ސައުތު އޭޝިޔާ ސަރަހައްދުގެ ޝަރަފުވެރި އެވޯޑެއް ރާއްޖޭގެ އިސްލާމިކް ބޭންކް (އެމްއައިބީ) ލިބިއްޖެއެވެ.

އެމްއައިބީއަށް ލިބިފައި ވަނީ އިސްލާމިކް ފައިނޭންސް ފޯރަމް އޮފް ސައުތު އޭޝިޔާ (އިފްސާ)ގެ ބޭންކް އޮފް ދަ އިޔާގެ ބްރައުންޒް އެވޯޑެވެ. މި އެވޯޑް އެމްއައިބީއަށް ލިބިފައި ވަނީ، އޭޝިއާ ސަރަހައްދުގެ އެހެން ބޭންކްތަކާއި ވާދަކޮށެވެ.

އެމްއައިބީއަށް މި އެވޯޑް ލިބިފައި ވަނީ، ޔޫޓީއޯއިން އިންތިޒާމްކޮށްގެން ރޭ ސްރީލަންކާގައި ބޭއްވި އިފްސާގެ ތިންވަނަ އަހަރީ އިނާމު ދިނުމުގެ ހަފްލާގެ ތެރެއިންނެވެ. އެމްއައިބީގެ ފަރާތުން މި އެވޯޑާއި ހަވާލުވެލެއްވީ އެ ބޭންކްގެ އެކްޓިންގ ސީއީއޯ އަހުމަދު ރިޒާއެވެ.

އެމްއައިބީއަށް 2016 ވަނަ އަަހަރު ވެސް ވަނީ (އިފްސާ)ގެ ގޯލްޑް އެވޯޑް ލިބިފައެވެ.

2011 ވަނަ އަހަރު އުފެއްދި އެ ބޭންކަށް މީގެ ކުރިންވެސް ގިނަ އެވޯޑްތަކެއް ވަނީ ލިބިފައެވެ. އޭގެ ތެރޭގައި،

1 އިސްލާމިކް ބިޒްނަސް އެންޑް ފައިންނޭސް އެވޯޑްސް 2011 ގައި ބެސްޓް ނިއު ބޭންކް

2 އެމްއެމްއޭ 2013 ވަނަ އަހަރު ބޭއްވި މާލީ އެވޯޑްގެ ހިދުމަތުގެ އެވޯޑް

3 2014 ވަނަ އަހަރު ބޭއްވި އޭޝިއާ ބެސްޓް ބޭންކިންގ އެކްސެލެންސްގެ ބެސްޓް މެނޭޖްޑް އިސްލާމިކް ބޭންކް

4 2017 ވަނަ އަހަރުގެ ކޯޕަރޭޓް ގޯލްޑް 100 ކޮމްޕެނީ

އެބްއައިބީއަކީ ސަރުކާރުގެ 25 ޕަސެންޓް ހިއްސާ އަދި އައިސީޑީގެ 75 ޕަސެންޓް ހިއްސާވާ އަދި އަމަނާގެ ފަސް ޕަސެންޓް ހިއްސާވާ ބޭންކެކެވެ.