ޓެކްސް ނުދައްކައިގެން ފްރީޒް ކުރާ އެކައުންޓްތައް ދޫކޮށްލާ އުސޫލަށް މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން ލުއިތަކެއް ގެނެސްފިއެވެ.

މިއަދު މީރާ އިން ގެޒެޓް ކޮށްފައިވާ އެންފޯސްޓްމަންޓް ޕޮލިސީ އަށް ދެވަނަ އިސްލާހު ގެނައުމުގެ ޤަވައިދު ބުނާ ގޮތުން އެއްވެސް ފަރާތެއްގެ ބޭންކް އެކައުންޓުތަކުގައި ހުރި ފައިސާ ހިފަހައްޓައިފައިވާ ހިފެހެއްޓުން ދޫކޮށްލެވޭނެ ތިން ހާލަތެއް ވަނީ ބަޔާންކޮށްފައެވެ. އެ ހާލަތުތަކުގައި އެ ފަރާތުގެ ބޭންކް އެކައުންޓުގައިވާ ފައިސާ ހިފަހައްޓައިފައިވާ ހިފެހެއްޓުން ދޫކޮށްލުމަށް ބޭންކުތަކަށް އަންގަންވާނެ ކަމަށް ޤަވައިދުގައި ބުނެފައި ވެއެވެ.

އެހާލަތްތަކަކީ އެ ފަރާތުން ނުދައްކާހުރި ފައިސާގެ އަދަދު މީރާއަށް ހަމައަށް ލިބުން ނުވަތަ އެ ފައިސާ ދައްކާނެ ގޮތަކާމެދު މީރާއާއެކު އެއްބަސްވުމަކަށް އައުން؛ ނުވަތަ އެ ފަރާތުން ދައްކަންޖެހޭ ފައިސާ ދައްކާ ޚަލާސްކުރެވޭ މިންވަރަށް އެ ފަރާތުގެ ބޭންކް އެކައުންޓުގައި ފައިސާ ނެތް ނަމަވެސް، މީރާއިން އެ ފަރާތުގެ ބޭންކް އެކައުންޓު ހިފެހެއްޓުމަށް ބޭންކަށް އަންގާތާ 90 ދުވަސް ފާއިތުވުން ނުވަތަ އެ ފައިސާ ހޯދަން މީރާ އިން ކޯޓަށް މައްސަލަ ހުށަހެޅުން؛ ނުވަތަ އެ ފަރާތުގެ އެކައުންޓުގައިވާ ފައިސާ ހިފަހައްޓައިފައިވާ ހިފެހެއްޓުން ދޫކޮށްލުމަށް ކޯޓަކުން އަމުރުކުރުން ނުވަތަ މަތީ ކޯޓެއްގައި މައްސަލަ އިސްތިއުނާފް ކުރުމެވެ.

އެއްވެސް ފަރާތެއްގެ ބޭންކް އެކައުންޓުތަކުގައި ހުރި ފައިސާ ހިފަހައްޓައިފައިވާ ހިފެހެއްޓުން ޤަވައިދުގެ ދަށުން ދޫކޮށްލާ ހާލަތުތަކުގައި އެ ފަރާތުން ނުދައްކާހުރި ފައިސާއާ މެދު އަމަލު ކުރާނީ ކޯޓުން ކަނޑައަޅާ ގޮތެއްގެ މަތިން ކަމަށް ވެސް ޤަވައިދުގައި ވެއެވެ.

ކުރިން އަމަލު ކުރަމުން އައި ގޮތުން މީރާއަށް ފައިސާ ނުދައްކައިގެން ފްރީޒް ކުރާ އެކައުންޓްތައް ދޫކޮށްދެނީ އެ ފައިސާ ދައްކައި ހަލާސް ކުރުމުންނެވެ.

އަލަށް ގެނައި ބަދަލާއެކު ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކުން ދައްކަން ޖެހޭ ފައިސާ ބަހާލައިގެން ދެއްކުމަށް ވެސް ވަނީ ލުޔެއް ގެނެސްފަ އެވެ. ކުރިން އަމަލުކުރާ ގޮތުން، ބަހާލައިގެން ފައިސާ ދެއްކުމުގެ ފުރުސަތު ދެނީ ދައްކަންޖެހޭ ފައިސާގެ އަދަދު 20000ރ. އަށް ވުރެ މަތި ނަމަ އެވެ. އެކަމަކު، މިހާރު ވަނީ އެ އަދަދަކީ 10000ރ. ކަމަށް ކަނޑައަޅައިފަ އެވެ.

ޓެކްސް ނުދައްކާ ފަރާތްތަކާއި ޓެކްސް އާއި ގުޅިގެން މީރާ އިން ކުދި ވިޔަފާރިތަކާއި މެދު އަމަލު ކުރާ ހަރުކަށި އުސޫލުގެ ދަށުން އެތައް ވިޔަފާރިވެރިންނަކަށް ވަނީ ގިނަ ދަތިތަކެއް ދިމާވެފައެވެ. މީރާ އިން މިހާރު ގެންގުޅޭ ހަރުކަށި އުސޫލު ބަދަލު ކުރުމަކީ މިމަހުގެ 23 ވަނަ ދުވަހު ވެރިކަމާއި ހަވާލުވެ ވަޑައިގަންނަވާ އިބްރާހިމް މުހައްމަދު ސޯލިހްގެ ރިޔާސީ ވައުދެކެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ޞޯލިހު

    ބޮޑު ވަބާއެއް ތި މީރާ އަކީ.... ތިޔަ އެއްޗެއްގެ ކިބައިން ސަލާމަތް ނުވެވިގެން މަވެސް މިއުޅެނީ .. ޥަތްގަނޑުގަ އޮތީ 100 ރފ ގެ ކިތައް ނޫޓުތޯ ބަލަންވެސް ވަދޭ...

  2. އަހްމަދު

    ހުރިހާމީހުންނަކީވެސް ގާނޫނާ އެއްގޮތަށް މަސައްކަތްކުރާމީހުންނަށް ވެގެންނޫނީ އެއްވެސްކަމެއް ހައްލެއްނުވެ މީރާވެސްގޯސްވާނެ ސަރުކާރުވެސްގޯސްވާނެ