އުތުރު އެމެރިކާގައި ބާއްވާ އެންމެބޮޑު ސީފުޑް އެކްސްޕޯގައި ރާއްޖެ އިން ބައިވެރިވެއްޖެއެވެ.
މި އެކްސްޕޯގައި ދިވެހިރާއްޖޭން ބައިވެރިވީ، މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗާގެ މޯލްޑިވްސް ފިޝަރީޒް ޕްރޮމޯޝަން ބޯޑާއި މަސްވެރިކަމުގެ ސިނާއަތުގައި ހަރަކާތްތެރިވާ ސަރުކާރާއި އަމިއްލަ ކުންފުނިތަކުންނެވެ. އެގޮތުން މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރިޒް ކޮމްޕެނީ ލިމިޓެޑް (މިފްކޯ) އާއި ހޮރައިޒަން ފިޝަރީޒް އާއި އެންސިސް ފިޝަރީޒް އިން ބައިވެރިވާ ކަމަށް ފިޝަރީޒް މިނިސްޓްރީން މައުލޫމާތުދެއެވެ.
އެމެރިކާގެ ބޮސްޓަންގައި އިއްޔެ ފެށި މި އެކްސްޕޯގައި ދުނިޔޭގެ ސީފުޑްގެ ވިޔަފާރީގައި ޚަރަކާތްތެރިވާ 1341 އަށްވުރެ ގިނަ ކުންފުނި ބައިވެރިވާއިރު 57 ގައުމަކުން ވެސް އެ އެކްސްޕޯގައި ބައިވެރިވާ ކަމަށް ފިޝަރީޒް މިނިސްޓްރީން ހާމަކުރެއެވެ.
މިފެއަރ ޙާއްސަ ކުރެވިފައިވަނީ މަހުގެ އުފެއްދުންތަކުގެ ވިޔަފާރި ފުޅާކުރުމަށާއި މަސްވެރިކަމުގެ އިންޑަސްޓްރީއަށް ބޭނުންވާ ވަޞީލަތްތައް އިޝްތިހާރު ކުރުމަށެވެ.
ފިޝަރީޒް މިނިސްޓްރީން ވިދާޅުވީ މިފަދަ އެކްސްޕޯތަކުގައި ރާއްޖެ ބައިވެރިވެ، ރާއްޖޭގެ އުފެއްދުންތައް އިޝްތިހާރުކޮށް މާރކެޓްކުރުމުގެ ފުރުޞަތު ތަނަވަސްވެގެން މިދަނީ ދިވެހި މަސްވެރިން ބާނާ މަހަށް އެވަގުތަކު ދުނިޔޭގެ ބާޒާރުގައި ހުރި އަގު ލިއްބައިދިނުމަށް ސަރުކާރުން ކަނޑައަޅާފައިވާ ލަނޑުދަނޑި ހާސިލްކުރުމަށް ރާއްޖެއިން އެކްސްޕޯޓް ކުރާ މަހުގެ ބާވަތްތަކަށް އިތުރު ފުރުޞަތު ތަނަވަސްކޮށްދިނުމުގެ މަޤްޞަދުގައި ކަމަށެވެ.
މިއެކްސްޕޯގެ ސަބަބުން ދިވެހިރާއްޖޭގެ މަސްވެރިކަން ތަރައްޤީކުރުމަށް އިތުރު ފުރުޞަތުތަކެއް ލިބި ދިވެހިރާއްޖޭގެ މަހުގެ ވިޔަފާރި ފުޅާވެގެންދާނެ ކަމަށް މިނިސްޓްރީން ހާމަކުރެއެވެ.