ގައުމީ އެއާލައިން މޯލްޑިވިއަން އިން އެއާބަސް އޭ330 މަރުކާގެ މަތިންދާބޯޓެއް މިއަހަރު ތެރޭގައި ގެނެވޭތޯ މަސައްކަތް ކުރަމުން އަންނަކަމަށް އައިލެންޑް އޭވިއޭޝަން އިން ވިދާޅުވެއްޖެއެވެ.

"ވަގުތު"އަށް ދެއްވި އިންޓަވިއުއެއްގައި އައިލެންޑް އޭވިއޭޝަންގެ ހެޑް އޮފް އެޑްމިނިސްޓްރޭޝަން ނަޝާތް ހަމީދު ވިދާޅުވީ، މިއަހަރު އެންމެ ބޮޑަށް މަސައްކަތް ކުރަމުން ދަނީ ޖަރުމަނުގެ ބޮޑު ބޯޓު އޭ330 ގެނެވެތޯ ކަމަށެވެ. ނަޝާތް ވިދާޅުވީ، މިހާރު އެކަމުގެ މަޝްވަރާތައް ވަަރަށް ބާރަށް ކުރިއަށްދާ ކަމަށެވެ.

ނަޝާތް ވިދާޅުވީ، އެ ބޯޓަކީ 335 ފަސެންޖަރުންގެ ޖާގައިގެ ބޯޓެއް ކަމަށާއި، އެ ބޯޓު ދަތުރުކުރާނެ މަންޒިލެއް ކަނޑައަޅާފައިނުވާ ކަމަށެވެ.

އަދި އިތުރު މަންޒިލްތަކަށް ދަތުރުކުރުމުގެ ސްޓަޑީތައް ހަދަމުން އަންނަކަމަށް ނަޝާތް ވިދާޅުވިއެވެ.

"އޭޝިއާ ބައްރުން ބޭރަށް ދިޔުމުގެ ވިސްނުންވެސް އެބަހުރި. އެކަމުގެ ސްޓަޑީތައްވެސް ކުރިއަށްދަނީ". ނަޝާތް ވިދާޅުވިއެވެ.

މިހާރު މޯލްޑިވިއަނުން ބޭނުންކުރާ އެއާބަސްގެ އެއާކްރާފްޓުތަކަކީ 200 މީހުންގެ ޖާގައިގެ، އޭ321 ބޯޓަކާއި 150 މީހުންގެ ޖާގައިގެ، އޭ320 މަރުކާގެ ބޯޓެކެވެ.

ރާއްޖޭގެ ހުރިހާ އެއާޕޯޓް ތަކަށް މޯލްޑިވިއަން އިން ދަތުރުކުރަމުންދާއިރު ތައިލެންޑް، ޗައިނާ، އިންޑިއާ އަދި ބަންގްލަދޭޝް އަށް ވެސް އަށް މޯލްޑިވިއަން ގެންދަނީ ދަތުރުކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު