފްލައިޓް ރާއްޖެ އާއި ދޯހާ އާއި ދެމެދު ބާއްވަން ނިންމައިފިއެވެ.

ދަތުރުފަތުރުގެ ޚަބަރުތައް ގެނެސްދޭ ވެބްސައިޓްގައި ބުނެފައިވާ ގޮތުގައި ޤަތަރު އެއާވޭސް އިން ރާއްޖެ އަށް ކުރާ ދަތުރުތައް އިތުރު ކުރަން ނިންމީ އެއެއާލައިނުން މިހާރު އޭޝިއާ އަށް ކުރާ ދަތުރުތައް އިތުރު ކުރުމަށް ގެންގުޅޭ ސިޔާސަތުގެ ދަށުންނެވެ. އަދި ކުރިއަށް އޮތީ ރާއްޖެއަށް ފަތުރުވެރިންގެ ސީޒަނަށް ވާތީ އެއީ ވެސް ދަތުރުތައް އިތުރު ކުރަން ނިންމި އެއް ސަބަބެވެ.

ޤަތަރު އެއާވޭސްގެ ޗީފް އެގްޒެކެޓިވް އޮފިސަރ އަކްބަރު އަލް ބަކްރު ވިދާޅުވީ ރާއްޖެއަކީ ޤަތަރު އެއާވޭސް އިން ދަތުރުކުރާ މަންޒިލްތަކުގެ ތެރެއިން ފަތުރުވެރިންގެ މެދުގައި އެންމެ މަގުބޫލް އެއް މަންޒިލް ކަމަށެވެ.

"އަޅުގަނޑުމެންނަށް ލިބޭ ވަރަށް ބޮޑު އުފަލެއް ދިވެހިރާއްޖެ އަށް ކުރާ ދަތުރުތައް އިތުރު ކުރެވުމަކީ. ދިވެހިރާއްޖެ އަކީ ޤަތަރު އެއާވޭސް އިން ދަތުރުކުރާ މަންޒިލްތަކުގެ ތެރެއިން މިހާރު ވެސް ފަތުރުވެރިންގެ މެދުގައި އެންމެ މަގުބޫލް އެއް މަންޒިލް" ސީއީއޯ ބަކުރު ވިދާޅުވިއެވެ.

ރާއްޖެ އަށް ދަތުރު ކުރަން ބޭނުންވާ ފަރާތްތަކަށް ވެސް ފަސޭހަ ގޮތަކަށް އެމީހުންގެ ދަތުރުތައް ރާވާލުމުގައި އެހީތެރިވެދޭނެ ކަމަށް ޤަތަރު އެއާވޭސް އިން ބުނެއެވެ.

ޤަތަރު އެއާވޭސް އިން މިހާރު ރާއްޖެ އަށް ކުރަނީ ހަފްތާ އަކު 14 ދަތުރެވެ. ރާއްޖެ އަށް ހަފްތާއަކު ކުރާ ދަތުރުތައް 21 އަށް އިތުރު ކުރަން ޤަތަރު އެއާވޭސް އިން ނިންމާފައި ވާއިރު ރާއްޖެ އަށް ދަތުރު ކުރުމަށް ޤަތަރު އެއާވޭސް އިން ބޭނުން ކުރާނީ އެއާބަސް 330-300 އާއި 320-200 މަރުކާގެ ފްލައިޓެވެ.

ކޮންމެ އަހަރަކު ވެސް ފަތުރުވެރިކަމުގެ ސީޒަނާއި ދިމާކޮށް ރާއްޖެއަށް ދަތުރުކުރާ އެއާލައިންތަކުން ދަތުރުތައް އިތުރު ކުރެއެވެ. އަދި އާއެއާލައިންތަކުން ދަތުރުތައް ފަށައެވެ.