ޑައިމަންޑް ރިސޯޓްގެ ފަރާތުން ހިންގާ ބައިނަލްއަޤުވާމީ ފަތުރުވެރިކަމުގެ ދާއިރާގެ ތަމްރީނު ޕްރޮގުރާމު ފުރިހަމަ ކުރަމުންދާ ދަރިވަރުން، ތަޖުރިބާ ހޯދުމުގެ ގޮތުން "ޑައިމަންޑްސް ތުނޑުފުށި އެންޑް ވޯޓަރ ވިލާސް" ރިސޯޓަށް ދަތުރެއް ކޮށްފިއެވެ.

ސްވިޒަލެންޑުގެ މަޝްހޫރު ދެ ހޮސްޕިޓަލިޓީ ޓީޗަރުން ކަމުގައިވާ ޕައޮލޯ ޒަންގާ އަދި އަލިއެންޑްރޯ ޒަޗިއޯއާއެކު މި ދަތުރުކޮށްފައިވަނީ ނިމިގެންދިޔަ ފެބުރުވަރީ މަހުގެ 24 ވަނަ ދުވަހުއެވެ.

ޑައިމަންޑް ރިސޯޓް ގުރޫޕުން މައުލޫމާތު ދިން ގޮތުގައި މި ދަތުރުގައި ތަމްރީނުގެ ބައިވެރިންނަށް ރިސޯޓުތަކުގައި ކުރަމުންދާ މަސައްކަތްތަކާއި މުވައްޒަފުންގެ ތަޖުރިބާތައް ކިޔައިދީފައިވެއެވެ. ހަމައެހެންމެ، ރިސޯޓުގެ އެގްޒެކެޓިވް ޝެފާއި އިންވައިޓެޑް ޝެފް ވަނީ އެފަރާތްތަކުގެ ދާއިރާއާ ބެހޭ ގިނަ މައުލޫމާތު ދީ، އެދާއިރާގައި ހުރި ފުރުޞަތުތަކުގެ މައުލޫމާތުވެސް ބައިވެރިންނަށް ދީފައެވެ.

ޑައިމަންޑް ރިސޯޓްސް ތުނޑުފުށި އަދި އަތުރުގައަކީ ސްވިޒަލެންޑުގެ ޕްލޭންހޮޓަލް ގުރޫޕްސް އިން ހިންގަމުންދާ ރިސޯޓުތަކެކެވެ. އެގުރޫޕުން މިދިޔަ އަހަރު މި ތަމްރީން ޕްރޮގުރާމް ފަށާފައިވާއިރު، މިކަން ކުރަމުންދަނީ އަމޭލިޔާ ރޮއްސޯ ފައުންޑޭޝަނާ ވެސް ގުޅިގެންނެވެ.

މި ތަމްރީނުތައް، ހަތަރު އަހަރު ހިންގުމަށް، ޑައިމަންޑްސްގެ އިންޓަނޭޝަނަލް ހޮޓެލް ސްކޫލުންވަނީ ނިންމާފައެވެ.