ދުނިޔޭގެ ފުރަތަމަ އަންޑަވޯޓަރ ވިލާ ނުވަތަ ކަނޑުއަޑީގެ ވިލާ ކޮންރަޑް މޯލްޑިވްސް ރަންގަލި އައިލެންޑް ރިސޯޓުގައި ހުޅުވައިފިއެވެ.

"މުރަކަ"ގެ ނަމުން ނަންދީފައިވާ މި ވިލާ ފަރުމާކޮށްފައިވަނީ 2 ފަންގިފިލައަށެވެ. އެގޮތުން މޫދުގެ މަތިން އެއް ފަންގިފިލާ ފެންނަން ހުންނައިރު، އަނެއް ފަންގިފިލާ ހުންނާނީ ކަނޑުގެ 5 މީޓަރު އަޑީގަކަމަށް ކޮންރަޑް މޯލްޑިވްސް ރަންގަލި އައިލެންޑް ރިސޯޓުން ބުނެއެވެ. މުރަކަ ރަސްމީކޮށް ހުޅުވާފައިވަނީ މިމަހުގެ އެއްވަނަ ދުވަހުގައެވެ އަދި މިހާރުވެސް ފަތުރުވެރިން ބުކިން ހަދާފައިވާކަމަށް އެ ރިސޯޓުން މައުލޫމާތު ދެއެވެ..

ކޮންރަޑް މޯލްޑިވްސް ރަންގަލި އައިލެންޑް ރިސޯޓުގަ އެންމެ ރެއެއް ހޭދަކޮށްލުމަށްވެސް 50 ހާސް ޑޮލަރު (771،000 ދިވެހި ރުފިޔާ) ދައްކަންޖެހެއެވެ. މި ވިލާގެ އިންޓީރިއަރ ޑިޒައިންކޮށްފައިވަނީ ރަންގަލި އައިލެންޑް ރިސޯޓު ހިންގާ މައި ކުންފުނި ،ކްރައުން ކޮމްޕެނީގެ އާކިޓެކްޗަރުންނެވެ. އަދި މި ވިލާ ހަދާފައިވަނީ އެކުއޭރިއަމް ޓެކްނޮލޮޖީއަށް ޚާއްޞަ ނިއުޒިލޭންޑުގެ މަޝްހޫރު ކުންފުންޏެއްކަމަށްވާ އެމް.ޖޭ މާރފީ ލިމިޓެޑުންނެވެ.

15 މިލިއަން ޑޮލަރު ޙަރުދުކޮށްގެން ހަދާފައިވާ މި ވިލާގެ ނިދާ ކޮޓަރި ހުންނަނީ ކަނޑު އަޑީގައި ހުންނަ ސުއިޓްގައެވެ. އެ ސުއިޓްގައި ކިންގް ސައިޒުގެ ބެޑް ރޫމަކާއި ލިވިން އޭރިއާ އާއި ފާޚާނާއެއް ހުންނާނެއެވެ. އެ ސުއިޓް ހުންނަނީ ކަނޑުގެ ލޮނުގަނޑަށް ވުރެ 16.4 ފޫޓު އަޑީގައެވެ. މީގެ އިތުރުން އެ ވިލާގައި ލިވިންގ އޭރިޔާއެއްގެ އިތުރުން ޖިމަކާއި، ޑައިނިން ރޫމްއަކާއި، ޕޫލްއެއްވެސް ވަނީ ހިމަނާފައެވެ.

އަދި މިތަނުގެ އެންމެ ހިތްގައިމުކަމަކީ، ކަނޑުއަޑީގެ ގުދުރަތީ މުއްސަނދިކަމުގެ އިތުރަށް އިރުއަރާ މަންޒަރާއި، އިރުއޮއްސޭ މަންޒަރުވެސް ރީތިކޮށް ފެނުމެވެ. 5 ތަރީގެ ކޮންރަޑް މޯލްޑިވްސް ރަންގަލި އައިލެންޑް ރިސޯޓުގައި މީގެ 13 އަހަރު ކުރިންވަނީ ކަނޑުގެ 4.9 މީޓަރުއަޑީގައި ރެސްޓޯރެންޓެއްވެސް ހަދާފައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ޙަފްޞާ / މާލެ

    ރައީސް ޔާމީން 2013 ގެ އިންތިޚާބު ކާމިޔާބުކުރައްވާ ހުވައިކުރެއްވުމަށްފަހު ވިދާޅުވެފައިވަނީ ދިވެހިރއްޖޭގެ އިޤްތިޞާދު ފަހިވެގންދާނޭ 5 އަހަރު މާތްﷲގެ ރަޙްމަތްފުޅާއެކު ދިވެހިންނަށް ދައްކަވާނޭކަމަށެވެ. ވެއްޓިފައިވާ ދިވެހި އިޤތިޞާދު ނަގައި ކޮޅަށްށް ޖައްސަވަނޭކަމަށެވެ. ރާއްޖޭގެ ތަރައްޤީގެ ދުވެލި ހަލުވިކުރައްވާނޭކަމަށެވެ. ޞިއްޙީ ދާއިރާއާ ތަޢުލީމީދާއިރާ އާހަރުފްތަކަކަށް ގެންދަވާނޭކަމަށެވެ. 5 އަހަރުތެރޭގައި މަދުވެގެން އާ 25 ރިސޯޓު ވުޖޫދަށް ގެންނަވަނޭކަމަށެވެ. ދިވެހިން ވިސްނަވާށެވެ. މި ހުރިހާކަމެއް މިވަނީ ޙާޞިލްވެފައެވެ. ދެންއޮތީ މީގެ ފޮނިމީރުކަން ލިބިގަތުމެވެ.