އެލައިޑް އިންޝުއަރަންސް ކުންފުނީގެ އިސްލާމިކް ވިންޑޯ "އަޔާދީ ތަކާފުލް"އަށް ސައުތު އޭޝިޔާ ސަރަހައްދުގެ ޝަރަފުވެރި ގޯލްޑް އެވޯޑެއް ލިބިއްޖެއެވެ.

އަޔާދީ ތަކާފުލް އަށް މި އެވޯޑު ލިބިފައިވަނީ އިސްލާމިކް ފައިނޭންސް ފޯރަމް އޮފް ސައުތު އޭޝިޔާ (އިފްސާ) ގޯލްޑް އެވޯޑްގެ އިސްލާމިކް ވިންޑޯ އަދި ޔުނިޓް އޮފް ދަ އިޔަރ ކެޓަގަރީއިންނެވެ.

އަޔާދީ ތަކާފުލްއަށް މިއެވޯޑު ލިބިފައިވަނީ ޔޫޓީއޯއިން އިންތިޒާމްކޮށްގެން ރޭ ސްރީލަންކާގައި ބޭއްވި އިފްސާގެ ތިންވަނަ އަހަރީ އިނާމު ދިނުމުގެ ހަފްލާގެ ތެރެއިންނެވެ. އަޔާދީގެ ފަރާތުން މިއެވޯޑާއި ހަވާލުވީ ޖެނެރަލް މެނޭޖަރ އިބްރާހިމް ފިރުޝާންއެވެ.

2014 ވަނަ އަހަރު ވުޖޫދަށް އައިސްފައިވާ "އަޔާދީ ތަކާފުލް" އަކީ އިސްލާމީ ޝަރީއަތްތަކާއި އުސޫލުތަކުގެ މަތިން ފަރުމާކޮށްފައިވާ އިންޝުއަރަންސް އެކި އެކި ހިދުމަތްދޭ ކުންފުންޏެކެވެ. އެގޮތުން ކަސްޓަމަރުންގެ ތަރުހީބު ލިބިފައިވާ އަޔާދީގެ ހާއްސަ ހިދުމަތްތަކުގެ ތެރޭގައި ކާރިސާ ތަކާފުލް، ހޯމް ތަކާފުލް، ޗައިލްޑް އެޑިޔުކޭޝަން ތަކާފުލް، ހައްޖު އަދި އުމްރާ ތަކާފުލް އާއި މިފަދަ އިތުރު ހިދުމަތްތައް ހިމެނެއެވެ.

އަޔާދީ ތަކާފުލްގެ ފަރާތުން މައުލޫމާތު ދެއްވަމުން؛ ޖެނެރަލް މެނޭޖަރ އިބްރާހިމް ފިރުޝާން ވިދާޅުވީ، އަޔާދީގެ މަސައްކަތްތަށް އަގުވަޒަންކުރުމުގެ ގޮތުން ވިދި ވިދިގެން ދެވަނަ ފަހަރަށް މިއެވޯޑް ލިބުމަކީ ކުރިޔަށްދިޔުމަށް ލިބުނު އިތުރު ހިތްވަރެއް ކަމަށާއި ރާއްޖޭގައި އިސްލާމިކް ފައިނޭންސިންގ އިތުރަށް ފުޅާކޮށް ކުރިއެރުވުމަށް ކުރިޔަށް އޮތް ތަނުގައިވެސް ގިނަ މަސައްކަތް ތަކެއް ކުރައްވާނެ ކަމަށެވެ.

އިތުރަށް ވާހަކަ ދައްކަވަމުން ފިރުޝާން ވިދާޅުވީ އަޔާދީ ތަކާފުލްގެ ކާމިޔާބީގެ ފަހަތުގައިވާ ހަގީގީ ސިއްރަކީ އެކުންފުނީގެ ހީވާގި، ޒުވާން ޓީމެވެ. އެހެންކަމުން މިމުނާސަބު ވަގުތުގައި ކުންފުނީގެ ފަރާތުން ހުރިހާ މުވައްޒަފުންނަށް ފިރުޝާން ވަނީ ޝުކުރު އަދާކޮށްފައެވެ.