"100 ކޭ ޝީލްޑް" ގެ ނަމުގައި އަމާނާތަކާފުލް އިން ވަރަށް ހާއްޞަ ޕެކޭޖެއް ތައާރަފްކޮށްފިއެވެ. މި ޚިދުމަތް ތައާރަފް ކޮށްދެއްވާފައިވަނީ އެކަމަށްޓަކައި މިއަދު ހެނދުނު އަމާނާތަކާފުލްގެ ހެޑް އޮފީހުގައި ބޭއްވި ހާއްޞަ ރަސްމިއްޔާތެއްގައެވެ.

މިއަދު އަމާނާތަކާފުލް އިން ތައަރަފްކުރި "100 ކޭ ޝީލްޑް" ޕެކޭޖަކީ، އެއްގަމު އުޅަނދު ދުއްވާ ފަރާތްތަކަށް ހާއްސަ ކޮށްގެން 100000ރ އާއި ހަމައަށް އެހީ ލިބިގެންދާ ޕެކޭޖެކެވެ. މި ޕެކޭޖުގެ ދަށުން އެއްގަމު އުޅަނދު ދުއްވަން އިންނަ ފަރާތާއި ފަހަތުގައި އިންނަ ފަރާތަށް އެކްސިޑެންޓެއްގެ ސަބަބުން ދިމާވާ ދާއިމީ ނުކުޅެދުންތެރިކަމާއި އަދި ފުރާނައަށް ގެއްލުންވާ ފަދަ ކަންކަމުގައި އެހީފޯރުކޮށްދޭނެކަމަށް އަމާނާތަކާފުލްއިން ވިދާޅުވެއެވެ.

މިއަހަރުގެ ފެބުރުވަރީ، މާރޗް އަދި އެޕްރިލް މަހުގެ ތެރޭގައި އަމާނާތަކާފުލްގެ ތާރޑް ޕާޓީ މޮޓޯ އިންސިއުރެންސް ނަންގަވާ ފަރާތްތަކަށް "100 ކޭ ޝީލްޑް" ހިލޭ ލިބިވަޑައިގަންނަވާނެކަމަށް އަމާނާތަކާފުލް އިން ވިދާޅުވިއެވެ.

މި ހިދުމަތަށް އެދުމަށް ވަކި ހާއްޞަ ލިޔުމެއް ހުށަހަޅަން ޖެހިވަޑައި ނުގަންނަވާނެ ކަމަށާއި، އާންމު އުސޫލުން ޚިދުމަތަށް އެދޭ ފަރާތުގެ އައިޑީ ކާޑާއި ސައިކަލުގެ ރަޖިސްޓަރީގެ ކޮޕީ ހުށަހެޅުމުން މި ޚިދުމަތް ލިބިވަޑައިގަންނަވާނެ ކަމަށް އަމާނާތަކާފުލްއިން މައުލޫމާތު ދެއްވައެވެ. މި ޚިދުމަތް އެ ކުންފުނީގެ ކަސްޓަމަރ ސަރވިސް ސެންޓަރުންނާއި (ސޯސަންމަގު އަގޯރާ ހުންނަ އިމާރާތުގެ 3 ވަނަ ފަންގިފިލާ)، އަމާނާތަކާފުލްގެ އިންސިއުރެންސް ޙިދުމަތްލިބޭ ގަރާޖުތަކުން އަދި މޮބައިލް އެޕްލިކޭޝަނާއި އެ ކުންފުނީގެ ވެބްސައިޓުންވެސް ލިބިވަޑައިގަންނަވާނެއެވެ.

"100 ކޭ ޝީލްޑް" ތައާރަފް ކުރުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި، މި ޕެކޭޖް އެންމެ ފުރަތަމަ ނެންގެވި ފަރާތަށް ރަމްޒީ ގޮތުން ޕެކޭޖް ހަވާލުކޮށްފައިވާއިރު، އެކުންފުނީގެ އޭޖެންޓުންގެ ގޮތުގައި ވޭތުވެދިޔަ އަހަރު މަސައްކަތް ކުރައްވާފައިވާ ފަރާތްތަކަށް ވަނީ އެ ފަރާތްތަކުން ކޮށްދެއްވާފައިވާ ބުރަ މަސައްކަތުގެ އަގު ވަޒަންކޮށް ހަނދާނީ ފިލައެއް އަރުވާފައެވެ.

2016 ވަނަ އަހަރާ އަޅާބަލާއިރު 132 އިންސައްތައިގެ ކުރިއެރުމެއް އަމާނާތަކާފުލް އިން ހޯދާފައިވާއިރު، މި ކުރިއެރުމުގެ އަސްލަކީ ކުންފުންނާއެކު މަސައްކަތް ކުރެއްވި އޭޖެންޓުން ކޮށްދެއްވާފައިވާ ބުރަ މަސައްކަތް ކަމަށާއި، އެކަމަށްޓަކައި އެފަރާތްތަކަށް އަމާނާތަކާފުލްގެ ސީ.އީ.އޯ ވަނީ ޝުކުރު އަދާކުރައްވާފައެވެ. އަދި އެ ކުންފުނިން އަބަދުވެސް މަސައްކަތް ކުރައްވާނީ ކަސްޓަމަރުންނަށް އެންމެ ލުއި ފަސޭހަ ގޮތްތަކަށް ޚިދުމަތް ފޯރުކޮށް ދިނުމަށް ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

އަމާނާތަކާފުލް އަކީ ދިވެހިންގެ އިތުބާރާއި ޔަޤީންކަން ހޯދާފައިވާ ކުރިއަރަމުން އަންނަ އިންސިއުރެންސް ކުންފުންޏެކެވެ.